އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ފުޅާ މިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ ބަޖެޓް ކަމަށެވެ. އަދި މި ބަޖެޓް ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާ ހައުސިން ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހިންގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ނޮވެމްބަރު މަހުގެ ކުރީކޮޅު ފަށާ ގޮތަށް ހަމަޖެހިފައިވާ ހައުސިން ލޯނު ސްކީމްގެ އިންޓަރެސްޓް ރޭޓް ހުންނާނީ ފަސް ޕަސަންޓަށް ވުރެ ދަށްކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިގުތިސާދު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އެމީހުންގެ ފަންނުތައް ވިއްކޭނެ ގޮތް ހަދައިދިނުމަށް ފުރިހަމަ ޕޭމަންޓް ގޭޓްވޭއެއް ގާއިމުކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަށް އަންގަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.