އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު އޮތް އޭސީސީގެ ބޯޑު ހިންގަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން އީސީ އަށް ހޮވި މެންބަރުން މަސައްކަތް ކުރީ އީސީގެ ރައީސްގެ ބާރު ކަނޑުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އޭސީސީ އާއި އީސީގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ނަންތައް މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.
މިހާރު އޮތް ގޮތުން އެ ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަން ޖެހެނީ ކޮމިޝަނަށެވެ. ނަމަވެސް އާ ބިލުގައިވާ ގޮތުން އިސްތިއުފާ ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.