މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ 3.6 ބިލިއަން ރުފިޔާއަކީ 2024 ވަނަ އަހަރުގެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އަދަދުގެ ބައިކުޅަ ބައިކަމަށް ކަަމަށެވެ. އެގޮތުން އެއި އެއީ 15 އާއި 20 އިންސައްތާގެ ދެމެދު އަދަދެއް ކަަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ.
ނޮވެންބަރު 17 ގައި މި ސަރުކާރާ ހަވާލުވިއުރު ބައެއް ޕްރޮޖެކްޓްތައް ހުރީ ކޮންޓްރެކްޓް ސޮއި ކުރެވި ނަމަވެސް އެޑްވާންސް ޕޭމަންޓް ނުދީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ފައިސާގެ ތެރެއިން ބޮޑު ބަޔަކީ ތިލަމާލެ ބްރިޖް، އައްޑޫ މަގު ހެދުމުގެ ބްރިޖް،އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އިންޑިއާގެ އެލްއޯސީން ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގައިވެސް ވާގޮތުން ހަރަދުކުރެވޭނީ ވެސް ބަޖެޓުގައ ހިމަނާފައިވާ އަދި އެ ފައިސާ ހޯދުމަށް ލިބޭ މިންވަރަކަށް ބަލާފައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް ގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަނީ ވީހާވެސް ގިނަ މަޝްރޫއެއް ހުއްޓާ ނުލާ ކުރިއށް ގެންދިއުމަށް ކަމަށް ވީނަމަވެސް މިކަމުގައި ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ މި ދައުރު ފެށުނުއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޕެންޑިން ބިލްގެ ގޮތުގައި ބޮޑު އަދަދެއް ހުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޕެންޑިންގެ ގޮތުގައި 1.72 ބިލިއަން ރުފިޔާގެ ބިލްތައް ހުރި ކަމަށާއި އެއީ ފިނޭންސް މިނިސްޓްރީއަށް ނުފޮނުވާ ހުރި ބިލްތަކުގެ އަދަދު ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ޕެންޑިން ބިލްތަކަށް ބޭނުންވި ފައިސާ މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރިއިރު ހިމަނާފައި ނުވާކަމަށާއި މިއަހަރުގެ ބަޖެޓުގައި މިނިސްޓްރީއާ ގުޅުން ހުރި އާ މަޝްރޫއު ފެށުމަށް ހިމަނާފައިވަނީ އެންމެ 969.5 މިލިއަން ރުފިޔާ ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވި އެވެ.
ސޮއި ކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ އިތުރުން، އިތުރު އާ މަޝްރޫއުތައް ފެށުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފާއިތުވި 1 އަހަރުގެ ތެރޭގައި ބަޖެޓުގެ ތާށި ކަމާއި އެކުވެސް ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވި ނިމިފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.