ވިއްކާލަން ނިންމި ރިސޯޓުތަކުގެ ތެރޭގައި ލ. އަތޮޅުގައި ހިންގަމުންދާ ރަހާ ރިސޯޓާއި ށ. އަތޮޅު ބޮޑުހުރާ ހިމެނެއެވެ. ރަހާ ރިސޯޓަކީ ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް ގުޅުވައިގެން ހިންގާ ރިސޯޓެކެވެ. އަދި ބޮޑުހުރާއަކީ އަދިވެސް މަސައްކަތް ނުނިމި އޮތް ރިސޯޓެކެވެ.
ބީއެމްއެލްއިން އިއުލާނުކޮށްފައިވާގޮތުން މި ރިސޯޓުތައް ވިއްކާލުމަށް ދެ ގޮތަކަށް ބިޑް ހުށަހެޅޭނެއެވެ. އެގޮތުން ތިން ރިސޯޓު އެއްކޮށް ގަންނަން އެދޭ ފަރާތްތަކަށް އެންމެ ކުޑަވެގެން 23 މިލިއަން ޑޮލަރަށް ބިޑް ހުށަހެޅޭނެއެވެ. އަދި ރަހާ ރިސޯޓާއި ބޮޑުހުރާ ވަކިން ގަތުމަށްވެސް ފުރުސަތު ދީފައިވެއެވެ.
ދާދި ފަހުން ރީކޯގެ ކޮޅުވެއްޓިއެއްވެސް ވިއްކާލުމަށް ބީއެމްއެލްއިން ވަނީ އިއުލާނު ކޮށްފަ އެވެ.
މި ރިސޯޓުތަކަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 28 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ރީކޯ މޫސަ ގިނަބައެއްގެ މަގުބޫލުކަން ހޯދީ ދިވެހި ފިލްމުތަކުންނެވެ. ނަމަވެސް ރީކޯ ވަނީ ފަހުން ސިޔާސީ ދާއިރާއަށް ވަދެ ވަޑައިގެންފަ އެވެ. އެނާ ވަނީ އެމްޑީޕީގެ ޗެއާ ޕާސަންކަމާއި، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި އެވެ.