މަޖިލީހުން ރުހުން ދިނީ ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރި އަބްދުﷲ ހަލީލް އާއި، ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރި މޫސާ ޒަމީރު އަދި ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރި އަބްދުﷲ ނާޒިމް އިބްރާހިމަށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި ތިން މިނިސްޓަރުންގެ މައްސަލަ ދިރާސާކުރުމަށް ފަހު ވަނީ ރުހުން ދިނުމަށް ނިންމާފަ އެވެ. ކޮމިޓީން ބުނީ މި ތިން ބޭފުޅުންނަކީ ވެސް މީގެ ކުރިން މިނިސްޓަރުކަން ކުރައްވާފައިވާ ގާބިލު ބޭފުޅުން ކަމަށެވެ.
މި ތިން މިނިސްޓަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލާ ގުޅިގެންނެވެ. އެ ބަދަލުގައި ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވި އެވެ. އަދި ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވި އެވެ. އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި އެވެ.
ގާނޫނުގައިވާ ގޮތުން ކެބިނެޓަށް އާ މިނިސްޓަރުން އައްޔަންކުރާ އިރު އަދި މިނިސްޓަރުންގެ މަގާމުތަކަށް ބަދަލު ގެންނަ އިރު މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.