ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ވަރުބަލިވުމުން ތެދުވެ މޫނުދޮންނަ ތައްޓަށް ގުދުވެ، މޫނަށް ފެންޖަހަންފެށި އެވެ. ހައްޓަށް ކޮންމެވެސް ވަރެއްގެ ފިނިކަމާއި ހަމަޖެހުން ލިބުނެވެ. ހަމައެވަގުތު ކަންފަތުގައި ގުގުމާލީ އަހާންގެ ޖުމުލަތަކެވެ. "މިކަން ސީރިއަސްކޮށް ނުނަގާށެވެ. ތިމަންނައަކީ ލިވް އިން ރިލޭޝަންޝިޕްގައި އުޅޭ މީހެކެވެ. ކިއާރާގެ މަގާމުގައި އެހެން ކޮންމެ ކުއްޖަކު ހުއްޓަސް ތިމަންނަ އެވަގުތު ކަންކަން ކުރާނީ އެގޮތަށެވެ." އިވުނު އަޑާއެކު ކަންފަތުގައި ދެއަތުން ބާރަށް ފިއްތައި ކުރިއަށްވުރެން ބާރަށް ރޯންފަށައިފި އެވެ.
'ހުރިހައި ކަމެއް އަހާންއަށް އެހައި ފަސޭހަ ހެއްޔެވެ؟ އަހަރެން ދުނިޔެ ދެކެނީ އަހާން، މިދުނިޔެ ދެކޭ ނަޒަރަކުން ނޫނެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެތެރޭގައި ވެގެންދިޔަ ކަންކަމާއި ހިގާދިޔަ ބޮޑު ހާދިސާ ކުއްލިޔަކަށް، ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ކައިވެންޏަކީ މުޅިއުމުރަށް އެޅޭ ބިންގަލެއް ނޫން ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި އެ ބިނާ، ބިމާ ހަމަކޮށްލުމަކީ އަހާންއަށް އެހައި ފަސޭހަކަމަށްވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މި ނިކަމެތި ހިތުގައިވެސް ވިންދު ޖަހަ އެވެ. އޭގައި އިހްސާސްވެ އެވެ. ކެތްނުވާ ގަދަ ރިހުމުން މި ހިތުގައި ވޭންއަޅަ އެވެ.
އަމިއްލަ ނަފުސާއި މުހާތަބްކޮށް ކިއާރާ އެތައް ވާހަކައެއް ދެއްކި އެވެ.
ފެންމާގަނޑު ދަށުގައި ހޭދަކުރެވުނީ ކިހައި އިރެއްކަން ބުނެދޭނީ އެނާއަށްވެސް އެކަން ރެއަކާލީނަމަ އެވެ.
ކުރިމަތިލާން މިޖެހުނު ހުރިހާ ކަމަކާ ހާސްވެ، ހިތްދަތިވެ ރޮވެމުންގޮސް ނިދުނު އިރެއްވެސް ނޭގުނެވެ.
............
ޖެހިގެން އައި ދުވަހު ކިއާރާއަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހައި އަޑަށެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލުމާއެކު ފެންނަމުންދިޔަ މިސްރާބަށް ނަޒަރުހިންގާލެވުނެވެ. ކުއްލިޔަކަށް ސިފަވެގެން ދިޔައީ ފާއިތުވި ދެދުވަހެއްގެ ތެރޭގައި އޭނާގެ ހަޔާތުގައި ހިނގާދިޔަ 'ހާދިސާ'ތަކެވެ.
ބުޅަލުބުޑުގައި އުނބުންޖެހީމައި ދުއްވައިގަންނަ ފަދައިން ފުންމައިގެން ތެދުވި އެވެ. އަދި އަވަސް އަވަހަށް ދޮރުހުޅުވާލި އެވެ. ކުރިމަތީގައި ހުރީ ރޭގައިވެސް ކިއާރާއާއި ބައްދަލުވި މެއިޑެވެ. އޭނާގެ ދެއަތް ފުރެންދެން ކޮތަޅުތައް ހުއްޓެވެ.
"ގުޑް މޯނިންގ މެޑަމް.. އަހާން ސަރ ބުނުއްވީ މިތަކެތި މެޑަމް އާއި ހަވާލުކޮށްލަން.." އަދަބުވެރިކަމާއެކު ދުވަހުގެ ތަހުނިޔާއަށްފަހު ކިއާރާއާއި ހުރިހާ ކޮތަޅެއް ހަވާލުކުރި އެވެ.
"މެޑަމް.. ހެނދުނުގެ ސަޔަށް ބޭނުންވަނީ ކޯންޗެއްތޯ؟" މިފަހަރުވެސް ވާހަކަދެއްކީ ނުހަނު އިހްތިރާމާއި އެކު އެވެ.
"އެއްވެސް އެއްޗެއް ބޭނުމެއް ނޫން.. ޝުކުރިއްޔާ!" މެއިޑްއަށް ލުއި ހިނިތުންވުމެއް ރައްދުކުރަމުން ކިއާރާ ދޮރު ލެއްޕި އެވެ.
އަދި ކޮތަޅުތަކުގައި ހުރި ތަކެތި ޗެކް ކުރި އެވެ. އަންހެން ކުއްޖަކަށް ބޭނުންވާނެ ހުރިހައި ސާމާނެއް އެ ކޮތަޅުތަކުގައި ހަމަޔަށް އެބަހުއްޓެވެ. މޭކަޕްގެ ސާމާނު ބޭނުންކުރަން ކިއާރާއަށް ނުވެސް އެގެ އެވެ. ނަމަވެސް ފެންނަފެނުމަށް އެއީ އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ތަކެއްޗެވެ. އެންމެ ބޮޑު ސުވާލަކީ ކިއާރާގެ 'ސައިޒް' އަހާންއަށް އެގުނީ ކިހިނެއް ހެއްޔެވެ؟ ސައިޒުން ބޭނުންވާ ހުރިހާ އެއްޗެއް ހުރީ ފުރިހަމަ 'ސައިޒް'ގަ އެވެ.
........................
"ކޮބާ ކިއާރާ..؟" ސައި މޭޒުގައި، އަހާން ފޯނަށް ބަލަން އިނީ ކިއާރާގެ އިންތިޒާރުގަ އެވެ.
"ސަރ.. މެޑަމް ބުނުއްވީ، ސަޔަށް އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް.. " އިސްޖަހައިގެން ހުރެ މެއިޑް ބުންޏެވެ.
"އެއީ ކިހިނެއްވާނެ ކަމެއް...؟ ސައި ނުބޮއެ ހުންނާކަށް ނުވާނެ.. ކިއާރާއަށް ގޮވާލާ..!" މެއިޑްއަށް މުހާތަބްކޮށް އަހާން ބުންޏެވެ.
..................
މަޑުމަޑު ފިޔަވަޅުތަކުން ސިޑިތައް ގިރާކުރަމުން ކިއާރާ ފޭބީ ތިރިއަށެވެ.
"އަޅުގަނޑަށް ގޮވިންތޯ..؟" މަޑުމަޑުން ކިއާރާ ވާހަކަދެއްކީ އިސްޖަހައިގެން ހުރެ އެވެ.
ކަންފަތަށް ލިބުނު އަރާމުގައި އަޑުއައި ދިމާއަށް އަހާން ބަލައިލި އެވެ. ދުވަހެއްގައިވެސް ނުކުރެވޭފަދަ އިހްސާސެއް އެވަގުތު އަހާންއަށް ކުރެވިއްޖެ އެވެ.
ނޭފަތުގައި ބީހިލި ހިތްގައިމު ލުއިލުއި ވެނީލާ އަދި ފިނިފެންމަލުގެ ހިތްގައިމުކަމުން ހިތް ފުރިއްޖެ އެވެ. ނނޫފައިގަތްފައި ހުރި ތަންތަނުގެ ކުލަ ފަނޑުވެ، ކިއާރާގެ މޫނުން މިއަދު ފެންނަނީ ފިޔާތޮށި ފިނިފެންމަލެއްގެ ހިތްގައިމުކަމެވެ. ކަޅުކުލައިގެ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުވަނީ ނިއުޅުވާލާފަ އެވެ. އޭރުވެސް އިސްތަށިގަނޑު ރަގަޅަށް ނުހިކެ އެވެ. ކިއާރާފަދަ އަންހެންކުދިންގެ ލޮލާއި މޫނުގައިވާ ޖަޒްބާތުތައް ދެނެގަތުމަށް އަހާންއަށް، މިހާތަނަށް ދަސްވެފައި ނެތްކަން ޔަގީނެވެ.
އަހާންއަށް އައި ބަދަލު މެއިޑްއަށްވެސް ފާހަގަކުރެވުނެވެ. އަންހެންކުއްޖަކަށް ބަލައިގެން މިފަދަ އަސަރެއް އަހާންއަށް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން އަދިވެސް އެ ހިތްގައިމު ދެލޯ ވަނީ ދުޅަވެފަ އެވެ. ހަތަރެސް ފަޔާއި ކަރުގައި އެންމެ ގަހަނާއެއް ނެތަސް، ލައިގެން ހުރި ހެދުމުން ހަށިގަޑުގެ ނުވަދިހަ އިންސައްތަ ނިވާކޮށްފައި ވިޔަސް، އެއަށްވުރެން ފުރރިހަމަކަމެއް އަހާންއަށް ފެނިފައެއް ނުވެ އެވެ.
"އޯހހ... ޔެއަހ... ކަމް.. ހޭވް ޔޯ ބްރޭކްފަސްޓް..!" ގޮނޑީގައި ހަމަޖެހިލުމަށް މަސައްކަތްކުރަމުން އަހާން ބުންޏެވެ.
"އަޅުގަނޑު ބަނޑުހައެއް ނުވޭ.." މަޑުމަޑުން ކިއާރާ ބުނެލި އެވެ.
"އިއްޔެއިން ފެށިގެން ކިއާރާ ތިހުންނަނީ އެއްވެސް އެއްޗެއް ނުކައި.. އާދޭ.. ކުޑަކޮށް ނަމަވެސް އެއްޗެއް ކާލައިގެން އަރާމުކޮށްލަން ދޭ.. ޕްލީޒް" އަހާންއާއި ޖެހިގެން އިން ގޮނޑި ކިއާރާއަށް ދުރުކޮށްލައިދެމުން އަހާން އާދޭސްކޮށްލި އެވެ.
އިހްތިރާމް ކުރުމުގެ ގޮތުން ކިއާރާ އެ ގޮނޑީގައި އިށީނެވެ.
ހިޔާލެއްގެ ތެރެއަށް ކިއާރާ ގެއްލިފައި އިންނަކަން އެނގުމުން އަހާން ވިސްނާލި އެވެ. ދެފަރާތަކަށް ބޯ ހޫރުވާލާފައި ހިނިތުންވެލީ ކިއާރާއަށް ބަލައިލާފަ އެވެ.
"ކިއާރާ...! އަހަރުމެންގެ ދެމެދު ކުރެވިގެންދިޔަ ކަންކަމަކީ އެއީ އެވަގުތުގެ މަޖުބޫރީ ހާލަތް..! އެކަމާމެދު އެއްގޮތަކަށްވެސް ނުވިސްނާތި... އެއީ ނުވާކަމަކަށް ހަދާލާ..!" ފިކުރެއް ހިޔާލެއްނެތި އަހާން ބުނެލި އެވެ.
ކިއާރާގެ ހިތަށް ޒަހަރުއެޅުނުހެން ހީވި އެވެ. މެއިން ނަގަންފެށި ދިލަ އޭނާގެ ލޮލާއި ހަމައަށް ފޯރި އެވެ. ނަމަވެސް މިއީ ހިތްވަރުކުރަންޖެހޭ ވަގުތެއްކަން އޭނާ ގަބޫލުކުރި އެވެ. ލިބުނު ހިތްދަތިކަމުގައި ހިންދިރުވާލީ މޭގެ ރިހުމަށް ލުޔެއް ލިބޭތޯ އެވެ. އެއިން އެންމެ ހަރަކާތެއްވެސް އަހާންއަށް ފާހަގައެއް ނުކުރެވެ އެވެ.
"އަޅުގަނޑަށް ރަގަޅަށް އެނގޭ އަހާން އެއިންއެއްވެސް ކަމެއް ގަބޫލުނުކުރާކަން..! އެއިން އެއްވެސް ކަމެއްގައި އަހާންއަށް މާނައެއް ނުވާކަންވެސް އެނގޭ..! އެކަމަކު އަޅުގަނޑުމެންކަހަލަ އާދައިގެ މީހުންނަށް އެއީ ވަރަށް ބޮޑެތި، މައުނަވީ ކަންކަން..! އެހެންވީމައި ހިތާއި ސިކުނޑީގައި އެކަންކަން ހުންނާނެ.. އެ އިހްސާސްތައް ނެރި އެއްލާލުމަކީ މިކަހަލަ ނިކަމެތިންނަށް އެހާ ފަސޭހަކަމެއް ނޫން.. އަޅުގަނޑުގެ އިހްސާސްތަކާއި ހިތާއި ސިކުނޑި އަޅުގަނޑު ކޮންޓްރޯލް ކުރާނަން..! އެކަމާ ހާސްވެނުލައްވާ..! އަޅުގަނޑުގެ ފަރާތުން އަހާންނަށް ތުރާލެއް ނުލިބޭނެ.." ހިތްވަރުކޮށްފައި ކިއާރާ ވާހަކަދެއްކި އެވެ. އެންމެ ފަހަރަކުވެސް އަހާންއާއި ދިމާއަށް ބަލައިނުލަ އެވެ.
"އޯކޭ.. އޯކޭ... ކިއާރާ ބޭނުން ގޮތެއް..!" ދެވުނީ ހުއްދައެއްކަން އަހާން ހިތަށް އަރާނީ އެހިތުގައި އެކަމަށް ދަރަޖައެއް ދެވިފައިވާނަމަތާ އެވެ.
"މި ގޭ ..ގެ... މެޑަމް... ކޮބާތޯ؟" ވަރަށް ޖެހިލުންވެ އިނދެ ކިއާރާ ސުވާލުކޮށްލި އެވެ.
"މެޑަމް...!!؟؟ މީންސް...؟؟!!" ކިއާރާ ބުނި އެއްޗެއް އަހާންއަށް ނޭގުނެވެ.
"ލައްބަ... އެއީ... މިބުނީ .. ލިވް.. އިން... އުމްމ.." ކިއާރާ ބުނަން އުޅެނީ ކީކޭކަން އަހާންއަށް އެނގުމުން ހިނިއަ އެވެ.
"އޯހް.. ހަޔާ..! ނޫނޭ މިވަގުތު ހަޔާ ވީ ރާއްޖެއިން ބޭރުގައި.. އޭނާގެ ފެޝަން ޑިޒައިނިންގ މަސައްކަތުގައި.. ކިއާރާ! އަހަރެންވެސް ބޭނުން ވަހަކައެއް ބުނަން...! އެއީ.. އަހަރުމެންގެ މިކަންތައްގަނޑުގެ ވާހަކަ މަޝްވަރާ ކޮށްލައިފިން އަހަރެންގެ ލޯޔަރާ.. އޭނާ ބުނީ މިހާރުގެ ވަރިކައިވެނީގެ ކަންކަން އޮންނަގޮތުން ކައިވެނިކޮށްގެން ހަ މަސް ހަމަނުވާނަމަ، ކޯޓުން ވަރި ސާބިތު ނުކޮށްދޭނެކަމަށށް.. ކޯޓުން ވަރި ސާބިތު ނުކުރަންޏަކާ، ވަރީގެ ސެޓްފިކެޓެއް ނުލިބޭނެ.. އެހެންވީމައި ހަ މަސް ކުރިން ކިއާރާއަށް އެހެން ކައިވެންޏެއް ކުރެވޭކަށް ނެތް..!"
ކިއާރާ އިސްޖަހައިލުމުން އަހާން އަށް ހީވީ، ކިއާރާ ބޭނުންވާ ގޮތާއި ހިލާފަށް އޭނާއަށް އެއްޗެއް ބުނެވުނީ ކަމަށެވެ. ދާދިގާތުގައި އިން، އިންސާނާގެ ހިތް ކުދިކުދިވެ ފުނޑުފުނޑުވަމުންދާ އަޑެއް އަހާންގެ ކަންފަތާއި ހަމައަށް ނުފޯރަ އެވެ.
"ދެން އެހެންވީމަ، އަހަރެން މި ކަމުގައި ގޮތް ނިންމައިފިން.. ހަމަސް ވަންދެން އަހަރެންނާއެކު މިގޭގައި މިހާރރުވެސް ތިއުޅޭގޮތަށް ކިއާރާ އުޅެމުންގެންދަންވީ.. މިގޭގައި ކިއާރާއަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ" ޔަގީންކަމާއެކު އަހާން ބުންޏެވެ. ކިއާރާގެ ހަރަކާތެއް ނެތް ފަދަ އެވެ. އަހާން ނިންމީ އެވަގުތަށް މައުލޫ ބަދަލުކޮށްލާށެވެ.
"ސޯ.... ހަ މަހަކީ ވަރަށް ދުވަސް...! ކިހައި ހިސާބަކަށް ކިއާރާ ކިޔެވީ؟" ތަށީން އެވޮކާޑޯކޮޅެއް ނަގާފައި އަނގަޔަށްލަމުން އަހާން ސުވާލުކޮށްލި އެވެ.
"ރަށު ސްކޫލުން ކިޔެވެނީ ގްރޭޑް ދިހައަކަށް.. އެއަހަރުގެ ބެސްޓް ޓެންގެ ތެރެއިން ދެވަނައިގައި ހިމެނުނު.. އިންގްލިސް އަދި ބައެލޮޖީން ދުނިޔޭގެ އެއްވަނައިގައި ހިމެނުނު.. އޭ ލެވެލް ހަދަން ރަށުން ބޭރަށް ނުދެވުނީ އެވަރުގެ ތަނަވަސްކަމެއް ނެތީމައި.." ކުރިން ދެކެވުނު ވާހަކަ ކިއާރާ ހަނދާން ނެތުނުފަދަ އެވެ. ވަރަށް ގަޔާވެފައި އޭނާގެ ނަތީޖާ ހިއްސާކޮށްލި އެވެ.
"ވައު...!! ވަރަށް ގަދަ... ވަރަށް އުފާވެއްޖެ.. ވަރަށް މަރުހަބާ..! އެހެންވީމާ ކިއާރާ ބޭނުން ރޮނގަކުން ކިއާރާ ބޭނުންގޮތަކަށް ކިޔެވުމުގެ ފުރުސަތު އަހަރެން ހޯދައިދޭންނަން.. އެކަމާ ހާސްނުވާތި! ދެން، އަހަރެން ވިސްނީ އަހަރުމެންގެ ޑިވޯޒްއަށްފަހު ކިއާރާ ކުރާނީ ކޮން މަސައްކަތެއްތޯ!؟ ހިތައް އެރީ އެންމެ ރަގަޅުގޮތަކީ ފުދުންތެރި ތަނަވަސް، އަހްލާގު ރަގަޅު އަދި ކިއާރާދެކެ ލޯބިވާނެ ފިރިހެން ކުއްޖަކު އަހަރެން ކިއާރާއަށް ހޯދައިދިނުން އެއީ އެންމެ ރަގަޅުގޮތޭ - ދޯ!؟ އޭރުން އެމީހަކާއެކު ސެޓްލްވެފައި، އުފާވެރި މުސްތަގްބަލެއް ދެން ލިބޭނެ!.. އަހަރެން ކިއާރާ މަގުމައްޗަށް ގިނަކުރާކަށް ނޫން މިހިސާބަށް ގެނައީ.. ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން.." ނުހަނު އުފަލުން އަހާން ބޭނުންވާ ގޮތަށް ކިއާރާގެ މުސްތަގްބަލްވެސް ކުރަހާ ނިންމާލައިފި އެވެ.
ދެއަތުގެ އިނލިތައް މުށްކަވައިގެން، އިސްޖަހައިގެން އިން ކިއާރާގެ ލޮލުން ފައިބަމުންދިޔަ ކަރުނައެއް ހިނިތތުންވެފައިވާ އަހާންގެ ސަމާލުކަމަށް އަންނާންވެސް ހިތަށް ނާރަ އެވެ.
ހަމައެވަގުތު ގޭގެ މައިދޮރު ހުޅުވުނު އަޑާއި، "އަހާން...!!!!"ގެ ނަން ގޭތެރޭގައި ގުގުމައިގެން ދިޔައަޑަށް އަހާންއާއި ކިއާރާވެސް ދިޔައީ ސިއްސައިގެންނެވެ. އެދިމާއަށް ބަލައިލެވުނީ ދެމީހުންނަށް އެކުއެކީގަ އެވެ.
ރުޅިއައިސް ރަތްވެފައި ހުރި އަންހެން ކުއްޖަކު ގޭތެރޭގައި ހުއްޓެވެ.
"ހަޔާ..؟؟؟!!!" އެނަން ކިޔައި ނުނިމެނީސް އަހާން ހުރީ ކޮޅަށް ތެދުވެ އެވެ.
ކިއާރާވެސް އަހާންއާއެކު ތެދުވި އެވެ.
ގޮނޑިން ތެދުވެގެން ބާރު ހިނގުމުގައި އަހާން ދިޔައީ ހަޔާއަށް މަރުހަބާ ކިޔުމަށެވެ. އަހާންގެ ހިނިތުންވުން އޭނާގެ އުފާވެރިކަން ސާފުކޮށް މިވަގުތު ބުނެދެ އެވެ.
"ހެއި... ހަޔާ.. ހާދަ އަވަހަކަށް ތިއައީ..؟!" ހިނިތުންވެފައި ހުއްޓަސް ހައިރާންކަން އެޖުމުލައިގައި ސާފެވެ.
ހަޔާގެ ގައިގައި ބައްދާލަން އަހާން އަތް އުފުލާލިވަގުތު، ހަޔާގެ ހަރަކާތުން އަހާންއަށް އެންގީ ވަގުތުން އެހުރި ތަނުގައި ހުއްޓުމަށެވެ. އެ ހަރަކާތާއި ލިބުނު ޝޮކް، އެކަކަށްވެސް މިވަގުތު ކަމުނުދިޔަކަން އޭނާގެ ދުލުން ބަޔާންކުރާކަށް ނުޖެހުނެވެ.
"ކިހިނެއްވީ..؟ އަހަރެން އައިސްގެން ނުވަނީތަ..؟ އަހަރެން މިތާގައި ނެތީމައި އަހާން ތި ގަންނަ ގަނޑު ކުރިއަށް ގެންދާން އިތުރަށްވެސް ފަސޭހަވާނެތީތަ؟" މަލާމާތާއި ރުޅިވެރިކަމާއެކު ހަޔާ ވާހަކަދެއްކީ އަހާންއަށް އެއްވެސް އިހްތިރާމެއް ކުރުމެއް ނެތި އެވެ.
"ވަޓް..؟ ވަޓް އާރ ޔޫ ޓޯކިންގ އެބައުޓް..؟" ހައިރާންވެފައި އަހާން ސުވާލުކޮށްލި އެވެ.
"އެއްވެސް ކަމެއް ނޭގެ ކަމަށް ހަދާނެކަމެއްނެތް އަހާން.. އަހަންނަށް ހުރިހައި ކަމެއްވެސް އިނގިއްޖެ! ހައު ކުޑް ޔޫ..؟ ހައު ކުޑް ޔޫ ޖަސްޓް ޗީޓެޑް އޮން މީ..؟" ހަޔާގެ ތުހުމަތުގައިވަނީ ނަފުރަތާއި ރުޅިވެރިކަމެވެ.
"ޗީޓް އޮން ޔޫ...؟؟ މީންސް..؟!" ވާނުވާ ނޭގިފައި އަހާން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
"ޖަސްޓް- ޝަޓް- އަޕް! ކައިވެންޏަށް އަހަރެން ކިތައް ފަހަރު އެދުނިން..؟ އެއިން ކޮންމެ ފަހަރަކު އަހާން އަހަރެން ހުއްޓުވީ..! އޭރު އަހާންއަކީ ކައިވެންޏާއި ލޯބި ގަބޫލުކުރާ މީހެއްނޫން...! އަހަރެންގެ ބޭނުންކޮށްލަން އަހާން ބޭނުންވީމައި، އަހަރެން ގޮވައިގެން 'ޖަސްޓް- މޫވް- އިން- ޓުގެދަރ'..! އެކަމަކު އެކަމަށްވެސް އަހަރެން އެއްބަސްވިން..! އެކަމަކު އަހާންގެ ހިތްފުރެންދެން އަހަރެންގެ ބޭނުންކުރެވި، އަހަރެންގެ މަތީން ފޫހިވީމަ ބާކީކޮށް، އޮޅުވާލާފައި އެންމެ ފަސޭހައިން އަތުޖެހުނު އަންހެނަކު އަތުއަޅުވާލައިގެން އަހާންގެ ދިރިއުޅުމަށް ތި ގެނައީ..! އަދި އެއީވެސް ކައިވެނި ކޮށްގެން..؟ ވަޓް އަ ޖޯކް އަހާން..؟!" ހަޔާގެ ހިތަށް އައި ހުރިހައި އިލްޒާމެއް އަޅުވަމުން ގެންދިޔައީ އެކަމަށް ފުރުސަތުދީގެން އަހާން ހުރީތީ އެވެ.
"ހަޔާ...! ހުރިހައިކަމެއް ހީކުރެވިފައި ތިހުރީ މުޅިން ހަގީގަތާއި ހިލާފަށް.. ތިއީ މުޅިންވެސް ދޮގު އިލްޒާމް... ހަޔާ ހަމަޖެހިލާފައި، ކަންކަން ވީގޮތް އޮޅުންފިލުވައިދޭން އަހަންނަށް ފުރުސަތެއް ދީބަލަ..! ހުރިހައި ކަމެއް ވެގެން ދިޔައީ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި.. މިއީ ރޭވިގެން ވީ ކަމެއް ނޫން..! މިއީ ކުއްލި ގޮތަކަށް ދިމާވިކަމެއް" ހިމޭންކަމާއެކު އަހާން މަސައްކަތްކުރީ ހަޔާއަށް ވިސްނައިދެވޭތޯ އެވެ.
މޭޒުކައިރިން ތެދުވެފައި މަޑުމަޑުން ސިޓިންގރޫމްގެ މެދާ ހަމައަށް އައިސް ކިއާރާ ހުއްޓުނުވެ. (ނުނިމޭ)