ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުޙަބާ ކިޔައިފައިވަނީ ރާއްޖޭގެ މަޝްހޫރު އިންފްލުއެންސަރުން ކަމަށްވާ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އާއި އާމިނަތު ޝާނާ ސައީދެވެ.
އަދި އެއާޕޯޓުން ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް މަޝްހޫރު ލޯކަލް ބްރޭންޑް ޓޮޑީގެ ގިފްޓް ޕެކޭޖެއް ވެސް އިންފްލުއެންސަރުންގެ ފަރާތުން ވަނީ ހަދިޔާ ކޮށްފަ އެވެ.
ސަނީ ލިއޯން ރާއްޖެ އައިސްފައިވަނީ އޭނާގެ ތިން ދަރިންނާއި ފިރިމީހާއާ އެކުގަ އެވެ. މިދަތުރު ހަމަޖައްސާފައިވަނީ އިންޑިއާގެ މަޝްހޫރު އޭޒްޔޫޕްލޭން ޓްރެވަލް އޭޖެންސީންނެވެ.
ސަނީ ލިއޯން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނޯއީ މޯލްޑިވްސް ކުނާވެށި ރިސޯޓުގައެވެ. މި ދަތުރުގައި އެ އާއިލާ ކިހާ ދުވަހެއް ރާއްޖޭގައި ހޭދަކުރާނެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މި ދަތުރުގެ އެއްވެސް ފޮޓޯއެއް އަދި އޭނަގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެއް ނުވެ އެވެ.
ސަނީ ލިއޯން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމުން، މި ދަތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ޕްރޮމޯޝަނެއް އިންޑިއާގެ މާކެޓުގައި ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެ އެވެ. އަދި މިފަދަ މަޝްހޫރު ތަރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމުގައި އެ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.