ads
ދިވެހި އަންހެން ހޭންޑް ބޯލް ޓީމް ބޭރުގެ މުބާރާތެއްގައި ފޮޓޯ: ގޫގުލް
ހޭންޑްބޯލް އެސޯސިއޭޝަންގެ ވެރިންގެ މައްސަލަ އޭސީސީއަށް
ހޭންޑްބޯލް އެސޯސިއޭޝަންގެ ވެރިންގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލައިގައި އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) އާއި މަގާމުން ދުރުކޮށްފައިވާ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އަންވަރުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

ހޭންޑްބޯޅައިގައި ހަރަކާތްތެރިވާ މީހަކު އަމިއްލަ ގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި، އަންވަރުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މުސާރައިގެ އިތުރުން 500،000 ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އެސޯސިއޭޝަންގެ އެހެން ވެރިއެއްގެ ސޮއި ފޯޖުކޮށްގެން މިކަން ކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެވެ އެވެ.

މުޖޭގެ މައްޗަށް ތުހުމަތު ކުރެވެނީ އެސޯސިއޭޝަންގެ ރައީސަށް ދޭ އިނާޔަތް އެޑްވާންސްކޮށް ނެގި ކަމަށެވެ. އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މުޖޭ އަށް ކޮންމެ މަހަކު ދޭ 4،500 ރުފިޔާގެ އިނާޔަތް އެއްފަހަރާ 11 މަހަށްވާ އަދަދު އެޑްވާންސްކޮށް ނަގާފައިވާ ކަމަށެވެ. މިގޮތުން އެއްފަހަރާ 49،500 ރުފިޔާ ނެގި ކަމަށް ތުހުމަތު ކުރެވެ އެވެ.

މި މައްސަލަތައް މިހާރު ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި އަންވަރުގެ މައްސަލަ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ދަނީ ބަލަމުންނެވެ. މި މައްސަލަތައް ފެންމަތިވެފައިވަނީ ސަރުކާރުން މިދިޔަ ހަފުތާގައި ބޭއްވި ސްޕޯޓްސް އެވޯޑްގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ހޭންޑްބޯލް މޯލްޑިވްސްއަށް ދިންފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް