ads
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ
ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
Advertisement

ހައިކޯޓުން މި ގޮތަށް ކަނޑައެޅީ، ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ދިފާއު ކުރުމުގައި ވަކީލެއްގެ ގޮތުގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ، ކުރީގެ ގާޒީ މުހައްމަދު ރާގިބު އަހުމަދު މަސައްކަތް ކުރެއްވި މައްސަލައިގައި ދައުލަތުން ކޯޓުގައި އެ ކަމަށް އިއުތިރާޒު ކުރުމުން އެ ކަމާ މެދު ނިންމި ނިންމުމުގަ އެވެ.

މި މައްސަލައަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި މީހެއްގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ އެކެވެ. ހައިކޯޓްގައި ކުރިޔަށް ދާ މި މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހާޒިރުވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ. މި މައްސަލާގައި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. ދައުލަތުގެ ވަކީލުން ބުނީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާތީ ކުރެވިގެން ވާނެކަމެއް ނޫން ކަމަށެވެ. ޕީޖީގެ ވަކީލް މިކަން ފާހަގަކުރުމުން އެ މައްސަލައިގެ ޝަރީއަތް މެދު ކަނޑާލިއެވެ. މި ކަމުގައި ހައިކޯޓުން ގޮތެއް ކަނޑައެޅި މިއަދުއެވެ.

ހައިކޯޓުން މި މައްސަލައިގައި ނިންމި ނިންމުމުގައި ބުނެފައިވަނީ މުހައްމަދު ރާއިބް އަހުމަދު އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ ސިޔާސީ މަގާމެއް (މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީގައި ވަޒީރުގެ ނައިބުގެ މަގާމް) ފުރަމުންދާ ފަރާތަކަށްވާތީ، އެ މަގާމުގައި ހުރެ ރާގިބުއަށް މި މައްސަލައިގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދައުލަތާ ދެކޮޅަށް ވަކާލާތުކޮށް އިސްތިއުނާފުކުރާ ފަރާތް ތަމްސީލުނުކުރެވޭނެ ކަމަށް މި އިޖުރާއީ އިއުތިރާޒު ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީ މެވެ.

މީގެ ކުރިން ޓެކްސްގެ މައްސަލައެއްގައި މީރާއި ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ވަނީ ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފައެވެ. އެފަހަރު ދައުލަތާއި ދެކޮޅަށް ވަކާލާތުކުރީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވެސް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް މި ފަހުން ފެންމަތިވި އެވެ. އެ ކޭސްގައި ދައުލަތާ ދެކޮޅަށް ކޯޓަށް ދިޔައީ ޕީއެންސީގެ މެންބަރެކެވެ.

އެ ފަހަރު އެ މައްސަލަ ބަލާ ރައީސް އޮފީހުން ބުނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް