ads
ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ދައުވާ ލިބޭ މީހުްނގެ ޝަރީއަތުގެ ތެރެއިން
ނަޝީދަށް ދިންހަމަލާ، މިއަދުގެ އަޑުއެހުންވެސް ކުރިޔަށް ނުދިޔަ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ މިއަދު ބާއްވަން އުޅުނު އަޑުއެހުންވެސް ކުރިއަށް ނުގެންދެވި ކެންސަލް ކުރަން ޖެހިއްޖެއެވެ.
Advertisement

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، އ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މައްސަލަައިގައި އަޑުއެހުމެއް ބާއްވަން މިއަދު ތާވަލްކޮށްފައި އޮތީ ޝަރީއަތެއް ނުބާއްވާތާ އަށެއްކަ މަސް ފަހުންނެވެ. މި މައްސަލައިގައި މިހާރު އޮތީ ހެކިންގެ ހެކިބަސް ނެގުމެއެވެ. 

އެތައް ދުވަހެއް ފަހުން ތާވަލުކުރި މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ އަލީ ހައިޝަމްގެ ދިފާއީ ވަކީލް ކޯޓަށް ހާޒިރު ނުވެގެންނެވެ. ބަލިވެ އުޅޭ ކަމަށް ބުނެ ވަކީލް ވަނީ މިއަދު ސަލާމް ފޮނުވާފައެވެ. 

އެހެންނަމަވެސް ވަކީލް ހުށަހަޅާފައިވާ މެޑިކަލް ލިޔުމާއި ސިޓީއާ ދެމެދު ފުށުއެރުންތަކެއް ހުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދިޔުމަށް ނިންމާވަފައެވެ. ގާޒީގެ މި ނިންމުމާއި ދައުލަތުންވެސް އަދި  މައްސަލަ ރައްދުވާ ހައިޝަމްވެސް ވަނީ ދެކޮޅު ހަދާފައެވެ. 

ހައިޝަމް ބުނީ އޭނާ އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލާ އެކުގައިކަމަށެވެ. އަނެއްކޮޅުން ދައުލަތުން ބުނީ މިއަދު އޮތީ ހެކިބަސް ނެގުންކަމުން މި މަރުހަލާގައި ވަކީލުންގެ ފުރުސަތު ވަރަށް މުހިންމުވާނެ ކަމަށެވެ.

މި ވާހަކަތަކަށް ރިޔާއަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްލާފައެވެ. ގާޒީ ވިދާޅުވީ މި މައްސަލަ ލަސްވާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. 

މިއަދުގެ އަޑުއެހުން ކެންސަލްކުރި ނަމަވެސް މާދަމާއަށްވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް