ads
ދަރުބާރުގޭގައި ކުރިއަށްދާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ - ފޮޓޯ/ރައީސް އޮފީސް
ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވެދާނެ ކަމަށް އަބަދުވެސް ތިބެން ޖެހޭނީ ހޭލާ: މައުމޫން
ދުނިޔޭގެ ސިޔާސީ އޮއިވަރުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ކުރިމަތިވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި ދިވެހިން ތިބެން ޖެހޭނީ އެކަމަށް ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން އަބަދުވެސް ތިބެންވާނީ ހޭލާ ކަމަށެވެ.

ނޮވެމްބަރު 3ގެ ބިރުވެރި ހާދިސާ ކުރިމަތިވި އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މައުމޫން ވިދާޅުވީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑުމެންގެ އީމަންތެރިކަން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

މައުމޫން ވިދާޅުވީ، ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އެހެންވެ، އަމިއްލަ ސަލާމަތަށްޓަކައި ވެސް އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ ސުބްހާނަހޫވަތައާލާގެ ހަޒްރަތަށް އޮންނަ އީމާންކަމާއި ލޯބި އިތުރު ކުރަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ގައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަންދޭން ޖެހޭނެ ކަމަށެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ދުވަސްވަރު ވެސް ފެނުނީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަން ކަމަށާއި ސަރުކާރާ މެދު ހިތްހަމަ ނުޖެހުނު މަދު މީހުން ވެސް އެ ދުވަހު ތިބީ ސަރުކާރާ އެކު ކަމަށް މައުމޫން ވިދާޅުވި އެވެ.

"ރާއްޖެ އަށް ހަމަލަދިން ދުޝްމަނުންނަށް އެއްވެސް ދިވެއްސެއްގެ ފަރާތުން ކުޑަވެސް އެހީތެރިކަމެއް އެ ދުވަހަކު ނުލިބުނު. އެންމެ ކުޑަވެގެން ހޫނު ދުވަހެއްގައި ބޯލާނެ ފެންތައްޓެއްހާ ހިސާބު ވެސް ނުލިބުނު،" އެ މަނިކުފާނު ވިދާޅުވި އެވެ.

މައުމޫނު ވަނީ އެ ދުވަހާއި އޭގެ ފަހުން ވެސް ރާއްޖެއަށް އެހީތެރިވެދިން އެކުވެރި ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"އިންޑިއާގެ ރަހުމަތްތެރި ސަރުކާރާއި އިންޑިއާ ސިފައިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަބަދުވެސް އޮންނާނެ،" އެދުވަހު ރާއްޖެއަށް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިން އިންޑިއާގެ ނަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރު ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ ވެދާނެ ކަމެއްކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ މިނިވަންކަމާ ސިޔާދަތު ދެމެހެއްޓުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޝުކުރުދަންނަވައި ތައުރީފުކުރައްވާފަ އެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން، ވަކިން ހާއްސަކޮށް ގާޒާގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ހާލަތު ކުށްވެރި ކުރަންޖެހޭ ކަމަށެވެ. އަދި އެމީހުންގެ ވަރުގަދަ ޖިހާދަށް ތާއީދުކުރުންމަތީ ދިވެހިން ދެމިތިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގައި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެއަށް ހަމަލާދިން ދުވަހާ ގުޅުވައިގެންނެވެ. އެ ހާދިސާއަށް މިއަދު 36 އަހަރު ވަނީ ފުރިފަ އެވެ. އެ ދުވަހު، ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް