ads
ޕިއްޒާ
ޕިއްޒާއާއެކު މަސްތުވާތަކެތި ވިއްކާ ޖަރުމަނުގެ ތަނެއް ފުލުހުން ރެއިޑްކޮށްފި
ޖަރުމަނުގެ ހުޅަނގު ސަރަހައްދުގައި ހުރި ޕިއްޒާ ފިހާރައަކުން ކަސްޓަމަރުންނަށް ޕިއްޒާއާއެކު ކޮކޭން ވިއްކަމުން ދިޔަކަން ހާމަވުމާ ގުޅިގެން އެ ފިހާރައަށް ފުލުހުން އެ ފިހާރަ ރެއިޑްކޮށްފިއެވެ.
Advertisement

މި ފިހާރައިގެ މެނޫގައި 40 ވަނަ އައިޓަމުގެ ގޮތުގައި އޯޑަރުކުރާ ކަސްޓަމަރުންނަށް ކޮކޭން ލިބޭކަމަށް ފުލުހުން ބުނެއެވެ.

ޖަރުމަނު ފުލުހުންގެ ކްރިމިނަލް ޑިރެކްޓަރު މައިކަލް ގްރާފް ވޮން މޮލްޓްކެ ބުނި ގޮތުގައި މާޗު މަހު ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުން މި މައުލޫމާތު ފުލުހުންނަށް ދިނުމާ ގުޅިގެން، ޑްރަގް ސްކޮޑުގެ އޮފިސަރުން އެ ފިހާރަ މޮނިޓަރކުރަން ފެށިއެވެ. ފުލުހުން ފިހާރައިގެ މެނޭޖަރު ހައްޔަރުކުރަން ދިޔައިރު، އޭނާ ވަނީ ކުޑަދޮރުން މަސްތުވާތަކެތި އެކުލެވޭ ކޮތަޅެއް އުކާލާފައެވެ. އެ ކޮތަޅު ސީދާ ފުލުހުންގެ އަތްމައްޗަށް ވެއްޓުނު ކަމަށް ޑުސެލްޑޯފް ފުލުހުން ބުނެއެވެ.

ފުލުހުން އެ އެޕާޓްމަންޓުން 1.6 ކިލޯގްރާމްގެ ކޮކޭނާއި، 400 ގްރާމްގެ ކެނެބިސް އަދި 268,000 ޔޫރޯ ފައިސާ ހޯދާފައިވެއެވެ. ފިހާރައިގެ މެނޭޖަރު ދޫކޮށްލުމަށްފަހު އޭނާ އަލުން ފިހާރަ ހުޅުވައި، ޕިއްޒާއާއެކު މަސްތުވާތަކެތި ވިއްކަން ފެށުމުން، ފުލުހުންނަށް މަސްތުވާތަކެތި ސަޕްލައިކުރާ ނެޓްވޯކް ދެނެގަތުމުގެ ފުރުސަތު ލިބުނެވެ. މިކަމާ ގުޅިގެން ހަފްތާތަކެއް ފަހުން ޖަރުމަނުގެ ހުޅަނގު ސަރަހައްދުގައި ހިންގަމުންދިޔަ މަސްތުވާތަކެތީގެ ވިއުގައެއް ހޯދައި، އެތަނަށް ރެއިޑްކުރެވުނެވެ.

މި އޮޕަރޭޝަންގައި 150 އޮފިސަރުން ބައިވެރިވެ، ކެނެބިސް އާލާކުރާ ދެ ތަނަކަށް ރެއިޑްކުރިއެވެ. މޮންޗެންގްލަޑްބާކްގައި ހުރި ތަނަކުން 300 ގަސް އަދި ސޮލިންގެންގައި ހުރި ތަނަކުން 60 ގަސް ފެނުނެވެ. މީގެ އިތުރުން 12 މީހެއްގެ ގެތަކާއި ވިޔަފާރިތަކަށް ރެއިޑްކޮށް، ތިން މީހަކު ހައްޔަރުކުރެވުނެވެ. އޭގެ ތެރޭގައި މި މަސްތުވާތަކެތީގެ ވިޔަފާރީގެ އިސް ފަރާތް ކަމަށް ބެލެވޭ 22 އަހަރުގެ ޒުވާނެކެވެ. ރެއިޑްތަކުގައި ހަތިޔާރާއި ފައިސާ އަދި އަގުބޮޑު ގަޑިތައްވެސް ފެނިފައިވެއެވެ.

ޕިއްޒާ ފިހާރައިގެ މެނޭޖަރު ގައުމުން ފުރަން އުޅެނިކޮށް އަލުން ހައްޔަރުކޮށް، މިހާރު ވަނީ ބަންދުކޮށްފައެވެ. މޮލްޓްކެ ބުނި ގޮތުގައި މެނޫގެ 40 ވަނަ އައިޓަމަކީ އެންމެ ގިނައިން ވިއްކުނު ޕިއްޒާތަކުގެ ތެރެއިން އެއް އައިޓަމެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ނަންތަކާއި، ޕިއްޒާއާއެކު ކޮކޭން ވިއްކި އަގު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް