ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް ބައެއް ރިޕޯޓްތައް އާއްމުވެފައިވަނީ، ސްވިޑްންގެ ސްޓޮކްހޯމްގެ ނައިޓް ކްލަބެއްގައި މި އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ކަމަށް ތުހުމަތު ކުރާ ހާދިސާއަކާ ގުޅިގެންނެވެ.
އެމްބާޕޭގެ މައްޗަށް ކުރެވުނު މި ތުހުމަތުތަކާ ގުޅިގެން ސްވިޑްންގެ ޕްރޮސިކިއުޓަރުން، ކްރިމިނަލް ރިޕޯޓެއް ހަދާފައިވާ ކަމަށް ސީއެންއެންއިންވަނީ މިއަދު ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅިގެން ސްވިޑްން ޕްރޮސިކިއުޓަރުން މީޑިއާ ސްޓޭޓްމެންޓެއް އާއްމުކޮށްފައިވީނަމަވެސް އޭގައި ވަކި މީހެއްގެ ނަމެއް ފާހަގަކޮށްފައެއް ނެތެވެ.
މި ތުހުމަތުތައް އެމްބާޕޭގެ ފަރާތުންވަނީ ދޮގުކޮށްފައެވެ. އެމްބާޕޭގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ގާނޫނީ ޓީމުންވަނީ އެ ތުހުމަތުތަށް ދޮގުކޮށް އަދި އެ ރިޕޯޓްތައް ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންނަމަވެސް ތުހުމަތެއް އުފަންވާވަރުގެ ހެކި ސްވިޑްންގެ ޕްރޮސިކިއުޓަރުން އަތުގައި ހުރި ކަމަށް އެ މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެމްބާޕޭގެ ފަރާތުން މި ތުހުމަތުތައް ދޮގުކުރިނަމަވެސް އޭނާ ހުސްވި ހަފްތާ ބަންދުގައި ސްޓޮކްހޯމްއަށް ދަތުރުކުރިކަން ބައިނަލް އަގްވާމީ މީޑިއާތަކުންވަނީ ކަށަވަރުކޮށްދީފައެވެ.