"އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އުފެއްދި ހާއްސަ ޕޯޓަލް އިމިްގރޭޝަނުން ތައާރަފުކުރީ މި އަހަރުގެ ޖުލައި 17 ގައެވެ.
އިމިގްރޭޝަނުން އާއްމުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕޯޓަލް އިފްތިތާހުކުރި ދުވަހުން ފެށިގެން މިހާތަނަށް އެޕޯޓަލަށް އެކި ފަރާތްތަކުން ވަނީ ބިދޭސީންނާއި ގުޅޭ 840 މައްސަލަ ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 596 މައްސަލައެއް ބަލާ ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އޭގެ ތެރޭގައިސައްހަނޫން 174 މައްސަލަ ހިމެނޭއިރު ސައްހަކަން ކަށަވަރު ނުކުރެވޭ 70 މައްސަލަ ހިމެނޭކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަންގެ ހިސާބުތައް ދައްކާގޮތުން ޕޯޓަލަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ގަވއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތަކުގެ މައްސަލައެވެ. އެގޮތުން ހުއްދަނެތި ބިދޭސީން ވިޔަފާރިކުރާ 221 މައްސަލައެއް ޕޯޓަލަށް ވަނީ ރިޕޯޓްކޮށްފައެވެ.
ދެވަނަ އަށް އެންމެ ގިނައީ ވިސާ ނެތް ބިދޭސީންގެ މައްސަލަތަކެވެ. އެ ބަވާތުގެ 206 މައްސަލައެއް ހުށައަޅާފައިވާކަމަށް އިމިގްރޭޝަންގެ ހިސާބުތަކުން ދައްކައެވެ. ތިންވަނާގައި އޮތީ ހަށިވިއްކާ ބިދޭސީންގެ މައްސަލައެވެ. ހަަށިވިއްކުމުގައި އުޅޭ ބިދޭސީންނާއި ގުޅޭ 50 މައްސަލައެއް "އިމިގްރޭޝަން ވޮޗް" ރިޕޯޓްކޮށްފައިވާކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަުކޮށްފައެވެ. އޭގެތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ މީހުންވެސް ހިމެނެއެވެ. އެގޮތުން ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއްގއީ ހަށި ވިއްކަމުން ދިޔަ ތައިލެންޑް އަންހެނުންތަކެއް އިއްޔެވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަށިވިއްކަމުންދިޔަ ތައިލެންޑް އަންހެނުންތަކެއް މިދިޔަ މަހުވެސް ވަނީ އަތުލައިގެންފައެވެ.
ގަވައިދާ ހިލާފަށް އުލޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޗަންގައި އަތުލައިގެން 4054 މީހަކު މިދިޔަ 10 މަހުގެ ތެރޭގައި ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.