ads
އިހްސާސް
އިހްސާސް - ހަ ވަނަ ބައި
އެޕިސޯޑް 6
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ހާޒިރުވެފައިވާ މީހުން ތަފާތު އެކި ވާހަކަތައް ދައްކަންފެށީ އެވަގުތު އެވެ. ކުރެވުނު ހުތުރު ތުހުމަތުތަކުގައި ހަގީގަތެއްވުން ނުވަތަ ނުވުން އެކަކަށްވެސް މުހިއްމެއް ނޫނެވެ. އެމީހަކަށް ކިއުނު އެއްޗެއް ކިޔަނީ އެވެ. 

"މިހިރަ، ގޮތްކުޑަ އަންހެން ކުއްޖާއަށް އޭނާ ކުރިކަންތަކުގެ އަދަބު، އެންމެން ކުރިމަތީގައި ލިބެންޖެހޭނެ.. ދުވަހަކުވެސް މިފަދަ ނުބައި ނުލަފާ އަމަލެއް މިރަށުގައި މީގެފަހުން އެހެންމީހަކަށް ކުރަން ނުކެރޭނެވަރަށް އެންމެންގެ ހާޒިރުގައި މީނާއަށް ހަރުކަށި އަދަބު ދޭންޖެހޭނެ" 

އަޑުހަރުކޮށް ފިރިހެނަކު ބުނެލި އެވެ. އަހާންގެ ގައިން ހީބިހި ނެގި އެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ މިއީ ކޮންފަދަ ކަންތައް ގަޑެއް ހެއްޔެވެ؟ 

"އެންމެ ފަހު ފަހަރު އަހަރެން ސުވާލު މިކުރަނީ...! މައިރާ ކޮބާ..؟ ކިއާރާގެ ކަރުގައި ނަސީރު ހިފީ އެ ދަރިއަށް ނޭވާވެސް ނުލެވޭނެކަން އެނގިހުރެއެވެ.؟" ރުޅިވެރިކަމާއެކު ނަސީރުގެ ސުވާލު ތަކުރާރު ކުރި އެވެ.

"ބޭ ބޭ.. ނޭ..ގެ..ﷲ... ގަ..ން...ދީ..ހު..ވާ.. ވީ..ތަ...ނެ..އް.. ނޭ..ގެ! އޭ..ނާ..ދެ..ކެ...މަ..އި...ރާ..ލޯ..ބި..ވޭ.. .ބޭ..ބެ..ކަ...އި..ރީ...ނު..ބު...ނީ..ބި...ރު..ން...!" ކިއާރާގެ ޖުމުލައާއެކު އަނެއްކާވެސް ނަސީރުގެ ރަހުމުކުޑަ ހަމަލާއެއް ކިއާރާގެ މޫނުމައްޗަށް އަމާޒުވި އެވެ.

ދޮން ޖަންބެއްފަދަ މޫނުމަތި މިހާރުވަނީ ނޫފައިގަތްފަ އެވެ. ދެލޮލުން ކަރުނަ ގަނޑު ފައިބަމުންދިޔައިރުވެސް ބުނަން ބޭނުންވާ ޖުމުލަ ފުރިހަމަ ކުރެވޭތޯ ބެލި އެވެ. ހަގީގަތުގައިވެސް މައިރާ ދިޔަތަނެއް ކިއާރާއަށް ނޭގެ އެވެ. 

"އޭނާ..؟ އޭނާ އަކީ ކާކު؟" މިފަހަރުގެ ރާގުގައި ތަފާތެއް ހުއްޓަސް ނަސީރުގެ އަނިޔާވެރިކަމަށް ބަދަލެއް ނާދެ އެވެ.

"އަޅުގަނޑަކަށް ނޭގެ" ޖަވާބުދެމުން ކިއާރާ މަސައްކަތްކުރީ ނަސީރުގެ ދެއަތް އޭނާގެ ކަރާއި ދުރުކުރެވޭތޯ އެވެ.. ނަމަވެސް ނަސީރުގެ ކުރިމަތީގައި ނިކަމެތި ކިއާރާއަށް އެއްކަމެއްވެސް ނުކުރެވުނެވެ. 

"އެއީ ޖެހިގެން އޮތް ރަށުގެ ސޮރެއް.. މިރަށަށް ވަރަށް ގިނައިން އަންނަ ކުއްޖެއް އެއީ... އަހަރެން ދަންނަން އޭނަ" ހަބަރު ހިފައިގެންހުރި ކުޑަސޮރު ޖަވާބިދިނެވެ. 

އެއާއެކު ކިއާރާ ބިންމައްޗަށް ވައްޓާލާ، އޭނާގެ ދިގު އިސްތަށިގަނޑު ނަސީރުގެ އަތަށް އޮޅާލައިގެން ބިންމަތީގައި ދަމާފައި ގެންދަންފެށީ ބޭރު ދޮރާއި ދިމާއަށެވެ.

"މިރޭ ކަލޭ ކަނޑު ފައްތާފަނޫނީ ދުލެއް ނުކުރާނަން.." ރުޅިވެރިކަމާއެކު ނަސީރު ބުނެލި އެވެ.

"އާރެއް ބާރެއް ނެތް އަންހެން ކުއްޖަކަށް ކިހިނެއް ތިހަދަނީ؟ ކަލޭމެން ތަންކޮޅެއް ތަހުޒީބުވާކަށް ނުވޭތަ؟" މީހުންތަކުގެ ތެރެއިން ބޭރަށް ނިކުމެ، އަހާން ސުވާލުކުރީ ކިއާރާއަށް ބަލަމުންނެވެ. ހަމައެވަގުތު ރަތްވެފައިވާ ދެލޮލުން ކިއާރާ ބަލައިލީ އަހާންއަށެވެ. ބިރުވެރިކަމާއި މާޔޫސްކަމާއި ހާސްކަން އެ ލޮލުގައިވީކަން އަހާންއަށް ނޭގުނަސް ކިއާރާގެ ހާލަތަށް އޭނާ ހަމްދަރުދީވެ އެވެ. 

"ކަލޭ ކީކޭ ހިތައް އަރައިގެން މިރަށުގެ އެންމެ މުއްސަނދި ކުއްޖާގެ މަގާމު ފޭރިގަންނާން ތިއުޅުނީ..؟ ކަލެއަށް ހައްގު އަދަބު ލިބެންޖެހޭނެ" އަންހެނަކު ބުނެލިއަޑު އިވުނެވެ. 

"މުއްސަނދި ފިރިހެނަކު ފެނުނީމައި ރަހްމަތްތެރިޔާ އަތުން އޭނާގެ ނަސީބު ޖަހައިގަތީ..! ކަލޭގެ މައިންބަފައިން ދުނިޔެ ދޫކޮށް ދިޔައީ މި ދުވަސް ނުދެކެންވެގެން.. މުޅި ރަށުގެ ކުރިމަތީގައި ކަލޭގެ މައިންބަފައިންނަށް ހުތުރުއެރުވީ ލަދެއްވެސް ނެތި" އެހެން އަންހެނަކު ބުނެލި އެވެ.

ހަޔާތުން ކަނިވަމުންދިޔަ ހުޅުކޮޅަށް ހިމާޔަތެއް ދެވޭނެ އެއްގޮތެއްވެސް ކިއާރާއަށް ނެތެވެ. ލިބެމުންދިޔަ ބަދުނާމުގައި، އަޑުހަރުކޮށް ބުނަން ބޭނުމެވެ. 'ނޫނެކެވެ. ތިމަންނާއާއިމެދު ތިދެކެނީ ރަގަޅަކަށް ނޫނެވެ. ތިމަންނަ މިކަންކުރީ ހަމައެކަނި މައިރާއަށްޓަކަ އެވެ. އެކުވެރިކަމާއި އިންސާނިއްޔަތުކަމުގެ ހައްގުގަ އެވެ. ބޭބޭ އެވެ! އެންމެ ކުޑައިރުން ފެށިގެންވެސް ދުވަހަކުވެސް އަމުރަކަށް ނުކިޔަމަންތެރި ނުވަމެވެ. މަނާކަމެއް ނުކުރަމެވެ. ސިއްރު އަމަލެއް ނުހިންގަމެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަށް ހިޔާލަށްވެސް ނުގެންނަމމެވެ. އަމިއްލަ އެދުމަކީ ތިމަންނާ ދަންނަ ސިފައެއް ނޫނެވެ. ތިމަންނާއަށް އިތުބާރުކުރާށެވެ. މިއީ ބޭބެގެ ކިއާރާއެވެ. އެކަމަކު އެހުރިހައި އަޑެއްވަނީ ނިވިފަ އެވެ. ދޫ ބަންދުވެއްޖެ އެވެ.!' 

"މައިރާއަށް މަގުއޮޅުވާލާފައި މިގެއާއި މުދާގަނޑަށް ވެރިވެގަންނަން ކަލޭ އުޅުނީ.. ކަލޭއަކީ ހިޔާނާތްތެރިއެއް.. މަކަރުވެރި ނުލަފާ އަންހެނެއް" ޖެހިލުމެއްނެތި އެމީހެއްގެ ހިތަށް އައި ކޮންމެ އެއްޗެއް ކިއާރާއާއި ދިމާއަށް ގޮވަމުންދިޔަ އެވެ. އިވެމުންދިޔަ އަޑާއެކު ލިބެމުންދިޔަ އަނިޔާއިން ކިއާރާގެ ހަށިގަނޑު އައްސިވެ، ވާގިދޫވެއްޖެ އެވެ. ލޮލުން ފައިބާ ކަރުނަ ނޫނީ އެ ހަށިގަނޑުގައި ދިރުމެއް ހުރިކަމުގެ އިޝާރާތެއް ނެތެވެ. އަޑުހަރުކޮށް ބުނަން ބޭނުމެވެ.

"ކަލޭކުރި ކުށުގެ ސަޒާ ރަށު އެންމެންގެ ކުރިމަތީގައި ކަލެއަށް އަހަރެން ދޭނަން.. މީގެފަހުން މިރަށުގެ މީހަކަށް ތިފަދަ ކަމެއްކުރާން ހިތަށްވެސް އަރުވަން ނުކެރޭވަރުގެ ހަރުކަށި އަދަބަކުން އަލެއަށް އަހަރެންގެ ވަރު ދައްކާލާނަން.. އޭގެ ފަހުގައި ތިބުނާ މީހަކާ އަދި މައިރާ ހޯދައިގެން އަހަރެންގެ ކުރިމައްޗަށް ހާޒިރުކުރުވާނަން.." ރަހްމެއްނެތި ބިންމަތީގައި ކިއާރާ ދަމަމުންގެންދިޔައީ ދޮރުން ބޭރަށް އޭނާގޮވައިގެން ނިކުންނާށެވެ.

"މާފްކުރޭމާފްކުރޭބޭބޭމާފްކުރޭޕްލީޒްމާފްކުރޭ" ވައިއަޑުން ކިއާރާ ކިޔަމުންދިޔަ އެވެ. ވަރަށް ވިސްނައިގެން އަޑުއެހި މީހަކަށްވެސް އެކިޔާއެއްޗެއް ވަކިނުވާހަ ފަނޑުކޮށެވެ. 

އައިނައި ދިމާއެއްނޭގި ކިއާރާގެ ގަޔަށް މީހަކު ޕެޓްރޯލްއެއްޗެއް އޮއްސާލީ އޮޅިގަނޑާއި ހިސާބުންނެވެ.

"ސްޓޮޕް އިޓް ރައިޓް ނައު...! ހަމަ މިވަގުތު ތި އަނިޔާވެރިކަން ހުއްޓާލާ..! އެހެންނޫނީ މިރަށަށް ދައުލަތުގެ ބާރުތަކާއި ފުލުހުންނާއި ސިފައިން އަރުވާނަން..! ކަލޭމެންގެ ތެރެއިން އެކަކަށްވެސް ޖަލުގެ ތޭރިތަކުގެތެރެއިން ނިކުންނާކަށް ލާހިކެއް ނޫން..! ހަމަ މިހާރު ކިއާރާގެ އިސްތަށިގަނޑުން ދޫކޮށްލާ..!" ހަރުކަށިކަމާއި އަމުރުވެރިކަމާއެކު އަހާން ބުނީ ތުރުތުރުއަޅަމުންދިޔަ ގަދައަޑުންނެވެ. ބުނާނެ އެއްޗެއް ނޭގި ހުޅުވުނު އަނގަޔާއެކު ނަސީރުގެ އަތުން ކިއާރާގެ ފަށުވި އިސްތަށިގަނޑު ލޫދިގެން ދެމިގެންފި އެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ ދިގުފިޔަވަޅުތަކުގައި ނަސީރުއާއި ކިއާރާއާއި ދިމާއަށް އައި އަހާންއަށެވެ.

"ކަލޭމެން ތިއީ އިންސާނުންތަ؟ މިފަދަ ޒަމާނެއްގައި ތިފަދަ ނާތަހްޒީބު ބަޔަކު މިރާއްޖޭގައި އުޅެފާނެކަމަށް ކާކު ހީކުރާނީ..! ޔަތީމް އަންހެން ދަރިއަކަށް ތިފަދަ ރަހުމުކުޑަގޮތްތަކެއް ހަދަންކެރުނު ބަޔަކު ކޮންމެފަދަ ނުލަފާކަމެއްވެސް ކޮށްފާނެ..! ތިއީ އިންސާނުންގެ ތެރެއިންވާ ހައިވާނުން..؟" ހިތުގައި އަނދަމުންދިޔަ އަލިފާނުގައި އަހާންއަށް ކިޔޭނުކިޔޭއެއްވެސް ނޭގެ އެވެ. 

ވަރުދެރަވެ، ޒަހަމްތަކުން ތަތްތެޅިފައިވާ ކިއާރާގެ ކޮނޑުގައި ހިފާފައި ފަރުވާތެރިކަމާއެކު ކިއާރާ ނަގައި އަހހާންގެ ގައިގައި ލައްކޮށްލި އެވެ.

"އަހަރުމެންގެ ރަށުގައި ހިންގާނީ އަހަރުމެންގެ ގަވައިދު-އަހަރުމެންގެ ގާނޫނު" ދަތްކުޑިވިކާލާފައި ނަސީރު ބުންޏެވެ.

"މިއީ އަހަރުމެންގެ ރަށް-އަހަރުމެންގެ ޒިންމާ" އެހެން ފިރިހެނަކު ބުނެލި އެވެ. 

"ދިރިހުރި އިންސާނަކު ކަނޑުފެއްތުމާއި، ޕެޓްރޯލް އަޅައި ރޯކޮށްލުމަކީ، ދުނިޔޭގެ އެއްވެސް ތަނެއްގެ އެއްވެސް ގާނޫނެއް، ގަވާއިދެއް، އަދި އެއްވެސް އުސޫލެއްގައި ލިޔެވޭނެ އެއްޗެއް ނޫން.. ކަލޭމެން ބޭނުންގޮތަކަށް އޭނާއަށް އަދަބުދެވިދާނެ.. އެކަމަކު އަނިޔާއެއް ނުކުރެވޭނެ.. ދެކިބަލަ އޭނާގެ ހާލަތު..!" ކިއާރާގެ ހަށިގަނޑު އަހާންއާއި ގާތްކޮށްލަމުން ބަލައިލީ އަހްސަންގެ މޫނަށެވެ.

"ދާދި ދެންމެ ކަލޭގެ އެންމެ ގާތުގައި ހާއްސަ މަގާމެއްގައި އިން އަންހެންކުއްޖާ މިއީ.. އޭނާގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވަންޖެހޭނީ ކަލޭ..! ކިއާރާގެ ކުށަކީ ކޮބާ..؟ އެންމެ ގާތް އެކުވެރިޔާއާއި އޭނާގެ ލޯބިވެރިޔާއާއި އާއިލާއާއި ބައްޕަ ލަދުން ސަލާމަތްކޮށްދިނުމަށް ގުރުބާންވާން މިތަނުގައި އެއިނީ އޭނާގެ ޒަމީރު އެކަމަށް ގަބޫލުވެގެންހެން ކަލެއަށް ހީވޭތަ؟ ދެކިބަލަ ކިއާރާގެ މޫނު...! އެވަރުގެ ނުބައިކަމެއް ކުރާނެކަމަށް އަޑުހަރުކޮށް ކުޑަމިނުން ކަލޭ ބުނެބަލަ..!" ނަފްރަތާއެކު އެކުވެރިޔާއަށް އަހާންގެ ހަރުކަށި ބަސްތައް ރައްދުކުރި އެވެ. 

"ލިބިފައިވަނީ އެންމެ ދަރިއެއް..! އެ ދަރީގެ ކައިވެންޏަށް މުޅިރަށް އެއްކޮށްގެން އުޅެނިކޮށް އަންހެން ދަރިފުޅު ފިލައިގެން އެހެން ފިރިހެނަކާއެކު ދިޔާމަ އެރުޅި ތިބާލާލަނީ.. އެކަމަކު އެދަރިފުޅު ފިލައިގެން ދާންޖެހުނީ ކީއްވެކަން އަމިއްލަ ސިކުނޑިން ވިސްނާލިންތަ؟ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ އަމިއްލަ ހަޔާތުގައި، އެމީހެއްގެ ހިތް އެދޭގޮތަށް ދިރިއުޅުމުގެ ހައްގު އޮންނާނެ.. މަޖުބޫރެއް ނުކުރެވޭނެ! ލޯބިވާ މީހަކާއެކު ދަރިން އުފަލުގައި އުޅޭމަންޒަރު ފެނުމަކީ މައިންބަފައިން އުފާކުރަންޖެހޭކަމެއް.. ދަރިންނަށް މަޖުބޫރުކޮށް ތަޅައިމަރައިގެން ތިމާ ރުހޭ މީހަކާ ކައިވެނިކުރުވަން ގަދަބާރު ދެއްކުމަކީ ތަހުޒީބީ މި ޒަމާނުގައި މީހުންކޮށްއުޅޭ ޒާތުގެ ކަންކަމެއް ނޫން.. ކިއާރާގެ ކޮން ކުށެށް އޮވެގެން މިވަރުގެ ޒަހަމެއް ތި ދިނީ..؟ ކިއާރާގައިގައި ތިއިން މީހަކު ދެން، އެންމެ އިނގިއްޔެއް ޖައްސައިލިޔަސް، އަހަރެން ކަލޭމެންގެ މައްޗަށް ދައުވާކުރާނަން..!"

ނަސީރުއަށް އަހާން ދިނީ އިންޒާރެކެވެ. ވިސްނައިދިނުމަށް ދެއްކި ވާހަކައިން ކަންތައް އިތުރަށް ގޯސްވެދާނެކަމަށް އަހާން ހިޔެއްނުކުރެ އެވެ. 

"ގާނޫނާއި ގަވާއިދާ އުސޫލު އަހަރުމެންނަށް ކިޔައިދޭން ކަލޭ ތިއީ ކާކު.. މިރަށުގައި ހިނގާނީ އަހަރެންގެ ހުކުމް.. ކަލޭގެ ގާނޫނޫ ހިންގަން މާލެއަށް ދޭ..! މިރަށުގައި މިހިރަ ނުބައި މަކަރުވެރިޔާއަށް ދެނެއް ޖާގައެއް ނޯންނާނެ.. އޭނާއަށް އޮތީ އެންމެ ގޮތެއް!" ރުޅިވެރިކަމާއެކު އެންމެ ފަހުން ނަސީރު ބަލައިލީ ކިއާރާއަށެވެ. އެސްފިޔައެއް ތަޅުވާލާނެ ވަރުވެސް ހަގީގަތުގައި ކިއާރާގެ ކިބައިގައި ނެތެވެ. 

"އަހަރެން ދިރިހުއްޓައި ކަލޭމެންނަށް ތިކަމެއް ނުކުރެވޭނެ.. މިރަށުގައި މީނާ ބަހަށްޓާކަށް އަހަރެން ގަސްތެއް ނުކުރަން.. އަހަރެން މިރަށުން ފުރައިގެން މިދަނީ ތިޔަ އެންމެންގެ ހާޒިރުގައި އެންމެން ހެކިކޮށް ކިއާރާ ގޮވައިގެން.." އެހެން ގޮތެއް ނެތުމުން އަހާން ބުންޏެވެ.

ވަށައިގެން ފިރިހެނުންތައް ބާރަށް ހޭންފެށުމުން ކިއާރާ ގަދަކަމުން އޭނާގެ އެސްފިޔަތައް ދުރުކޮށްލި އެވެ. ފިރިހެނުންގެ ތެރެއިން ޖާނުވަރުގަދަ ބަޔަކު އައިސް ދޮރުމަތި ބެއްދި އެވެ. އެމީހުންގެ ހުއްދައާއެކު ނޫނީ އެދޮރު ހުރަސްނުކުރެވޭނެކަމުގެ އިންޒާރު އެމީހުންގެ ހަރަކާތުން ލިބުނެވެ. 

"ކަލެއަށް އަދިވެސް އަހަރުމެންގެ ސަގާފަތް ދަހެއްނުވޭ.. މާލެއަކީ ވަލުޖަނަވާރުން އުޅޭތަނެއްވީމައި އެހެންވެސް ވެދާނެ.. މައުލޫމާތަށްޓަކައި ބުނެލަން، ހިލޭ އަންހެންކުއްޖަކު ގޮވައިގެން ރަށުންބޭރު ފިރިހެނަކަށް މިރަށު ފަސްގަނޑުން ބޭރުވެވުމަކީ ނާދިރުކަމެއް..! ތިކަން ހަނދާން ނައްތާލާ..! މިރަށުން ފުރޭނީ މި ދޮރުން ނިކުމެވިގެން..!" މަލާމާތުގެ ރާގުގައި، މަލާމާތުން ފުރިގެންވީ ހުނުމަކުން ކަންފަތްތައް ނާންމާންކުރަމުން ނަސީރު ބުނެލި އެވެ. 

ހަދާނެގޮތް ހުސްވެ، އަހާން ދާހިއްލަން ފަށައިފި އެވެ. އެއްކޮޅުގައި ރަށު ރައްޔިތުންނެވެ. އަނެއްކޮޅުން އަހާން އެކަންޏެވެ. ހުރީ އެންމެ އެކުވެރިއެކެވެ. އޭނާ ހުރީ ނުފެންނަ ތާކިހާ އަޅައިގެން ކަމަށްވެސް ވެދާނެ އެވެ. އެކުވެރިކަމަށް އޭނާ ނުކުރި ގަދަރެއް އަހާންގެ ފަރާތުން ލިބޭނެކަމަށް މިވަގުތު އޭނާ ވިސްނައިގެންވެސް ނުވާނެ އެވެ. ހައިވެފައި އޮތް ސިންގާއެއްގެ އަނގަތެރެއަށް ކިއާރާ ދޫކޮށްލާފައި އެތަނުން ފިލައިގެން ދާން އަހާންގެ އިންސާނިއްޔަތުކަމުގެ ހިއްސު އެއްބަހެއް ނުވި އެވެ. ވަށައިގެން ބަލައިލީ އެއްވެސް ގޮތެއް އޮތް ތޯ އެވެ. އިސްޖަހައިގެން ހުރި އަހްސަންއަށް އަހާން ބަލައިލީ އެކުވެރިކަމުގެ ހައްގުގައިވެސް އަހްސަން އެއްޗެކޭ ބުނޭތޯ އެވެ. ނަމަވެސް އެކަމުގެ އުއްމީދު އޮއްސިއްޖެ އެވެ. 

"ހިލޭ އަންހެން ކުއްޖަކު ނުގެންދެވުނަސް، އަހަރެންގެ ހައްގެއް އަހަންނަށް ގެންދެވޭނެ... އެހެންނޫންތޯ ގާޒީ..!؟" އެހެންމީހުން ޖެހިލުންވާފަދަ ރާގެއްގައި އަހާން ބުނެލީ ގާޒީއަށް ބަލައިލަމުންނެވެ. އިވުނު ޖުމުލައިގެ މާނައެއް ނޭގުމުން ގާޒީގެ އިތުރުން އެތައް ބުމައެއް ގޮއްޖެހިގެން ދިޔަ އެވެ. 

"އަހަރެންގެ އަންބެއްގެ ގޮތުގައި ކިއާރާ މިރަށުން ގެންދިއުމަކަށް އެއްވެސް ހުރަހެއް ނެތެއް ނޫންތޯ؟" އަހާން ތިލަ ކޮށްލި ޖުމުލައިން ކިއާރާގެ ޒަހަމްތަކުން ނަގަމުންދިޔަ ދިލަވެސް ފިލައި ހިގައްޖެ އެވެ. ދެލޯ ބޮޑުކޮށްލެވުނީ އަންތަރީސް ވުމުންނެވެ. ލިބުނު ޝޮކްގައި އަހާންގެ މޫނަށް ކިއާރާ ބަލައިލި އެވެ. ހަމަޖެހިލުމަށް އަހާން އިޝާރާތްކޮށްލި އެވެ. 

"ހަމަ މިވަގުތު އަހަރެން ބޭނުމީ ކިއާރާ ރުއްސަން.. ގާޒީވެސް މިހުރީ ކުރިމަތީގައި.. އިމަޖެންސީ ކައިވެންޏެއްގެ ކަންކަމަށް ވަރަށް ފަސޭހަ ވަގުތެއް މިއީ..! މިރޭ ރުއްސާފައި މާދަމާ ކޯޓް ހުޅުވައިގެން ލިޔެކިޔުން ނިންމާފައި، ދެން ކުރާންއޮތް ކޮންމެ ކަމެއްވެސް ފުރިހަމަ ކުރާންވީ... ހުރިހައި ކަމެއް ފުރިހަމަކޮށްދީފައި ކައިވެނި ކޮށްދިނީމައި އެއޮތީ ނިމިފައި.. އަހަރެންގެ ޔޮޓް މިރަށު ފަޅުގައި އޮންނާނެ.. އެކަމަކު އެއަށްވެސް އަރާނީ އަހަރެންގެ އަންބަކަށް ކިއާރާ ހަދާފައި.. އެހައި ތަނަށް ކިއާރާއާއެކު އަހަރެން މަޑުކުރާނީ މިރަށު ވަށްގޭގައި... ކަލޭމެންގެ ހުރި ބާރެއް ކަލޭމެން ދައްކަބަލަ.. އަނިޔާއަށް އެންމެ އިނގިއްޔެއް ތަޅުވާލިޔަސް، ރަށަށް ސިފައިން އަރުވާނަން... އަހަރެންގެ ނިންމުމަށް ކިއާރާ އެއްބަސްތަ..؟" ކިއާރާއަށް ބަލައިލެވުނީ އެއްވެފައި ތިބި މީހުންނަށެވެ.

ބިމުގައި ފައިޖެހޭކަން ނުވަތަ ނޫންކަންވެސް އިހްސާސެއް ނުވެ އެވެ. ދިރިއުޅުމުގައި ހުއްޓި ހުންނާން މިޖެހުނީ ކޮންފަދަ ހަތަރު އަނގޮޅިއެއްގައި ހެއްޔެވެ؟ މިފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ހުވަފެނެއްގައިވެސް ފެނިފައެއް ނެތެވެ. ދެން ކިއާރާ ބަލައިލީ ގާޒީގެ މޫނަށެވެ. ހިމޭންގޮތަކަށް ގާޒީ އެސްފިޔަޖަހައިލީ އިޝާރާތެއްގެ ގޮތުގައިކަން ކިއާރާގެ ހަވަނަ ހިއްސު ހެކިދިނެވެ. ހަމައެވަގުތު އަހާންއަށް ބަލައިލަމުން ކިއާރާ ބޮލުން އިޝާރާތްކޮށްލީ އާއެކު ބުނުމަށެވެ. 

"މިކަން ހަމަމިވަގުތުން ފެށިގެން ކުރިއަށް ގެންދަންވީ.. ހިތްވަރު ހުރި ދެ ފިރިހެނަކު ކުރިއަށް ނިކުމެފައި ހެކިވެރީންގެ ވާޖިބު އަދާކޮށްބަލަ..! ކަލޭމެންނަކީ ވަރަށް ގަދަފަދަ ބައެއްކަމަށް ދައުވާކުރީ މީގެ ހިނދުކޮޅެއްގެ ކުރީން.. ބުނާ ބަހުގައި ކުޑަމިންވަރެއްގެ އާރެއް ބާރެއް ހުއްޓަސް އެކަން ސާބިތުކޮށްދޭން އެ ހިތްވަރު ނެރިބަލަ!" އެތައް ފިރިހެނެއްގެ ކުރިމަތީގައި އެމީހުންގެ ފިރިހެންވަންތަކަމަށް  އަހާން ގޮންޖެހީ ގަސްތުގަ އެވެ. އެކުވެރިކަމުގެ ހައްގު އަދާކުރާނެކަމަށް ބެލެވުނު އަހްސަންގެ މެހެމާންދާރީއަށް އަހާންގެ ސިކުނޑިން ލައުނަތްދިނެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް