ބޭންކުން ބުނީ މި އެވޯޑުތައް ދީފައިވަނީ ބޭންކަށް 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ. މީގެ ތެރޭގައި 35 އަހަރު ވަންދެން ހިދުމަތްކުރި ތިން މުވައްޒަފުންނާއި 30 އަހަރު ވަންދެން ހިދުމަތްކުރި ތިން މުވައްޒަފުން ހިމެނެ އެވެ.
ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ މުވައްޒަފުން މަސައްކަތަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން، ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާ ބޭންކެވެ. މި ވަގުތު ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 99 ޕަސަންޓަށް ވުރެ ގިނައީ ދިވެހިންނެވެ.
30 އަހަރުގެ ހިދުމަތަށް އެވޯޑު ލިބުނު މުވައްޒަފުންގެ ތެރޭގައި ކަސްޓަމަރ ސާވިސް އޮފިސަރު ފާތިމަތު ހުސެއިން، އޭޖެންޓް ބޭންކިންގ އޮފިސަރު ފާތިމަތު މުހައްމަދު އަދި ޗީފް ކޮމްޕްލަޔަންސް އޮފިސަރު މަރިޔަމް ހަމީދު ހިމެނެ އެވެ.
ބޭންކުން މައުލޫމާތު ދިން ގޮތުގައި، މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަސައްކަތަށް ބޭނުންވާ ތަމްރީނާއި އިންސާނީ ހުނަރު ތަރައްގީ ކުރުމަށް އަބަދުވެސް އިސްކަން ދެ އެވެ. އަދި ވަޒީފާގެ ކުރިއެރުން ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ބޭންކުން ބުންޏެވެ.
ބޭންކުގެ އިސް މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ހަފްލާގައި، 15 އަހަރާއި 20 އަހަރާއި 25 އަހަރު ވަންދެން ހިދުމަތްކުރި މުވައްޒަފުންނަށްވެސް އެވޯޑު ދީފައިވެ އެވެ.