ads
ބީއެމްއެލް އައު ސީއީއޯ މުހައްމަދު ޝަރީފް
ބީއެމްއެލް ސީއީއޯ އަކަށް ޝަރީފް އައްޔަންކޮށްފި މީ ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.
Advertisement

މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ކަަމަށާއި ބޭންކުގެ މި ނިންމުމާއެކު ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ ކަަން ބީއެމްއެލް އިން ފާހަގަކުރެ އެވެ.

މުހައްމަދު ޝަރީފް ސީއީއޯގެ މަގާމަށް އައްޔަނުކުރަން ނިންމުމާ ގުޅިގެން އެ ބޭނުންކުން ނެރުނު ނޫސްބަޔާނުގައި ބުނީ އެއީ  ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަަމަށެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ.އަދި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފަ އެވެ. 

އެގޮތުން ޝަރީފްވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓާނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.

އެ ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށް ބީއެމްއެލްއިން ފާހަގަކުރެ އެވެ.

ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް ޝަރީފް އަދާކުރައްވާފައިވެ އެވެ.

ޝަރީފް ވަނީ ޔުނިވަސިޓީ އޮފް މެންޗެސްޓާއިން މާލީ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ. އޭގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރު އެގްޒެކްޓިވް ޕްރޮގްރާމް" ފުރިހަމަ ކުރައްވާފައިވެ އެވެ. އޭނާ ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރައްވައިފަ އެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވާފަ އެވެ.

ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް މި އައްޔަންކުރީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވަނީ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީނެވެ. 

ބީއެމްއެލުން މިދިޔަ މަހު ބޭއްވި، ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލައި ޗެއާޕާސަން އައްޔަންކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް