ads
އިހްސާސް - ހަތް ވަނަ ބައި
އެޕިސޯޑް 7
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އުދަގޫތަކާއެކުވިޔަސް އެވަގުތަށް ނިންމާންހުރި ކަންކަން ފުރިހަމަ ވެއްޖެ އެވެ.

އަތްދަނޑިމަށްޗަށް ކިއާރާ އުފުލައިލީ އެ ހަށިގަނޑުގެ ވަރުދޫވާން ފަށައިފިކަން އަހާންއަށް ވިސްނުމުންނެވެ. މިރެއާއި މާދަމާ، 'ރަށުގެ ވަށް ގެއިން ލިބޭނެ މެހެމާންދާރީއަށް' އަހާން ނިކަން ރަގަޅަށް ތައްޔާރެވެ. ރަށުގައި ކުޑަކުޑަ ހެލްތް ސެންޓަރަކާއި ކުޑަ ކެފޭއެއް ހުރީތީ ﷲއަށް ހަމްދުކުރި އެވެ. މިހާލަތުގައި ވަގުތީގޮތުން ޒަރޫރީކަންކަން ފުރިހަމަކުރުމަށް އެ މިންވަރު އަހާންއަށް ފުދެ އެވެ.

...........................

ވަށް ގޭގައި ވަގުތު ހޭދަކުރީ މިނިވަންކަމެއް ނެތި އެވެ. އެތަނުގެ ވަށައިގެން ފޯރިމަރަމުން ގެންދިޔައީ އަހާން ވެފައިވާ  ވައުދާ ހިލާފުވެ، އެރަށުން ކިއާރާ ގޮވައިގެން ފިލާފާނެތީ އެވެ. ވަށްގެއާއި އެތަނުގެ ބޭރުގައިވެސް ނަސީރުގެ މީހުން 'އޮލަކޮށް' ތިއްބެވެ.

"ވަރަށް ރަގަޅަށް އަހަރެންގެ ވާހަކަ، ކިއާރާ މިވަގުތު އަޑުއަހާތި..! އަހަރެން މި ނިންމި ނިންމުމުގެ ހަމައެކަނި މަގުސަދަކީ މައުސޫމް ފުރާނައެއް ސަލާމަތްކުރުން.. ހަމަ އެކަނި އެސަބަބަށްޓަކައި ކައިވެނިކުރާން މި ނިންމީ! ކިއާރާގެ މަގާމުގައި ކޮންމެ އަންހެންކުއްޖަކު ހުރިނަމަވެސް އަހަރެން މިރޭ ކަންކަން ކުރާނީ ކިއާރާއާއިމެދު ކަންކަން މިކުރިގޮތަށް.. އަހަންނަކީ ކައިވެނި ގަބޫލުކުރާ މީހެއް ނޫން..! ލޯތްބަކީ އަހަރެން ދަންނަ ލަފްޒެއްވެސް ނޫން.. އެކަމަކު މިއަދު މިކަން ކުރަން އަހަރެންގެ މައްޗަށް މަޖުބޫރު..! މިކަން މާސީރިއަސްކޮށް ކިއާރާވެސް ނުނަގާތި.. ކިއާރާގެ އަމިއްލަ އިހްތިޔާރުގައި އަމިއްލަ ދިރިއުޅުން އުޅުމަށް އަހަރެން މަގުފަހިކޮށްދޭނަން.. އަހަރެންގެ ފަރާތުން ކިއާރާއަށް އެއްވެސް އުނދަގުލެއް ކުރިމަށްޗެއް ނުވާނެ..!" ޖެހިލުމެއްނެތި ކިއާރާގެ ކަންފަތާއި ގާތްވުމަށްފަހު އަހާން ބުނެލި އެވެ. 

ލިބުނު ބާރުގަދަ ޝޮކްގައި ކިއާރާގެ ލޭނާރުތަކުގެ ހިނގުން ހުއްޓުވާލި އެވެ. އަހާން އެބުނި ބަސްތަކުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ސީރިއަސްކޮށް ނުނަގަންވީ ކޮންކަމެއް ހެއްޔެވެ؟ އަހާން ބުނީ މި ކައިވެނިކުރާނެ ވާހަކައެވެ. ދެން އެބުނާ އެއްޗެއްގެ މާނައަކީ ކޮބައިހެއްޔެވެ؟

'ޔާﷲ ކުރިމަތިވަމުން އަންނަ ބާރުގަދަ ތޫފާނީ ކޮޅިގަނޑުގައި ހިފަހައްޓާލުމުގެ ހިތްވަރު މިއަޅާއަށް މިންވަރު ކުރައްވާންދޭވެ!

"މާބޮޑަށް މިވަގުތު ނުވިސްނާ.. ވަށައިގެން ގާޑްކުރާ ހުރިހާ ލޮލެއް އަމާޒުވެފައިވަނީ މި ދިމާއަށް..! އެކަމަކު މިއީ މިވަގުތު ކިއާރާއަށް އެނގުން މުހިއްމު ކަމެއް..! އަހަރެންނަކީ 'ލިވް އިން ރިލޭޝަންޝިޕް'ގައި އުޅޭމީހެއް..! އެގުޅުމަށް އެއް އަހަރަށްވުރެން ގިނަދުވަސްވެއްޖެ.. މިބުނި އެއްޗެއްގެ ތަފްސީލް އެނގޭދޯ..!؟" ފަހަރަކު ބޮމެއް އަހާން، ކިއާރާގެ ކަންފަތަށް އަމާޒުކުރަމުން ގެންދިޔަ އެވެ. ކިއާރާއަށް ހީވީ، އޭނާގެ މޭ ތޫނު ހަންޖަރަކުން ރަހުމުކުޑަ ގޮތަކަށް ތޮރުފަމުން ދިޔަހެނެވެ. 

"އޭގެ ހަގީގަތަކީ އަހަރުމެން ދެމީހުންވެސް ކައިވެނި ކުރާކަށް ބޭނުމެއް ނޫން.. އަހަރުމެންގެ މިނިވަންކަމުގައި ދެމީހުން އެކުގައި ދިރިއުޅެނީ އަހަރެންގެ ގޭގައި.. އެކަމާ ކިއާރާ ހާސްވާކަށް ނުޖެހޭނެ..! ކިއާރާގެ ހުރިހާ ޒިންމާއެއް އަހަރެން ފުރިހަމައަށް އުފފުލާނަން.. މާލެއަށް ގޮއްސައި އަހަރެންގެ ލޯޔަރާ ވާހަކަދައްކައިގެން ޑިވޯސްކަންތައްވެސް ކިއާރާއަށް ފުރިހަމަކޮށްދޭނަން.. އަހަރެން ކިއާރާ ދޫކޮށްލާނީ ފުރިހަމަ ދިރިއުޅުމެއް ކިއާރާއަށް ހޯދައިދިނުމަށްފަހު.. އެކަމަށް އަހަރެން މިވަގުތު ވައުދުވަން..! ޖަސްޓް ގިވް މީ ސަމް ޓައިމް.. ޕްލީޒް!!!؟؟" އެހެން މީހަކަށް އަޑުނީވޭވަރަށް ކިއާރާއަށް ހުރިހާ ހަގީގަތެއް އަހާން ބުނެދިނީ ވަގުތާއި ހާލަތު އެކަމަށް ތަންނުދިނަސް ވަރިހަމަކޮށްލާފަ އެވެ.

"އޭގެ ފަހުން..؟!" އަހާން ދެއްކި ހުރިހާ ވާހަކައަކަށް ކިއާރާ ކޮށްލީ ކުރު ސުވާލެކެވެ. ނަމަވެސް ކިއާރާއަށް އުފުލޭވަރަށްވުރެން ބަރުދަން ވަރުގަދަ ސުވާލެކެވެ.

"ހުރިހައި ކަމެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަހަރެން އަދާކުރާނަން.. ޑޯންޓް ވޮރީ ކިއާރާ..! އަހަރެން ކިއާރާ ދޫކޮށްލާނެ ނަމަ، މިރޭ މިވަގުތު މި މީހުންގެ އަތްމައްޗަށް ކިއާރާ ދޫކޮށްލާފައި އަޅިނުލައި ދިޔައީސް.. މިހިސާބުން މި ހަވާލުވީ، ޒިންމާ ނެގޭނެތީ..!" އަހާން ދިނީ ޔަގީން ކަމެވެ. ކިއާރާގެ ހިތުގައިވަނީ ބިރުވެރިކަމެވެ.

"އަހާންއާއެކު ދިރިއުޅޭ ކުއްޖާއަށް ދެންވާނީ ކިހިނެއް..؟" ކެތްނުވެގެން ކިއާރާ ސުވާލުކޮށްލި އެވެ. 

"އޯހްހހ.. އޭނާ ދޯ! ޝީ ވިލް އަންޑަސްޓޭންޑް..! އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ވަރަށް އިތުބާރުކުރަން.. ހުރިހައިކަމެއް ހިނގައިދިޔަ ގޮތް އޭނާއަށް ސާފުކޮށް އަހަރެން ބުނެދޭނަން.. އޭނާގެ މައްސަލައެއް ނޯންނާނެ..!" ހަމަޖެހިލާފައި އަހާން ބުނެލީ ކުޑަކޮށް ހިނިތުންވަމުންނެވެ. 

ބަހެއް ނުބުނެ ބޮލުގެ އިޝާރާތުން އެއްބަސްވެފައި ކިއާރާ ލޯމަރައިލި އެވެ. ބަލާނެ ކުލަ ރީތި މަންޒަރެއް ކިއާރާގެ ހަޔާތުގައި ދުވަހަކުވެސް ދެން ބައްދަލުކުރާނެކަމެއް ނޭގެ އެވެ. ލޯ ހުޅުވުމުގެ ބޭނުމަކީވެސް ކޮބައި ހެއްޔެވެ؟ 

ރެއިން ފެށިގެން ފާހާނާއަކަށް ނުގޮސް ދެމީހުން ތިބީ ވަށް ގޭ ޖޯލިފަތީގަ އެވެ. އުނަގަނޑާއި ބުރަކަށީގައި ރިއްސުމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ކިއާރާގެ ނުތަވަސްކަން ފާހަގަވުމުން އަހާން އެއްޗެއް ނުބުނެ ވަށައިގެން ބަލައިލީ ހައްލެއް ލިބޭނެ މަގެއް ފެނޭތޯ އެވެ. 

"ހެއި.. ހަލޯ..!" އަތް އުފުލާލާފައި އަހާން އިޝާރާތްކޮށްލީ ގާޑްކޮށްގެން ތިބި މީހުންގެ ތެރެއިން މީހަކަށެވެ.

ބުމަ ހިއްލާލާފައި ރުޅިވެރިކަމާއެކު ދެލޯ ވަށްކޮށްގެންހުރެ، އަހާންއާއި ހަމައަށްއައީ އެތަނުގައި ރޭ ހަތަރުދަމު އޭނާ ހުންނާން ޖެހުނުކަމުގެ ރުޅިވެރިކަން ދައްކާލާނަމޭ ބުނާފަދަ ގޮތަކަށެވެ. 

"ޒަރޫރީ ބޭނުންތައް ފުއްދުމަށް ފުރުސަތު ދިނުމަކީ ޖަލުގައި ތިބޭ ގައިދީންނަށްވެސް އޮންނަ މިނިވަން ފުރުސަތެއް.. ކަލޭމެން ތިތިބީ އެކަންވެސް ބަންދުކޮށްގެން.. ފާހާނާއަކަށް ދާން ޖެހިއްޖެ... ކަލޭމެންގެ މީހަކާއެކު އަހަރެންގެ ޔޮޓަށް ގޮސް، ފާހާނާކޮށްލުމުގެ ފުރުސަތު ފަހިކޮށްދެވޭނެ އެންމެ އަވަސް މަގެއް ހޯދަދީބަލަ.." އިތުރަށް ރުޅިއަރުވާލަން ގަސްތުގައި އަހާން ވާހަކަދެއްކީ ފޮނި ގޮތަކަށެވެ. 

"އޮތް ތަނަށް ދޭ..! ނޫނީ ނެރިފަ ދޫކޮށްލާ...!" އެމީހާގެ ޖަވާބުން އަހާންގެ އަނގަ ހުޅުވި ދެ ލޯ ބޮޑުވި އެވެ.

ކުއްލިޔަކަށް ބަލައިލެވުނީ ކިއާރާއަށެވެ. އަހާންގެ މޫނު ފިޔަވައި އެހެން ހުރިހައި ދިމާއަކަށް ކިއާރާ ބަލައިލީ ނޫފައިގަތްފައިވާ މޫނުގެ ކުލަ ރަތްކުލައަށް ބަދަލުވާކަން އިހްސާސްވީތީ އެވެ. ލަދުން އިސްޖަހައިލަންވެސް ނޭގިފައި ކިއާރާއަށް އިނދެވުނީ އެމީހާ އެބުނި އެއްޗެއް އޭނާއަށްވެސް އެނގޭތީ އެވެ.

"އެއި - ހަލޯ... މަށަށް ކެރިދާނެ ނެރިފަ ނަނު އެއްލަންވެސް.. އެކަމަކު ކަލޭގެ ރާޑަރަކަށް ކެތެއްނުވާނެ ބަލާކަށް..! މިތަނުގައއި އަންހެން ކުއްޖަކު އެބައިން.. ފާހާނާއެއް ބޭނުންވަނީ މަށަކަށް ނޫން.. ކިއާރާއަށް..! މިއީ ސީރިއަށް ހުށަހެޅުމެއް!" އަޑުގައި މިފަހަރު ސީރިއަސްކަން ވި އެވެ. އަހާންގެ ބަލައިލުން މީހެއްގެ ގައިން ހީބިހި ހިލުވާލާހައިވެ އެވެ. 

"ފެންނާން އެހެރީ މަސްވެރިންގެ ފާހާނާ.. އެތަނަށް ވަދޭ..! ކަލޭ ޔޮޓަށާއި ބޮޓަށާއި އާގުބޯޓަށް އަރާނީ މިރަށު ފަސްގަނޑުން ފައިބާން ހުއްދަ ލިބުނު އިރަކުން.." ރަހުމްކުރުމެއްނެތި އަންހެން ކުއްޖެއްގެ މައްޗަށް އެމީހުން އަމުރުކުރީ ފިރިހެނުން ބޭނުންކުރާ،، މަތި ހިޔާނުކޮށްހުރި  ނުތާހިރު ފާހާނާއަކުން އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. އެނޫން ގޮތެއް ނެތުމުން އެތަނަށް ވަނުމަށް ކިއާރާ ތެދުވި ވަގުތު ރަށުކޯޓުން މީހަކު އައިސް، ދެމީހުން ކޯޓަށް ހާޒިރުވުމަށް އެދެފި އެވެ. ލިބުނު އުފަލުގައި މާނޭވާއެއް ދޫކޮށްލެވުނީ މާބާރަށް ކަން އެނގުނީ އަހާން ހިނިއައުމުންނެވެ. 

...................

އަހާންގެ ގޭގެ ދޮރު ހުޅުވާލުމާއެކު ކިއާރާ ބަލައިލީ އަހާންއަށެވެ. އެއީ އެތެރެއަށް ވަނުމުގެ ހުއްދައަށް އެދދޭފަދަ ބެލުމެކެވެ. އަހާންގެ ހުއްދައާއެކު ކިއާރާގެ ކަނާތުފައި އެތެރެއަށް އެޅި އެވެ. އެތެރެއަށް ވަދެވުމާއެކު އަނގަހުޅުވުނީ އެވަރުގެ ފުރިހަމަކަމެއް އަދި އެވަރުގެ ބޮޑު ގެއެއް ދުވަހެއްގައިވެސް ކިއާރާއަށް ފެނިފައި ނުވާތީ އެވެ. އެއީ ފިލްމްތަކުގައި ފެންނަފަދަ ޒަމާނީ ގަނޑުވަރެއްކަން ސިފަވުމުން ވަށައިގެން ބަލައިލެވުނެވެ. މުއްސަނދިކަމާއި ތަނަވަސްކަން ނޫނީ އެއްވެސް ދިމާއަކުން ކިއާރާއަށް ނުފެނުނެވެ. ރަށުން ބޭރަށް ދުވަހަކުވެސް ދަތުރެއްކޮށްފައިނުވާ ކުއްޖަކަށް މިއީ އާދަޔާހިލާފް ހައިރާންކަމަށް ނުވެނުދާނެކަން އަހާންއަށްވެސް އެގެ އެވެ.

"ކަމް، ކިއާރާ..! އަހާންގެ ފިޔަވަޅު ފަހަތުން ކިއާރާ ހިނގައިގަތެވެ. 

"މި ކޮޓަރި... މިއަދުން ފެށިގެން މިއީ ކިއާރާގެ ކޮޓަރި..! މަޑުކޮށްލާ، ސަރވަންޓަކަށް އަހަރެން ގޮވާލާނަން..!" ފުރަތަމަ ފަންގިފިލާއިން ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި އަހާން ބުނެލީ އިހްތިރާމާއެކު އެވެ. 

އަހާންގެ އަޑަށް ނުހަނު އަވަހަށް ސަރވަންޓަކު އެތަނަށް ހާޒިރުވި އެވެ. ކިއާރާ ފެނުމާއެކު އޭނާ ހައިރާންވެ ޝޮކް ލިބުނުކަން އިތުރުމީހަކު ކިއާރާއަށް ބުނެދޭކަށް ނުޖެހެ އެވެ. ކިއާރާގެ ފައިން ފެށިގެން މައްޗަށް ބަލައިލުމުން ކިއާރާ ލަދުގަތެވެ. 

"ރަގަޅަށް އަޑު އަހާ..! މިއަދުން ފެށިގެން ކިއާރާ ދިރިއުޅޭނީ މިގޭގައި.. އެއްވެސް ކަމަކަށް ކިއާރާއަށް ދަތިވެގެން ނުވާނެ.. އޭނާގެ ކޮޓަރި، ވީ އެންމެ އަވަހަކަށް ސާފުކޮށްލާ!" ޒިޔާދާއަށް އިޝާރާތްކޮށް އަހާން ބުންޏެވެ.

ކިއާރާ އަދިވެސް ހުރީ މައިރާގެ ވެޑިންގ ޑްރެސް ލައިގެންކަން އަހާންއަށް ފާހަގަކުރެވުނީ އެވަގުތު އެވެ. 

"މިރޭ މިހާރު ވަރަށް ލަސްވެއްޖެ.. ހެދުމެއް ގަންނަށް ލިބޭނެ ގޮތެއް ނޯންނާނެ.. އެކަމަކު މާދަމާ އެންމެ ހެނދުނާ އެކަން ހަމަޖައްސައިދޭނަން.. ހަޔާގެ ހެދުން ހުންނާނެ.. އެކަމަކު އެއިން އެއްޗެއް ލާން ކިއާރާ ބޭނުންނުވާނެކަން އަހަންނަށް ޔަގީން.." އަމިއްލައަށް ގޮތް ނިންމާފައި އަހާން ބުންޏެވެ.

"މިވަރުން ފުދޭ.. މިގޮތްވެސް ރަގަޅު..!" ކިއާރާ ބުނެލީ އަދަބުވެރިކަމާއެކު އެވެ.

"އޯކޭ..!؟ ހެނދުނާއި ހަމައަށް ކެތްކޮށްލާ..! ހުރިހައި ކަމެއް ފުރިހަމަވާނެ ހެނދުނުން..! ޖެހިގެން މިހުރީ އަހަރެންގެ ކޮޓަރި... ކޮންމެ ވަގުތަކު، ކޮންމެ ކަމެއް ބޭނުންވިޔަސް، އަހަންނަށް ގޮވާލާ.." އިހްތިރާމާއެކު އަހާން ބުންޏެވެ.

ކިއާރާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ވެފައިވާ ވަރުބައްޔާއި އަޅަމުންދިޔަ ވޭނުން އޭނާ ބޭނުންވީ ތަނެއްގައި ހަމަޖެހިލާށެވެ. އޭނާ މިވަގުތު ހުރީ ކަމެއްވިސްނޭ ހާލަތެއްގައި ނޫނެވެ. 

ފަހު ފަހަރަށް ކިއާރާއަށް ބަލައިލަމުން އަހާން ވަނީ އޭނާގެ ކޮޓަރިއަށެވެ.

"ސާރ އާއި ކައިވެނި ކޮށްގެން ތޯ ތިއައީ..؟" ހައިރާންވެފައި މެއިޑް ފުރަތަމަވެސް ކޮށްލީ އެ ސުވާލެވެ.

"ހޫމްމމ" ކިއާރާގެ ޖަވާބު ކުރެވެ.

"އެކަމަކު ސަރ އެއީ ކައިވެނި ގަބޫލުކުރާ މީހެއްވެސް ނޫން.." ހައިރާންވެފައި ޒިޔާދާ ބުންޏެވެ.

"ކައިވެނީކުރީ މުސީބާތަކުން އަހަރެން ސަލާމަތްކުރުމަށް..!" ކިއާރާ ބުންޏެވެ.

"ކޮންމެ ހާލަތެއްގައިވިޔަސް މިއަދު ތިއީ ސަރގެ ވައިފް..! ކިއާރާ ހުންނާންވާނީ ސަރގެ ރޫމްގަ.! ސަރގެ މިޒާޖު ހުންނާނީ އެކަހަލަ ގޮތަކަށް..! ދިރިއުޅުމުގެ ބައެއް ހާލަތްތަކުގައި ސަރއަށް ނޭގޭނެ  ކުރަންވީ އަދި ނުކުރަންވީ ކޮންކަމެއްކަންވެސް.... މީހަކު ބުނެނުދެންޏާ އެވަރުވެސް ސަރއަށް އޮންނަނީ އޮޅިފައި.. އެކަމަކު ސަރއަކީ ހިތްހެޔޮ އޯގާތެރި މީހެއް.." އަހާންގެ ނިންމުމަށް މެއިޑޑް ހިތްހަމަޖެހިފައިވާކަން އޭނާގެ މޫނުމަތީން ފެނެ އެވެ.

"ދެން ދޭ ނިދާލަން.. މިކަންކަން އަޅުގަނޑު ހަމަޔަކަށް އަޅުވާލާނަން.." ކިއާރާ ބޭނުންވީ އެކަނިވެލާށެވެ.

"ނޫން ނޫން.. މެޑަމް! އޭރުން ސަރ ރުޅިއަންނާނެ.." ޖެހިލުންވެފައި މެއިޑް ބުންޏެވެ.

"ރުޅިއެއް ނާންނާނެ.. އަޅުގަނޑު ބުނާނަން ސަރ ގާތުގައި.." ކިއާރާގެ ހިތްތިރިކަމަށް އަމިއްލަ ހިތުގައި ތައުރީފުކުރަމުން ހިނިތުންވެފައި މެއިޑް ހިގައްޖެ އެވެ.

ދޮރުލައްޕައި ތަޅުލުމަށްފަހު ކިއާރާ ޖެހިލީ އެނދާއި ކައިރިއަށެވެ. ދެފައިކޮޅުން ވާގިހުސްވެ، ކާޕެޓްމައްޗަށް ކިއާރާ ތިރިވެ ގިސްލެވުނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

'ތަގުދީރުގައި ކިއާރާއަށްޓަކައި ލިޔެވިފައިވާ ނިންމުމަކީ މިއީ ހެއްޔެވެ؟ ފުރަތަމަ ފެނިލުމުންވެސް ފުރަތަމަ ފަހަރަށް ފިރިހެނަކަށް ޝައުގުވެރިކަން އުފެދުނު މިއީ ފުރަތަމަ ފަހަރެވެ. އެފަދަ ރީތި، ފުރިހަމަ ސިފަތަކެއްގެ ފިރިހެނަކު ކިއާރާ ދުވަހަކުވވެސް ހަމަލޮލުން ދެކިފައެއް ނުވެ އެވެ. ނަމަވެސް އަމިއްލަ ހާލަތު ގަބޫލުކޮށް، ހިތް އެދޭގޮތް އެއީ ކިއާރާއަށް ހައްގު މިންވަރު ނޫންކަން އަމިއްލަ ހިތަށް ވިސްނައިދިނީ އެއީ އެންމެ ބުއްދިވެރި ނިންމުން ކަމަށްވާތީ އެވެ. އެކަމަކު ތަގުދީރުގެ ގޮށް މިޖެހީ ފުރަތަމަ ނަޒަރުނން ހިތް ދޫކޮށްލެވުނު މިސްރާބުގަ އެވެ. އެއީ ސާފް މާތް ގުޅުމެކެވެ. އެކަމަކު އަހާންއަކީ އެއިން ކަމެއް ގަބޫލުކުރާނެ މީހެއް ނޫނެވެ. އެހެން ހުރިހައި ކަމަކަށްވުރެން ކިއާރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ އެންމެ ބޮޑު ހިތްދަތިކަމަކީ، އަހާން ލޯބިވާ އެހެން ކުއްޖަކު އޭނާގެ ހަޔާތުގައި ހުރުމެވެ. އަހާން ބުނާގޮތުން އެދެމީހުން އެކުގައި ދިރިއުޅޭތާ އަހަރުދުވަސް ފާއިތުވެގެން ހިގައްޖެ އެވެ. ސުވާލަކީ އެކުގައި ދިރިއުޅުނަސް، އަހާން އޭނާދެކެ ލޯބިވޭތޯ އެވެ؟ އަހާންގެ ދުލުން އެންމެ ފަހަރަކުވެސް އޭނާދެކެ ލޯބިވާކަމަށް އިއުތިރާފް ވެފައެއްނެތެވެ. 

އަމިއްލަ ނަފުސާއިކުރެވުނީ މޮޔަ ސުވާލެއްކަން ޔަގީނެވެ. ލޯބިނުވާ މީހަކާއެކު އެހުރިހާ ދުވަސްވަންދެން އެކުގައި ދިރިއުޅޭނެ ހެއްޔެވެ؟ އޮބްވިއަސްލީ، ލޯބިވާނެ އެވެ. ޔާﷲ މިއަޅާއަށް ތިޔަ ކުރިމަތިކުރެއްވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ މިއަޅާ އިބަރަސްކަލާންގެއަށް ނުކިޔަމަންތެރި ނުވަމެވެ. ރެއާއި ދުވާލު އަޅުކަން ކުރަމެވެ. ފުރަތަމަ އުފުލީ މައިންބަފައިން މިއަޅާއާއި ވަކިވި ހިތާމަ އެވެ. ދެން ހުރީ އެންމެ އެކުވެރިއެކެވެ. މައިރާގެ ކަންކަން ވެގެންދިޔައީ ކިހިނެއްކަން އިނގޭނެ ގޮތެއްވެސް ނެތެވެ. އެކަންވެސް ނިމުނނުކަމުގެ އިހްސާސްކުރެވެނީ ނުތަނަވަސްކަމާއެކު އެވެ. ދެން މިޖެހުނީ އާދަޔާހިލާފް ކައިވެންޏެއް ކުރާށެވެ. އެ ގޮށުގައި ލާމެހެން މިޖެހުނީ ކައިވެންޔަކީ ވުޖޫދުގައިވާ ގުޅުމެއްކަން ގަބޫލުވެސް ނުކުރާ އިންސާނަކާއެކު އެވެ. ދުވަހަކުވެސް މިވަރުގެ އެކަނިވެރިކަމެއް އިހްސސާސްނުވެ އެވެ. ވަންނާނެ ހިޔާވައްސެއްވެސް ނެތެވެ. އަމިއްލަ ހައްގެއްކަމަށް ދެކިގެން ބަލައިލާނެ މިސްރާބެއްވެސް ހަޔާތުގައި ނެތެވެ.

'އަހަރެންގެ އެކަކުވެސް މި އުޑުދަށުގައި ނެތީ އެވެ. އަހަރެން ކުރަންވީ ކީއްހެއްޔެވެ؟ އަންނާން މިޖެހުނީ ދުވަހަކުވެސް ފައިތިލަ ޖައްސާފައިނުވާ، ބިމަކަށެވެ. މިތަނުގައި އަހަރެން ދާނީ ކޮންތާކަށް ހެއްޔެވެ؟'

ކިއާރާގެ މާޔޫސްކަމުގައި އޭނާ ވަނީ ފާހާނާއަށެވެ.

ކުރިން ކިއާރާ ދިރިއުޅުނު މުސްކުޅި ގޭގެ ކޮޓަރިއަށްވުރެން މި ފާހާނާވެސް މާ ބޮޑެވެ. ނަމަވެސް އެތަނުގެ ރީތިކަމާއި ހިއްގައިމުކަމުން ކިއާރާއަށް ލިބުނު އަރާމެއް ނެތެވެ. އިސްކޮޅަށްވުރެން ދިގު މޫނުބަލާލޯގަނޑުކުރިމަތީގައި އޭނާ ހުއްޓުނެވެ. ދެ ލޮލުގައި އަޅާފައިވާ އަނދުން ލޮލުގެ ވަށައިގެން އެގޮތްމިގޮތަށް ފޭދިފައި ވެ އެވެ. ދެ ލޯ ރަތްވެ މޫނުގެ އެތަން މިތަން ނޫފައިގައިތްފައިވެ އެވެ. މި ވީހާ ތަނަށް ދުވަހަކުވެސް މީހެއްގެ ގޯނާއެއް ލިބިފައިވައި ނެތް ނަފުސަކަށް މިއީ ގަބޫލުކުރަން ދަތި، އަދި ތަހަންމަލްކުރާންވެސް ފަސޭހަ ވޭނެއް ނޫނެވެ. އަމިއްލަ ސިފަ ދެކެން ބޭނުން ނުވިޔަސް، ފުރާނަ ހުރިހައި ހިނދަކު މިވަގުތުކޮޅު ކުރިމަތިވާނެކަމަށް 'ނަފުސު' ތައްޔާރުކުރުން ނޫންގޮތެއް ނޯވެ އެވެ. ލޮލުން ފޭބި އާތްވާއިއެކު ޓައިލްސްމައްޗަށް ތިރިވެ، އަމިއްލަ ނަސީބާއިމެދު ދެރަވެ، ހިތްފުރެންދެން ރޯން ފަށައިފި އެވެ. މީހެއްގެ ބިރެއް މި ހަތަރުފާރުތެރޭގައި ޔަގީނުންވެސް ނެތެވެ. ރޯންވީ އެވެ. ހިތްފުރެންދެން ރޯންވީ އެވެ. 

ކިއާރާގެ ހަޔާތުގައި އޭނާގެ ބައިވެރިޔަކީ 'ކަރުނަ' ކަމުގައި ލިޔެވި ނިމިއްޖެ އެވެ.(ނުނިމޭ)

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް