ads
މުސާރަގެ ދެބައިކޮށްފައި އެއްބައި ނުނަންގަވަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
އަންނަ އަހަރުން ފެށިގެން މުސާރަގެ ދެބައި ކުޅަ އެއްބައި ނުނަންގަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިއަދު މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން،" އަޅާނޭ ފިޔަވަޅުތައް އިއުލާން ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާ އެވެ. އެ އަދަދު 120،000އަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރި ނަމަވެސް ރައީސް ވަނީ މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާ އެވެ.

މީގެ އިތުރުން ރައީސް ވަނީ މިިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކަށް ދަންނަވާނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅަނީ ރައްޔިތުން މަޖިލީހުންނެވެ. 

ދަރަނި ބޮޑުވެ، ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައި ވާތީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ނިންމަވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް