ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް - ފޮޓޯ: އެމްޑީޕީ
މުސާރައިން 10 ޕަސެންޓް ކުޑަކުރަން ނިންމުމަކީ ދެބޯގެރި ދުއްވުން: ފައްޔާޒް
ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކޮށްފައި، ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 ޕަސެންޓު އުނި ކުރަން ނިންމުމަކީ ދެބޯގެރި ދުއްވުންގެ ގޮތުގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާލުވެއްޖެ އެވެ.
Advertisement

އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ. 

އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކުގެ ހަރަދު ކުޑަކުރަން އަޅާނޭ ފިޔަވަޅުތައް އިއުލާން ކުރައްވައިފަ އެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅުއްވި ފިޔަވަޅުތަކެކެވެ.

މި ފިޔަވަޅުތައް އެޅި ނަމަވެސް، 12،000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން އިސްތިސްނާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ނިންމުންތަކަށް ފާޑު ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ޓެކްސްތައް ބޮޑުކޮށްފައި، ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމި ނިންމުމަކީ "ދެބޯގެރިދުއްވުމެއް" ކަމަށް ސިފަކުރައްވައިފަ އެވެ.

"މިވީ 11 މަސްދުވަހުގެ ތެރޭގައި 3000 އާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދައިފި،" އޭނާ ތުހުމަތުކުރެއްވި އެވެ.

ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުން ވެސް ލަދުވެތި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ "އެކްސް"ގައި ވިދާޅުވީ މި ސަރުކާރުން ބޭކާރު އިސްރާފު ހަރަދުތައް ކުޑަ ނުކުރާ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އެކަން އެމަގުން ކުރުމަށް ފަހު ރައްޔިތުންގެ މުސާރަ އިން ބައެއް ނެގުމަށް ނިންމި ނިންމުމަކީ ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ހުދުމުހްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް