ދިވެހި ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް އަހަރެއް ފަހުން، ރާއްޖޭގެ އެކުވެރިކަމުގެ ފުރަތަމަ ދެ މެޗު އޮތީ އަންނަ މަހު ބަންގްލަދޭޝްގައެވެ.
މި ދެ މެޗުވެސް ކުޅުމަށް ހަމަ ޖައްސާފައި އޮތީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އެރީނާގައެވެ. މެޗުތައް ކުޅޭނީ އަންނަ މަހުގެ 13 އަދި 16 ގައެވެ. މި ދެ ތާރީހަކީވެސް ފީފާގެ ރަސްމީ ދެ ތާރީހު ކަމުން މެޗުތައް ރޭންކިންއަށް ގުނާނެއެވެ.
ނޮވެމްބަރު މަހު، ގައުމީ ޓީމުން ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ.