އެމްއެމްޕީއާރްސީން މިއަދު ބުނެފައިވަނީ ރާއްޖޭގައި ފިލްމް ޓޫރިޒަމް ތައާރަފްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި މިކަމާ ގުޅޭ ހާއްސަ ހަރަކާތެއް އަންނަ އަހަރު ބޭއްވުމަށް ވެސް ވަނީ ރޭވިފަ އެވެ.
ކ. ގުރައިދޫގެ ފަތުރުވެރިކަމުގެ ބްރޭންޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ވަކި ބާވަތެއްގެ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް ފަތުރުވެރިކަން ސިންދަފާތު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްއެމްޕީއާރްސީން ބުނީ އޮފް ސީޒަންގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ސްޕޯޓްސް ޓޫރިޒަމްގެ ދާއިރާއިން އަހަރީ އިވެންޓްތައް ބޭއްވުމަށް ވެސް ވަނީ ރޭވިފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދާއިރާތައް ތައާރަފްކުރުމުގެ މަސައްކަތުގެ ތެރެއިން ފިލްމް ޓޫރިޒަމަކީ އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާވެސް އެތައް ގުނައެއް އިތުރުވެފައިވާއިރު، މި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށް އެމްއެމްޕީއާރްސީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.