ހުޅުވާލާފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ 3 ހޮޓަލެއްކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން އެ 3 ހޮޓަލު ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށް އެޗްޑީސީން ބުނެއެވެ. ލޭންޑް ލީސް މޮޑެލްއަށް އިސްކަންދޭން ނިންމާފައިވާ ނަމަވެސް، އެޗްޑީސީއަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކޯޕޮރޭޝަނުން މައުލޫމާތުދެއެވެ.
އޭގެއިތުރުން އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް ހިމެނޭކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ އެވެ. އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ފާހަގަކޮށް އެޗްޑީސީން ބުނޫ [email protected] އީމެއިލް މެދުވެރިކޮށްވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.
މި ހޮޓާތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.