މި ވާހަކަ އޭނާ ދެއްކެވީ ދުންފަތާއި އީ-ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި ބަހުސްކުރަމުންނެވެ.
މެންބަރު ގަފޫރު ވިދާޅުވީ ރާއްޖޭގައި ވޭޕް ވިއްކުމަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ވާނެ ގޮތަކާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެފަރާތްތަކަށް ސަރުކާރުން ބަދަލު ދެވިދާނެތޯ ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ބޮޑުވުމާއެކު ޓެކްސް ބޮޑުކުރުމުން ރައްޔިތުންނަށް ބުރަ ބޮޑުވެދާނެ ކަމަށް ވެސް މެންބަރު ގަފޫރު ވިދާޅުވި އެވެ. ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 40 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ 200 ޕަސަންޓު ބޮޑުކުރުމަށެވެ. އަދި އެ ތަކެތީގައި އަޅާ ފްލޭވާ އާއި ކެމިކަލްއިން ނަގާ ޑިއުޓީ 50 ޕަސަންޓު ބޮޑުކޮށް، މިލިލީޓަރަކަށް 8 ރުފިޔާ ނެގުމަށް ވެސް ހުށަހަޅާފައިވެއެވެ.