ads
ޕޮގްބާ
ކުޅުން ހުއްޓާލަން ވިސްނިން، މިހާރު ޓާގެޓަކީ އަލުން ފްރާންސަށް ކުޅުން: ޕޮގްބާ
ފުޓްބޯޅަ ކުޅުން ހުއްޓާލަންވެސް ވިސްނި ކަމަށާއި އެހެންނަމަވެސް މިހާރު ޓާގެޓަކީ އަލުން ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ކަމަށް ސަސްޕެންޑްކޮށްފައިވާ ޕޯލް ޕޮގްބާ ބުނެފިއެވެ.
Advertisement

ޑޯޕިން މައްސަލައެއްގައި ހަތަރު އަހަރަށް ސަސްޕެންޑް ކުރުމަށް ފަހު، ފަހުން އެ އަދަބު ދޮޅު އަހަރަށް ލުއިކޮށްފައިވާ ޕޮގްބާ އަންނަނީ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަސައްކަތް ކުރަމުންނެވެ.

އުމުރުން 31 އަހަރުގެ ޕޮގްބާގެ އެޕީލް ކާމިޔާބުވެ، އޭނާގެ އަދަބު ލުއިކޮށްދިނުމުން އަންނަ އަހަރުގެ މާރިޗު މަހު ޕޮގްބާގެ ސަސްޕެންޝަން ނިމި އަލުން އެނބުރި ކުޅުމަށް އާދެވޭނެއެވެ.

ސްކައި ސްޕޯޓްސްއަށް ދިން އެކްސްކްލޫސިވް އިންޓަވިޔުއެއްގައި ޕޮގްބާ ބުނީ، އޭނާ ބޭނުން ކުރި ސަޕްލިމެންޓެއްގެ ސަބަބުން ޑޯޕިން ޓެސްޓުން ފެއިލްވި ފެއިލްވުމަކީ އޭނާ ގަސްދުގައި މަނާ ބޭސް ބޭނުންކުރުމަށް ކުރި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ފުރިހަމަ ޒިންމާ އުފުލާ ކަމަށް ޕޮގްބާ ބުންޏެވެ.

"އަހަރެންނަށް އެ ސަޕްލިމެންޓް ދިނީ ޕްރޮފެޝަނަލް ޑޮކްޓަރެއް. އެ ބޭނުން ކުރުމުގެ ކުރިން އަހަރެންނަށް ބަލަން ޖެހޭ ވަރަށް ނުބެލުނުކަން ގަބޫލު ކުރަން. އެކަމަކު އޭގެ އަދަބަކަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަހަރެއް އޯކޭ. އެހެންވެ އެޕީލް ކުރީވެސް" ސްކައިސްޕޯޓްސްއަށް ދިން އިންޓަވިޔުގައި އިޓަލީގެ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިޔާ ބުންޏެވެ.

ޕޮގްބާ ބުނި ގޮތުގައި މި ވަގުތު އޭނާ އެންމެ ބޭނުންވަނީ އަލުން އެނބުރި ޓީމާއެކު ޕްރެކްޓިސް ކުރަން ފަށާށެވެ. ސަސްޕެންޑް ކުރި ފަހުން އޭނާ މުޅިންވެސް ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ޓްރެއިނިންތައް ހަދަމުން އަންނަނީ އެކަންޏެވެ. އޭނާ ބުނި ގޮތުގައި ވީ އެންމެ އަވަހަކަށް ޔުވެންޓަސްއާއެކު ޕްރެކްޓިސްތައް ފަށަން އޭނާ ބޭނުންވެއެވެ. އަދި އެއަށް ފަހު އޭނާގެ ޓާގެޓަކީ އަލުން ފްރާންސްގެ ގައުމީ ޓީމަށް ކުޅުމެވެ. ޕޮގްބާއަކީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑްކަޕް ކާމިޔާބު ކުރިއިރު، އެ ޓީމުގައި މުހިއްމު ދައުރެއް ކުޅުނު ކުޅުންތެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް