މިނިސްޓަރު މިހެން ވިދާޅުވީ އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅު ބައްޓަންކުރައްވާފައިވަނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގަޔާއި، ސަރަހައްދީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާސަތުތައް ހެދުމަށް މި ކޮމިޓީއިން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކަށެވެ.
ދެމިތިބުމަކީ ހައްލެއް ނޫންކަމަށާއި ރާއްޖެއަކީވެސް މުސްތަގްބަލުގައި ކާނާގެ ޔަގީންކަން ކަށަވަރުވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމަޔަށް ހާސިލްކުރުމުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނެއެވެ.
އޭގެއިތުރުން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތައާރަފްކޮށް އެކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގަޔާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖެފަދަ ކުދި ގައުމުތަކުން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށާއި، މައުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަސިލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ހިއްސާކޮށްދެވޭނަމަ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވަފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ވިދާޅުވަމުންނެވެ.