އެ މަނިކުފާނު އެހެން ވިދާޅުވީ، މީގެ 36 އަހަރު ކުރިން 3 ނޮވެމްބަރު 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރާއި ސްރީ ލަންކާގެ ތަމަޅައިގެން 80 ވަރަކަށް މީހުން މާލެ އަރައި ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ކާމިޔާބީއަށްޓަކައި މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ޣައްސާންގެ ވާހަކަފުޅުގައި ވަނީ ނޮވްމެބަރު 3ގެ އުދުވާނީ ހަމަލާއިން ނަސްރު ހޯދުމުގައި ޝަހީދު ހުސައިން އާދަމް ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.
ޣައްސާން އިތުރަށް ވިދާޅުވީ އަސްކަރިއްޔާ ގާބިލުކުރުމުގެ މަސައްކަތުގެ ދަށުން މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ. އެ ކާމިޔާބީތަކާއެކު ޣައްސާން ވަނީ ސިފައިންނަށް މެސެޖެއް ވެސް ދެއްވައިފަ އެވެ.
އެގޮތުން މިއަދަކީ ރައީސް މުއިއްޒު ގެނެސްދެއްވާ ޒަމާނީ ވަސީލަތްތައް ގައުމުގެ ދިފާއުގައި އަތުރާލާ ވިލަރެސްކުރަންވީ ދުވަސް ކަމަށް ޣައްސާން ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ މީގެ 36 އަހަރު ކުރިން ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ދިވެހިންނަށް ލިބުނު ކާމިޔާބީއަށްޓަކަ އެވެ. އެއީ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ވަރަކަށް މީހުން ރާއްޖެ އަރައި ވެރިކަން ފޭރިގަންނަން ދިން ޓެރަރިސްޓް ހަމަލައެކެވެ. އެ ހަމަލާ ރޭވުމުގެ އަޑީގައި ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން ހަތަރު ދިވެއްސަކު އުޅުނެވެ.
ނަވާރަ ދިވެހިން ޝަހީދުވި އެ ހަމަލައިން ދިވެހިންނަށް ނަސްރު ލިބުނީ ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިންގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުންނެވެ.