ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކު އެކަން އެގޮތަށް ދިމާވެފައި ވަނީ ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު ދީނާއި ގައުމަށް ހިޔާނާތްތެރިވުމުގެ ސަބަބުން ނެވެ. އެކަމުން އިބުރަތް ލިބިގަނެ ހަނދާން އާ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ:
3 ނޮވެމްބަރު، 1988 ވަނަ ދުވަހު ރާއްޖެއަށް ލިބުނު ނަސްރާއި މަތިވެރި ކާމިޔާބީގެ ޒިކުރާ ފާހަގަކުރުމުން ދާއިރު އެ ހަމަލާގެ އަޑީގައި ބައިވެރިވި ހާއިނުންގެ ބަޔަކު މިހާރުވެސް މިގައުމުގައި އުޅޭނެ ދެކެން ޖެހެ އެވެ. ސަބަބަކީ ބަޑިން ދެވޭ ހަމަލާތަކަކީ "ވޯޓުން މޮޅު" ނުވުމުން އަންނަ ހަމަލަ އަށް ގިނަ ފަހަރު ވުމެވެ.
3 ނޮވެމްބަރު، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން --
ގައުމުގެ މިއަދުގެ ޒުވާނުންނާއި މާދަމާގެ ޒުވާނުން މި ލޮބުވެތި ގައުމަށްޓަކައި މަތިވެރި އަޒުމްތަކެއް ކަނޑައަޅައި މިނިވަން ގައުމެއްގެ ގޮތުގައި އަންނަންއޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދިނުމަކީ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެކެވެ. މިކަން ހާސިލުކުރެވޭނީ، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް އެ މަތިވެރި އަޒުމުގައި ސާބިތުވެ ތިބެގެންނެވެ. ގައުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ ހޯދައި ބެލުމުގެ ޝައުގު ހުރެގެން ނެވެ.
މީގެ 36 އަހަރު ކުރިން މިދުވަހު ދިވެހި ގައުމަށް ނަސްރު ލިބުނީ އަމިއްލަ ފުރާނަ ގުރުބާންކުރެއްވި ޝަހީދު ހުސައިން އާދަމްގެ ވަރުގަދަ އަޒުމާއި ގަދަ ހިތްވަރުންނެވެ. ދިވެހި ސިފައިން ގައުމީ ލޯބީގައި ސާބިތުވެ ތިބުމުންނެވެ. ދިވެހި ސިފައިންގެ ލަސްކަރު އޮތީ ބަދަހިކަމާއެކު ކޮންމެ ވަގުތަކު ދުޝްމަނުންނާ ކުރިމަތިލުމަށް ތައްޔާރަށްކަމުގެ އަޒުމާއިއެކު 3 ނޮވެމްބަރު، 1988 ގައި "ނަސްރުގެ ދުވަހުގެ ބަތަލު" ހުސައިން އާދަމް ހުންނެވީ ސިފައިންގޭގެ ގޭޓުގެ ހުޅަނގު ފަރާތުގައި ފޯރިމަރާށެވެ. ކުއްލި އަކަށް އިވުނު ބަޑީގެ އަޑުފަށްގަނޑާ އެކު ރައްދު ހަމަލާއަށް އަތުގައި އޮތް ބަޑި ހެޔޮވަރުކޮށްލެއްވި އެވެ. އަދި ބަޑީގެ ވަޒަންތަކުން ދުޝްމަނުންނާ ހަމައަށް ފޮނުއްވަމުން ފަސްޖެހުމެއް ނެތި ޖިހާދުކުރެއްވުމަށްފަހު ޝަހީދުވުމާ ހަމައަށް ދެއްކެވީ ގައުމީ ޖޯޝުގެ ހިތްވަރާއި ފަންވަރެވެ.
ހދ. ކުޅުދުއްފުށީ މާވާގޭ، ހުސައިން އާދަމް (ޝަހީދު ކޯޕްރަލް ހުސައިން އާދަމް) އަކީ އަދުގެ ޒުވާން ސިފައިންގެ ލަޝްކަރަުގެ ހިތްވަރަށް ލިބުނު ޝަރަފެކެވެ. ހާއިނުންނާ ދެކޮޅަށް ގައުމީ ޖޯޝްގައި ހަނގުރާމަ ކުރަނިކޮށް ހުސައިން އާދަމް ޝަހީދުވީ ޒުވާން އުމުރުގައި އެންމެ 19 އަހަރުގަ އެވެ. ހަށިކޮޅަށް ވަޒަން އެރުމުން ވެސް އިސްކަން ދިނީ ގައުމުގެ މިނިވަންކަމާއި ސަލާމަތަށެވެ. ވިދާޅުވަމުން ގެންދެވީ "ވަޒަން ހުސްވަނީ މެގަޒިނެއް ދެއްވާ" މި ފަދައިން ނެވެ. "އިތުރުވާނީ މަގޭ ހިންމަތޭ" ބުނެ ހާއިނުންނާ ކުރިމަތިލުމުގައި ސާބިތުވެ ހުއްޓެވެ.
ނަސްރުގެ ދުވަހުގެ ބަތަލު ޝަހީދު ހުސައިން އާދަމް ދުޝްމަނުން ހަމަލާދޭން ބޭނުން ކުރެއްވި ބަޑި
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ކޮބާ؟
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ "ސިޔާސީ ގޯސް" މަދު ކޮށް، 3 ނޮވެމްބަރު، 1988 ވަނަ ދުވަހުގެ ހާދިސާ އިން ފިލާވަޅު ލިބި ގައުމީލޯބި އިތުރުކޮށް، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެމެ، ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދު އިތުރަށް ފިކުރު ހިންގުމެވެ. މީގެ އިތުރުން:
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން ހައްދަވާފައިވާ ލަވަ - "ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދުގެ ގޮވައިލުން" މިއީ ޝާއިރީ ގޮތުން ނަސްރުގެ ދުވަހަށް އެންމެ މުނާސަބު އެއް ވަތަނީ ގޮވާލުމެވެ.
ދިވެހި ބާގީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާލާއިރު، ނަސްރުގެ ދުވަހު އަޅުގަނޑުމެން މި އާ ކުރަނީ ދިވެހި ގައުމު ދެކެ ލޯބިވާ ދަރިންތަކެއްގެ ޒިކުރާ އެވެ. ދިވެހިންގެ މިއަދުގެ ވެސް ގަބޫލުކުރުމަކީ މިނިވަންކަމުގެ މުހިއްމުކަމާއި ގައުމިއްޔަތަކީ ދަމަހައްޓަން ޖެހޭ އެއްޗެއްކަމެވެ. ނަސްރުގެ ދުވަސް ހަނދާން ކޮށްދެނީ ހީލަތްތެރިންގެ ރޭވުންތަކަށް އަބަދުވެސް ފާރަވެރި ވާން ޖެހޭ ކަމެވެ. ނަސްރުގެ ދުވަހުން ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގަނެ ދިވެހި ފަސްގަނޑުގެ ހިމާޔަތުގައި ދިވެހީން ހުށިޔާރުވެ އަބަދުވެސް ތިބެން ޖެހެ އެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާއުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށާއި މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ ކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ. އަދި އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި އޮތް "ގައުމީ ލޯބި" އެވެ. 3 ނޮވެމްބަރު، 1988 ވަނަ ދުވަސް ސާބިތު ކޮށްދެނީ މިނިވަންކަމުގެ ދިފާއުގައި ދިވެހީން ޝަހީދެއްގެ ގޮތުގައި ޖަންނަތަށް ދިއުމަށް އަބަދުވެސް ތައްޔާރަށް ތިބިކަމެވެ.
ފަހުރުވެރި ނަސްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސްކުރަމެވެ. އަދި 3 ނޮވެމްބަރު، 1988 ދުވަހު މި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޝަހީދުވި ބަތަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްލައްވާށި