މިނިސްޓަރު މިހެން ވިދާޅުވީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ހުޅުދޫ ފެސިލިޓީގެ ކެޕޭސިޓީ އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ހުޅުދޫ މަސް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރުގެ ފަހުކޮޅަށް ނުވަތަ ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށެވެ.
ހުޅުދޫގައި ގާއިމްކޮށްފައިވާ ފެސިލިޓީއަކީ ކުރީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި އެ ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ 2019 ވަނަ އަހަރުން ފެށިގެން ކުރީ ސަރުކާރުން ދެއްކި ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ފެއްޓެވި ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި މި ފެސިލިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިފްކޯ މެދުވެރިކޮށް މި މަސައްކަތް ކުރުމަށްޓަކައި ފަންޑިން އެޖެންސީތަކާއިއެކު މަސައްކަތް ފެށިގެންދިޔަ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން އައިއެސްޑީބީގެ ފަރާތުން މިފްކޯގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން އެ މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިފައި ވަނީ ފާއިތުވި ހަފްތާތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހުޅުދޫ ފެސިލިޓީގައި މިހާރު ހުރީ 1500 ޓަނު މަސް ރައްކާ ކުރުމުގެ ކެޕޭސިޓީއާއި 50 ޓަނުގެ ބަރައިން ފްރީޒް ކެޕޭސިޓީ ކަމަށެވެ. ނަމަވެސް އެ ފެސިލިޓީ ތަރައްގީކޮށް ނިމޭއިރު އިތުރުކުރެވޭ ވަސީލަތްތަކާއިއެކު އިތުރު 1000 ޓަނުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު 50 ޓަނު ބަރައިން ފްރީޒް ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި އޭރުން ދުވާލަކު 100 ޓަނު މަސް އެ ފެސިލިޓީއަށް ގަނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެއިތުރުން މަސްވެރިކަމުގައި ހުރި ގޮންޖެހުމުގެ އަސްލަކީ ހުރިހާ ގޮތަކުން ވެސް ސިނާއަތުގައި ކެޕޭސިޓީ ނެތުންކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފެލިވަރު އޮޕަރޭޝަނަށް އައި ފަހުން ވެސް 47 އަހަރު ފާއިތުވެފައިވާ ކަމަށާއި ބައިގަރުނުވާން ދާއިރު އޭހާރާއި މިހާރާއި މާބޮޑު ތަފާތެއް ނެތްކަމަށެވެ. އަދި މިފްކޯ ވުޖޫދުވީ ފަހުން ވެސް ވަނީ 28 އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި ފާއިތުވި މުއްދަތުގައި މަސްވެރިންނާއި މަސްވެރިކަން ތަރައްގީވެގެން އައި ނަމަވެސް އެ މިންވަރަށް މިފްކޯ ތަރައްގީވެފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.