ads
އަމީރުގެ ރައްދު: ބަލާނެ އެއްޗެއް ބަލާފައި ހިސާބުތައް ޝާއިއު ކުރާހާ ދުވަސްވެއްޖެ
ބަލާ ކަމެއް ބަލާފަވެސް ތަފާސް ހިސާބުތައް ޝާއިއު ކުރާހާ ދުވަސްވެއްޖެކަމަށް ވިދާޅުވެ މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރަށް ރައްދުދެއްވައިފިއެވެ.
Advertisement

އަމީރު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ސަރުކާރުން ދެ ބިލިއަން ރުފިޔާ ރެކޯޑް ނެތުމުން އެ މައްސަލަ ބަލަމުންދާކަމަށް އިއްޔެ ސަރުކާރުން ހާމަކުރުމުން އެ ވާހަތަކަށް ރައްދުދެއްވައެވެ. 

އިިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓާރު މޫސާ ޒަމީރު ވިދާޅުވީ  ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އައި ދައުލަތުގެ ހިސާބުތައް ޖޫން މަހުން ފެށިގެން އާންމުނުކުރަނީ ކުރީ ސަރުކާރުގައި ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީކަމަށެވެ. 

އެގޮތުން  ދައުލަތުގެ މާލީ ހިސާބުތައް ރެކޯޑުކުރުމުގައި ބޭރު ފަރާތްތަކުން ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކަށް ފައިސާ ދޫކޮށް ހަރަދުކުރި ނަމަވެސް އެ ފައިސާ ދޫކުރި އަހަރުގެ ހިސާބުކިތާބުގައި އެ ހަރަދުތައް ހިމަނާފައިނުވާކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެ ހަރަދުތައް ހިމަނާފައިވަނީ ޖެހިގެން އައި އަހަރުގެ ހިސާބުތަކުގައިކަމަށެވެ.

މިކަމާއި ގުޅުވާ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ދެ ބިލިއަނެއްހާ ރުފިޔާ ނިޒާމުގެ ތެރެއަށް ނުވައްދައި ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި އެ ދެ ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ރެކޯޑުކޮށްފިނަމަ އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުގެ މިވާހަކަތަކަށް ރައްދުދެއްވަމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ސިޔާސީ މީހުންނަށް ކުރި ހަރަދާއި އިސްރާފުތައް ގިނަވުމުން ހަގީގަތް އޮލޫވާލަން މަސައްކަތް ކުރައްވަނީކަމަށެވެ. އަދި އަހަރެއް ވެގެންދާއިރު ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގިފައި ނުވާކަމަށާއި އޮޅުވާލުންތައް އޮޅުވާ ނުލާވެސް ސަރުކާރުން ބޭނުންނަމަށް ސަޕްލިމެންޓަރީ ބަޖަޓެއް ހުށައެޅިދާނެކަމަށެވެ.

" އިޤްތިސާދީ ގިނަ ހަރަކާތްތައް ހުއްޓިއްޖެ. ރަށް ރަށުގެ އިޤްްތިސާދުތައް ހުއްޓިއްޖެ. މަސްވެރިން ބިކަވެއްޖެ. ތަފާސް ހިސާބުތައް ޝާއިއު ނުކޮށް ތި އުޅެނީ، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، އަސްލު ހަޤީޤަތް އޮޅުވާލަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ކޮށްފައިވާ ހުރިހާކަމެއް ބަލާނެ ވަރަކަށް ބަލާފައިވެސް ތަފާސް ހިސާބުތައް އާއްމުކުރާހާ ދުވަސް ވެއްޖެކަމަށެވެ. އެހެންކަމުން ބަހަނާ ނުދައްކާ ހިސާބުތައް އާއްމުކުރުމަށް އަމީރު ވަނީ ގޮވާލައްވާފައެވެ. 

" 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތައް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނި. ބަލާ ކަމެއް ބަލާފަވެސް ތަފާސް ހިސާބުތައް ޝާއިއުކުރާހާ ދުވަސްވެއްޖެ." އެމްޑީޕީ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަމީރު ވިދާޅުވިއެވެ.

މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ހަރަދުބަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކުރުން ވަނީ ހުއްޓާލާފައެވެ. އޭރު ސަރުކާރުން ބުނީ ހިސާބުތަކުގެ ސައްހަކަން ކަަށަވަރުކުރުމަށްފަހު ޖުލައި މަހުގެ ފަހު ހަފުތާއިން ފެށިގެން އަލުން ހިސާބުތައް ޝާއިއުކުރަން ފަށާނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް އެއްވެސް ހިސާބެއް އާއްމުކޮށްފައެއް ނުވެއެވެ. 

އިއްޔެ ބަންދާރަ ނައިބު އުޝާމް ވިދާޅުވީ ހިސާބުތަކުގެމައްސަލަ މިހާރު އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.  އަދި އެ އޮފީހުން ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމުން، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ދެން ކަންކުރަންވީ ގޮތެއް ސަރުކާރުން ނިންމާނެ ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް