މި މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވީ ފުލުހުންނެވެ. ފުލުހުން ބުނީ މި މައްސަލައިގައި ފިޔަވަޅު އަޅަން ފޮނުވީ ޓްރެފިކް ގާނޫނާ ހިލާފުވެފައި ވާތީ ކަމަށެވެ.
މި މައްސަލައިގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. ވީޑިއޯގައި ފެންނަނީ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވާ މީހަކު ސައިކަލު ދުއްވާ މަންޒަރެވެ. ވީޑިއޯގައި ފެންނަނީ ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ ކުރިއަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައިދާ މަންޒަރެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކުއްޖާ އަތަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.