އައްޑޫ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސްގެ އަމާޒަކީ ޓޫރިޒަމްގެ މަންފާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް އިންވެސްޓަރުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ އައްޑޫގައި އަންނަ އަހަރު ބާއްވާ ޓޫރިޒަމް ސިމްޕޯޒިއަމްގައި ޗައިނާ އަދި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި މަޝްހޫރު އެއަރލައިންތައް ބައިވެރިކުރާނެ ކަމަށެވެ. މި ސިމްޕޯޒިއަމަކީ ދެކުނުގެ ޓޫރިޒަމް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމަށް ސަރުކާރުން އިސްކަމެއް ދޭކަމަށްވެސް މިނިސްޓަރު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.