ސެންޓްރަލް ޕާކުގައި ހަވާ އެރުވުމާއެކު ބޭއްވި ހަފްލާއެއްގައި ދައްކާލި އެމްއައިބީގެ އާ މޯބައިލް އެޕްލިކޭޝަނުން އެކްސެސް އޮތް އެހެން އެކައުންޓްތަކަށް ސްވިޗް ކުރެވެ އެވެ.
މިގޮތުން، ފަސޭހަ ކަމާ އެކު އެޕްރޫވް ކުރަން ޖެހޭ ޓްރާންސެކްޝަންތައް އެޕްރޫވް ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ބޭނުންކޮށްލަން ފަސޭހަ ގިނަ ކަންކަން ވަނީ އެޕްގައި ހިމަނާފަ އެވެ.
އެޕްލިކޭޝަން އިތުރުން އެ ހަފްލާގައި އެމްއައިބީން ވަނީ "ބިންގާ ކިޑްސް" އެކައުންޓް ތައާރަފްކޮށްފަ އެެވެ. އެ އެކައުންޓާ އެއްކޮށް ތިން ވައްތަރެއްގެ އެކައުންޓް ހިމެނޭ ބަންޑްލް ޕްކޭޖެއް ކޮންމެ ކުއްޖަކަށް ލިބޭނެ ކަމަށް އެ ބެންކުން މައުލޫމާތު ދެއެވެ.
އޭގެއިތުރުން، އެކައުންޓުތަކުގެ ތެރެއިން އެންމެ ހާއްސައީ ބިންގާ ޓްރާންސެކްޝަން އެކައުންޓު ކަމަށްވާއިރު، މާލީ ގޮތުން ކުދިން ޒިންމާދާރު ކުރުމަށް ބެލެނިވެރިއެއްގެ ދަށުން ބޭނުން ކުރެވޭ މި އެކައުންޓަށް ކޭޝް ކާޑެއް ލިބޭނެ އެވެ.
ބިންގާ ޓްރާންސެކްޝަން އެކައުންޓު މެދުވެރިކޮށް ދަރިން މާލީ ގޮތުން ޒިންމާދާރު ކުރުވުމަށް ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުން ކުރެވޭ އެ އެކައުންޓަށް ކޭޝް ކާޑެއް ލިބެ އެވެ. ހަރަދު ކުރެވޭ ލިމިޓް ބެލެނިވެރިންނަށް ކަނޑައެޅޭއިރު ދަރިންނަށް ފަހަށް ރައްކާ ކުރުމަށް ވެސް އެ ކައުންޓުން ބާރު އެޅެ އެވެ.
ހަފްލާގެ ތެރެއިން ރާއްޖޭގެ މާހައުލަށް މުޅިން އަލަށް ތައާރަފް ކުރީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓީއެެކެވެ. ކޭޝް ކާޑާއި ދާދި އެއްގޮތަކަށް މަސައްކަތް ކުރާ އެ އަނގޮޓީގެ އެކި ޑިޒައިންގެ އިތުރުން އެކި ސައިޒު ވެސް ލިބެ އެވެ.
އެމްއައިބީން ބުނީ އާދީއްތަ ދުވަހުން ފެށިގެން މާލޭ ބިޒްނަސް ސެންޓަރު، ހ. މެރިންޑްރީމްއިން އަދި ރަށްރަށުގައި ގާއިމު ކޮށްފައި ހުންނަ ބްރާންޗުތަކުން އެ އަނގޮޓި ލިބެން ހުންނާނެ ކަމަށެވެ.
"ފައިސާ ވެއާ"ގެ ނަމުގައި އެމްއައިބީގެ ކަސްޓަމަރުންނަށް ހާއްސަކުރި އަނގޮޓިއަކީ ރާއްޖޭގައި ޕޭމަންޓުތައް ހެދުމަށް ތައާރަފްކުރި އެފަދަ ފުރަތަމަ ޕްރޮޑަކްޓެވެ. މި އަނގޮޓީގައި ހިމެނޭ ޓެކްނޮލޮޖީގެ އެހީގައި ކޭޝް ކާޑު މެޝިންތަކުގައި އަނގޮޓިން ޓެޕް ކޮށްލައިގެން ފައިސާ ދެއްކޭނެ އެވެ.
މިއީ ހުރިހާ މޫސުމަކާ ގުޅޭ، ދަލާއި ފެން ޖެހުނަސް ގެއްލުން ނުވާނެ ގޮތަށް ޑިޒައިން ކޮށްފައިވާ އަނގޮޓި އެކެވެ.
މިއީ ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތަކުގައި ބޭނުން ކުރަމުންދާ ޓެކްނޮލޮޖީ އެކެވެ.
އެމްއައިބީއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތްދޭ ބޭންކެކެވެ. އެގޮތުން، ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި ދޭ ހަމައެކަނި ބޭންކަކީ އެމްއައިބީ އެވެ.
އެމްއައިބީ އިން ތަފާތު އިންގިލާބީ ޕްރޮޑަކްޓުތަކެއް ނެރުމަށް ހުޅުމާލެގައި ބޭއްވި ހާއްސަ ހަރަކާތް ނިންމާލީ ލައިޓް ޝޯއަކާއި ކުލަ ގަދަ ހަވާގެ ހަރަކާތަކުންނެވެ.