އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން ވާހަކަދައްކަވަމުން، ޔާމީން ވިދާޅުވީ ރަދުންގެ ޒަމާނުގައި މެންބަރުން މަޖިލީހަށް އައްޔަންކުރި ފަދައިން މަޖިލީހަށް ވެސް ރައީސް މުއިއްޒު އައްޔަންކުރައްވާ ބަޔަކު ލައްވަފާނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް ޑިމޮކްރަސީ ވެސް ނޭނގޭ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ މެންބަރުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫޅޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓާ މެދު ވެސް ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބަޖެޓް ހުށަހަޅާއިރު މަދުވާ ފައިސާ ހޯދަން ޖެހޭ ސަބަބު ވަރަށް ސާފުވާން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް ވެސް އެކަން ހާމަކުރަން ދެކޮޅު ހެދުމުން، އެކަމާ މެދު އެ މަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.