އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓުރޯލުކޮށްފައިވާކަން އެނގެ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ ހަރަދުވީ 37.7 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި މުޅި އަހަރު ހަރަދުވާނެކަމަށް އަންދާޒާކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާ އެވެ.
ނިމުނު އަހަރުގެ ޖަނަވަރީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 36.9 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި އިތުރަށް ހަރަދުވެފައިވަނީ 740 މިލިއަނެއްހައި ރުފިޔާ އެވެ.
އެންމެ ބޮޑަށް އިތުރުވީ މުސާރައާއި އިނާޔަތްތަކުގެ ހަރަދެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 8.9 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އިތުރަށް 10.2 ބިލިއަން ރުފިޔާ ހަރަދުވި އެވެ.
ރިޕޯޓުތަކުން ފާހަގަކުރެވޭ ގޮތުގައި މުސާރައަށް ކުރާ ހޭދަ ވަނީ ބޮޑުވެފަ އެވެ. އެއީ، ސިފައިންނާއި ފުލުހުންނާއި ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރަ ބޮޑުވުމާ ގުޅިގެން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރު ކުރީ ކޮޅުގައި ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމެވެ. އަދި މިދިޔަ އަހަރު މާޗު މަހުގައި ސިއްހީ ހިދުމަތްތެރިންގެ މުސާރައަށް ގެނައި ބަދަލުތައް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ހަރަދުގައި ނުހިމެނުނަމަވެސް މި އަހަރުގެ ހުރިހާ މަހެއްގައި ރެކޯޑުކުރެވެމުން ދިއުމަކީވެސް މުސާރައިގެ ހަރަދުތައް ބޮޑުވި ސަބަބެކެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މުޅި ހަރަދަށް 700 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
ދައުލަތުގެ މާލީ ހާލަތު ބުނެދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މި އަހަރުގެ ޖޫން މަހުން ފެށިގެން ނެރުން ހުއްޓާލީ ހިސާބުތައް ދިމާނުވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ދައުލަތުގެ މާލީ ހިސާބުތައް އާންމުކޮށްފައި މި ވަނީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ހިސާބުތައް އާންމުނުކޮށްގެން ކަންބޮޑުވުން ފާޅު ކުރި އެއް އިދާރާއަކީ ވޯލްޑް ބޭންކެވެ. ކަންބޮޑުވުން ފާޅު ކުރީ އެ އިދާރާއިން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ރިޕޯޓުގަ އެވެ.
ބަޖެޓުން ކުރާ ހޭދަތައް އާންމު ކުރި އިރު މިއަދު މަޖިލީހުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ފާސްކޮށްފަ އެވެ. އެއާ އެކު މިއަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.