ads
އެޗްޑީސީ
ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އެޗްޑީސީ އަށް ލިބެން ޖެހޭ: ރިޕޯޓް
ސަރުކާރުގެ އެކިއެކި އިދރާތަކާއި ކުންފުނިތަކުގެ މަޝްރޫއުތަކާއި ފުލެޓާއި ގޯތިތަކުގެ ކުލި ހިމެނޭހެން ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދައްކަން ޖެހޭކަން ހާމަވެއްޖެ އެވެ.
Advertisement

އެ ކުންފުނިން އެ އަދަދުތައް ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ރިޕޯޓެއްގަ އެވެ.

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެޗްޑީސީގެ ރިޕޯޓުގައި ހުރި ބައެއް ތަފާސްހިސާބު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވައިފައެވެ.

އެގޮތުން، އެޗްޑީސީން ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އެ ރިޕޯޓުން ހާމަވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިންތަކަށް 1.6 ބިލިއަން ރުފިޔާއާއި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމުން 3.9 ބިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ލިބެންޖެހެ އެވެ.

އެ އަދަދުތައް އެއްކޮށްލުމުން ޖުމުލަ 9.8 ބިލިއަން ރުފިޔާއަށް އަރައެވެ. އެކަމަކު، ސަރުކާރުން ދައްކަންޖެހޭ 4.3 ބިލިއަން ރުފިޔާގެ ތެރެއިން 436 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކާފައިވާތީ އަދި ބާކީ 9.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، ނާޒިމް ވިދާޅުވި ހިސާބުތަކުން އެނގެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީގައި މިއަދު ވިދާޅުވީ، އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެ މަސައްކަތް ރަނގަޅު ކުރެވިއްޖެ ނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވާ ކުރުމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ސާމިހު ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ މަރުކަޒީ ބޭންކު އެމްއެމްއޭގައި ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ ކޮންމެ މަހަކު އަދާހަމަކުރަމުން ދިއުމެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން އެޗްޑީސީގެ ރިކަވަރީ އަންނަނީ ރަނގަޅުވަމުންނެވެ.

ސާމިހު ވިދާޅުވީ، މިދިޔަ އަހަރު ކުރި މަސައްކަތުން އެޗްޑީސީއަށް 220 މިލިއަން ރުފިޔާ އަނބުރާ ލިބިފައިވާ ކަމަށާއި، ރިކަވަރީ ރޭޓަށް ބަލާއިރު މި އަހަރު 41 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސަރުކާރުން އެޗްޑީސީ އަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތް މައްސަލާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ފައިސާ އެޗްޑީސީ އަށް ނުލިބި އެ ކުންފުނި ނުހިންގޭނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް