ads
އިހްސާސް
އިހްސާސް - 11 ވަނަ ބައި
އެޕިސޯޑް 11
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ކިއާރާއަށް ހިތާއި ހިތާއި ކިޔާލެވުނެވެ.

'މާނައަކީ މިއޮތް ހުރިހައި ދުވަހު އަހަންނަށް ހުރެވުނީ ކުށް ހީއެއްގައި ހެއްޔެވެ..؟ އަހަރެން ފުރިހަމައީ އަހާން ނޫން އެހެން މީހުންނަށް ހެއްޔެވެ؟ އެހެންމީހަކާއި އަހަރެން ހަވާލުކުރަން އަހާން މަސައްކަތް އެކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ހީކުރީ އަހަންނަށްޓަކައި އަހާންގެ ހިތުގައި ޖާގައެއް ބިނާކުރެވެމުން ދާކަމަށެވެ..! މި ގުޅުމަށް އަހާންގެ އަމިއްލަ އިހްތިޔާރުގައި ޗާންސެއް ދިނުމަށް މަސައްކަތްކުރާނެކަމަށެވެ..! އެކަމަކު ހަގީގަތަކީ، އަހާންގެ ހިތުގައި އަހަންނަށްޓަކައި ހަނި ފުރުސަތެއްވެސް ނެތްކަމެވެ. އަހާންގެ ހިތުގެ އެންމެ އަޑިން ރާވަމުން ތިގެންދަނީ އަހާންގެ ދިރިއުޅުމުން އަހަރެން ދުރަށްލާށެވެ..! ހާސްވެ ކަންބޮޑު ނުވާށެވެ! އިން ޝާ ﷲ ދާދި އަވަހަށް އަހާންގެ ދިރިއުޅުމުގެ މި ތޫފާން އަމާންވާނެ އެވެ. އެކަމަކު މިހިތުގައި ޖަވާބު ބޭނުން ސުވާލުތަކެއް އެބަހުއްޓެވެ. އަހާން އެވެ. އަހަންނަށް ފަހަކަށްއައިސް، އަހާންގެ ލޮލުން ފެންނަމުންމިދާ ޖަޒްބާތުތަކާއި އިހްސާސްތަކަކީ ކޯންޗެއް ހެއްޔެވެ؟ އެއީވެސް އަހާންގެ އެކްޓިންގ ހެއްޔެވެ؟ ބިއްލޫރިކޮޅެއްހައި ސާފުކޮށް އަހާންގެ އިޝްގީ ދެލޮލުން އެ ފެންނަ ލޯތްބާއި އޯގާތެރިކަމަކީވެސް،  ހަގީގަތެއް ނޫން ހެއްޔެވެ؟ މިވަރު ބޮޑު އޮޅުމެއްގައި އަހަރެން ބަނދެވުނީ ކީއްވެ ހެއްޔެވެ؟'

ހިޔާލުގެ ދުނިޔެއިން ކިއާރާއަށް ނިކުމެވުނީވެސް އަހާން ގޮއްވާލި 'ބޮމެއްގެ' އަޑަށެވެ.

"މި ފޮޓޯތަކުން ކިއާރާ ހިތްހަމަޖެހޭ އެއްވެސް ކުއްޖަކު ނުފެންނަންޏާ، ދެން މިކަންވެސް ނިންމާނީ އަހަރެން.. އެ ގޮތް އެންމެ ރަގަޅުވާނެކަމަށް އަހަރެން ބަލާނީ.. އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު މިހަފްތާގައި ރާއްޖެ އައިސްފި..!! އޭނާއަކީ އާންމުކޮށް ރާއްޖޭގައި ދިރިއުޅޭ މީހެއް ނޫން.. އެކަމަކު މިވަގުތު ވިޔަފާރީގެ ބައެއްކަންކަން ހަމަޖައްސާލުމަށް ދުވަސްކޮޅަކު މާލޭގައި މަޑުކުރާނެ.. އަހަރެން އޭނާ ކިއާރާއާއި ބައްދަލުކުރުވާނަން.. ކިއާރާއަށް އެންމެ ފައިދާހުރި ޗޮއިސްއަކީ މިއީ!" މަސްތީ ގޮތަކަށް ކިއާރާއަށް ބަލައިލަމުން އަހާން ބުނެލީ، އެބުނި ބުނުމަށް ކިއާރާ ތައްޔާރުވުމަށް އިޝާރާތްކުރަމުންނެވެ. އެއީ އަހާންގެ ނިންމުންކަން، އޭނާގެ އަޑާއި ހަރަކާތްތަކުން ކިއާރާއަށް ޔަގީންވި އެވެ. ކިއާރާގެ މުސްތަގުބަލް އަހާންގެ ގަލަމުން ކުރަހައި ކުލަޖައްސައިވެސް ނިންމާލީ އެވެ.

.................

"ކިއާރާ...! މީޓް ޝިމާން..! އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އަދި ވިޔަފާރީގެ މުހިއްމު ބައިވެރިއެއް...! ވަރަށް ޅަ އުމުރުގައި ވަރަށްގިނަ ކާމިޔާބީތަކެއް ހޯދާފައި ހުރި ޒުވާނެއްމިއީ.. އެންޑް، ޝިމާން...! ޝީ އިޒް ދި ގާރލް..! ވިޗް އައި ވޯޒް ޓޯކިންގ އެބައުޓް..!" 

ހިޔާލެއް ފިކުރެއް ނެތި އަހާން، އޭނާގެ 'އަނބިމީހާ' އެހެން ފިރިހެނަކަށްޓަކައި ތައަރާފްކޮށްދިނެވެ. ކިއާރާގެ ދެލޮލުން ހޫނު އާވި ނިކުންނަމުންދިޔަ މަންޒަރު އަހާންގެ ކުރިމަތީގައި އެއްވެސް އަގެއް ނެތެވެ. 

"އެންޑް އައި މަސްޓް ސޭ - ޝީ އިޒް ސޯ މަޗް ޕްރިޓީ.. ޕަރފެކްޓް..! އަހަރެން އެންމެ ހިތް އެދޭ، އަހަރެން އެންމެ ބޭނުންވާ ފަދަ.. ނުހަނު ހިތްގައިމު.. އާހހހހ... ޝީ އިޒް ސޯ ބިއުޓިފުލް!" އުވަފެނީ ގޮތަކަށް ޝިމާން ބުންޏެވެ. 

ވާނުވާނޭގި ނިއްކުރީގައި ރޫ ފުންޏެއް ޖަހައިގެން އަނގަ ހުޅުވިފައި ހުރީ ކިއާރާ އެވެ. ލޮލުގެ އާވިން ނިއްކުރީގައި ދާ ބޮކިތައް ހިލުވާލަން ފަށައިފި އެވެ.

"އައި ހޭވް އޯލްރެޑީ ޓޯލްޑް ޔޫ އެވްރިތިންގ..! އުއްމީދުކުރަން އެއިން އެއްވެސް ކަމަކަށް އެއްވެސް މައްސަލައެއް ނެތް ކަމަށް.. އެންޑް ޝީ އިޒް ދި ބެސްޓް - ޔޫ ނޯ..! ޝީ ޑިޒަރވްސް ލަވް އެންޑް ކެއަރ..!" ކިއާރާގެ މޫނަށް ބަލަމުން އަހާން ވާހަކަދެއްކީ، ޝިމާންއާއި ކަމެއް ނުވަތަ އަމިއްލަ ނަފްސާއިކަމެއް ފާހަގަކުރާކަށް ކިއާރާއަކަށް ނޭގުނެވެ.

"އަހާން، އައި ހޭވް ނޯ ޕްރޮބްލެމް ވިތް ދެޓް..! އަހަރެން ވަރަށް އުފާވެއްޖެ ކިއާރާގެ މުސްތަގުބަލާއި އަދި އޭނާއާއިމެދު އަހާން ތިގޮތަށް ވިސްނީތީވެ..! ޔެސް، ޝީ ޑިޒަރވްސް ދި ބެސްޓް! ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް ކިއާރާ ވަރަށް ކަމުގޮސްފި..! އަހަރެން ކިއާރާ ބޭނުން..!" ކިއާރާއަށް ބަލަން އިނދެ ޝިމާން ބުނެލި އެވެ. 

އަހާންގެ ފިނޑިކަމާއި އޭނާގެ ނިންމުމަށް ކިއާރާގެ ހިތާއި ސިކުނޑީގައި ލައުނެއް ދެވުނުވަރެއް ކިއާރާގެ ހިތަށށް ގެންނާންވެސް ނޭގުނެވެ. ވިޔަފާރިވެރިޔަކު، އޭނާގެ ނީލަމްގައި އަގުބޮޑު މުދަލެއް ވިއްކާލާފަދައިން އޭނާގެ އަނބިމީހާ ނީލަންކިޔަނީ އެވެ. އަހާން ކުޅެމުންދިޔަ ޑްރާމާ ނިމެންދެން ބަލަން ހުރުމުގެ ހިތްވަރު ދެއްވާތޯ ކިއާރާ ﷲގެ ހަޒްރަތުގައި ދުއާ ދެންނެވި އެވެ. 

އަހާންގެ ގައިގައި ބައްދާލާފައި ޝިމާން ގެއިން ނިކުންނާން ދަމުން ކިއާރާއަށް ބަލައިލާފައި ހިނިތުންވި އެވެ. ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހައިލީ ހުވަފެނީ ގޮތަކަށް 'ހިތުގައި' ފިރުމާލާފަ އެވެ.

ނަފްރަތާއެކު މޫނު އަނބުރާލިޔަސް، ކިއާރާގެ ސިކުނޑީގައި ރޯވަމުންދިޔަ އަލިފާންގަނޑު މައިތިރިއެއް ނުކުރެވުނެވެ. އަހާން ކޮބައިތޯ ބަލައިލެވުނީ ޝިމާން ލޯ ކުރިމަތީން ގެއްލުނުފަހުންނެވެ. އޭރު އަހާން އެތަނުގައި ނެތެވެ. 

...................

"އެތެރެއަށް ވަދޭ.."  ދޮރުގައި ދެތިންފަހަރު ޓަކި ޖަހައިލުމުން އަހާން ބުނާއަޑު އިވުނެވެ. 

"ކާކު އެއީ..؟" އަހާންގެ ކޮޓަރިއަށް ކިއާރާގެ ފައި އެޅުމާއެކު ކޮށްލީ އޭނާއަށް އެންމެ މުހިއްމުވި ސުވާލެވެ. 

"އަހަރެން ބުނީމެއްނުން އެއީ ކާކުކަން...! ކިއާރާއަށްޓަކައި އެއީ ހަމަ ބެސްޓް..! ކޮންމެވެސް ވަރަކަށް ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލާފައި ވާހަކަ ދައްކާލަބަލަ..! ވަރަށް ހިތް ސާފުވާނެ.. ވަރަށް ހިތް ހެޔޮވާނެ.. އަހްލާގު ވަރަށް ރަގަޅުވާނނެ..!" ކިއާރާގެ ދެއަތް މުއްކެވިފައިވާތަން އަހާންއަށް ފެންނަހެން ހިޔެއް ނުވެ އެވެ. 

އޭނާ ދައްކަން ބޭނުން ވާހަކަތައް ދެއްކި އެވެ. ފެންނަ ފެނުމަށް އަހާންވަނީ ވަރަށްބޮޑަށްވެސް ހިތްހަމަޖެހިފަ އެވެ. 

ރުޅިގަދަވެ، ސިކުނޑިއަށް ބަރުވަމުންދިޔަ ކިއާރާއަށް ވާހަކަދެއްކުނީ އޭނާގެ އަމިއްލަ ނަފުސާ އެވެ. 'ހަގީގަތުގައިވެސް އަހާންގެ ހަޔާތުން އަހަރެން ނެރި އެއްލާލުމަށް އަހާން ތައްޔާރުވެ ނިމުނީ ހެއްޔެވެ؟ އަހާން ބޭނުންވަނީ ހަމައެކަނި އެ ގޮތް ހެއްޔެވެ؟ އަހަންނަކީ އަހާންއާއި އަރާ،އަރަފޯދިގެންވާ މީހެއްނޫންކަން އަހާންވެސް ގަބޫލުކުރަނީ ހެއްޔެވެ؟ އެފަދަ ގާބިލުކަމެއް އަހަރެންގެ ކިބައިގައި ނެތީ ހެއްޔެވެ؟ އެންމެ ރަގަޅެވެ. އަހަރެން އަހާންގެ ދިރިއުޅުމުގައި އިތުރަށް އުނދަގޫކުރާކަށް ނެތީމެވެ. އަހާން ބޭނުން ކޮންމެ ކަމެއް، ބޭނުންވާ ގޮތަށް ކުރުމުގެ ފުރުސަތު ދިނުމަށްވެސް އަހަރެން ތައްޔާރެވެ. ހިތްރުހޭ ގޮތަށް ހުރިހައިކަމެއްވެސް ކުރާށެވެ. ކިޔަމަންވާން އަހަރެން ތައްޔާރުވެއްޖައީމެވެ. ހިތާއި ނަފުސު އެކަމަށް ތައްޔާރެވެ.

..............

(ކިއާރާގެ ހިޔާލް ނިމުނީ..)

މިހާރު......

(ނޯޓް: މިބައިގައި އޮޅުމެއް އަރާނަމަ އެޕިސޯޑް 4-3 ބަލައިލާށެވެ)

ފުންނޭވާއެއް ލާފައި ކިއާރާ ވަށައިގެން ބަލައިލި އެވެ. ރޭގަނޑުގެ އަނދިރިކަން ފަސްދީފި އެވެ. އަމިއްލަ ހިޔާލުގައި ހޭދަވީ ކިހައި އިރެއްކަން ކިއާރާ ވިސްނާނީވެސް ކިހިނެއް ހެއްޔެވެ؟ ދުވަހުގެ އިރު ފަސްދީ، ރޭގަނޑުގެ އަނދިރިކަމަށް މަރުހަބާކީ އިރެއްވެސް ނޭގގެ އެވެ. ޔަގީނުންވެސް މިއީ ފަތިހެއްގެ ރަތްވިލާއިން ޖައްވު ވަށާލާފައިވާ، މުޅިންއާ ފެށުމެއްގެ އާ، ދުވަހެކެވެ. ހިޔާލުގައިވަނީ އެންމެ ނަމެކެވެ. އަހާން އެވެ. ލޯކުރިމަތީގައިވަނީ އެންމެ ސޫރައެކެވެ. އަހާން އެވެ. ދެން އެއްލާން އޮތް ސަފްހާގައި އަތުރާލާނެ އަކުރުތައް ކިއާރާ ނިންމައިފި އެވެ. 

'ހިތުގެ އަޑިން އަހާންދެކެ އަހަރެން ލޯބިވަމެވެ. އެކަމަކު މި ހިތުގެ އިހްސާސްތަކާއިމެދު ޒައްރެއްގެ މިންވަރުވެސް އަހާންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ހަރަކާތްތަކާއި ޖަޒްބާތުތަކަށް އަހާން ކުޑަކޮށްވެސް އިހްތިރާމެއް ނުކުރި އެވެ. 

އަހާން އުފައްދަވާފައިވަނީ ކޮންފަދަ މައުދަނަކުން ބާއެވެ! ހިތުގައި އިހްސާސެއް ނެތެވެ. އެ ހިތުގައި ތިބާ ނޫން އެހެން މީހަކަށްޓަކައި ވިންދެއްވެސް ނުޖަހަނީ އެވެ.

އެކަމަކު އަހާންގެ ލޮލުން ފެންނަ ޖަޒްބާތުތައް އަހަރެންގެ ހިތް މޯޅިކޮށްލަނީ ކީއްވެ ހެއްޔެވެ؟ އެންމެ އިޝާރާތަކަށްވެސް ލޮލުގެ އެސްފިޔަތައް ތިރިކޮށްލާން މަޖުބޫރުވެ އެވެ. ކޮންމެ ކަމެއް ކުރަމުންތިގެންދަނީ ހަމައެކަނި އަހާން ބޭނުންވާ ގޮތަށެވެ. އަހަރެން ބޭނުންވަނީ ކޮން ގޮތެއްތޯ، މިހިއް އެދެނީ ކޮން ކަމަކަށްތޯ ސުވާލުކުރުމެއް ނުވަތަ އެކަމާއިމެދު ފިކުރުކުރުމެއް އަހާންއަށް ނެތީ ކީއްވެ ހެއްޔެވެ؟ ކުޑަމިނުން އަހަރެންގެ ލޮލުން ލޯބީގެ އެންމެ އިޝާރާތެއް ދެނެގަންނާންވެސް އަހާންއަށް ނޭގެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެކަމަށް އަހަރެންގެ ގާބިލުކަމެއް ނެތީހެއްޔެވެ؟

ހުރިހައިކަމެއް މިހެން ހުރިއިރު ރޭގައި އަހާން އެ ދެއްކީ ކޮން ވާހަކަތަކެއްހެއްޔެވެ؟ އޭނާއަށް އެހައި އުނދަގޫތަކެއް ކުއްލިޔަކަށް ވާންޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ކުރިން ނުރިއްސާވަރަށް ކުއްލިޔަކަށް މޭގައި ރިއްސަންފެށީ ކީއްވެ ހެއްޔެވެ؟ 

އަހާން އެވެ. ގަބޫލުކުރާށެވެ. ހަގީގަތާއި ކުރިމަތިލާށެވެ. އަހަރެންގެ ހިތުގައި ރިއްސާވަރަށް އަހާންގެ ހިތުގައިވެސް ރިއްސަ އެވެ. ވަގުތު ފާއިތުނުވަނީސް އަމިއްލަ އިހްސާސް ދެނެގަންނާން މަސައްކަތްކުރާށެވެ. އަހާން ދޫކޮށްލާފައި ދާންއުޅެނީ މި ކިއާރާއެއއް ނޫނެވެ. ކިއާރާ ދޫކޮށްލަން ބޭނުންވަނީ ހަމައެކަނި އަހާން އެވެ. މި ދެހިތުގައި ޖަހަނީ އެއް ވިންދެކެވެ. ވަކިވުމަކީ ކިހައިވަރެއްގެ ވޭނެއްކަން އަހާންއަށް އިހްސާސްވާއިރު ވަގުތު އޮންނާނީ ފަސްދީފަ އެވެ. 

ދޫކޮށްލާފައި ދުރަށް ނުދިއުމަށް ނުވަތަ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އެހެންމީހަކު އިހްތިޔާރު ނުކުރުމަށް އެދި އާދޭސްކޮށް ރޯން ޖެހޭނީ އަހާންއެއް ނޫނެވެ. އެއީ ހަމައެކަނި ކިއާރާއަށް އޮތް ހައްގެއްކަން އަހާންއަށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟؟ އަހަރުމެން ދެމީހުން މި ކުޅޭކުޅިވަރަށް ހަޔާތުގައި ވަގުތެއް ނެތެވެ. ކޮންމެ ފެށުމަކީ އުފަލަކަށްވިޔަސް ކޮންމެ ނިމުމަކީ އުފަލަކަށް ނުވެދދާނެ އެވެ. ދުނިޔެ ދައްކާ ހެކި، އަހަރެން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެންގެ މި ހަޔާތުގެ ހަގީގަތަކީ ހިތާމަ އެވެ. އެކަނިވެރިކަމާއި ނިކަމެތިކަމެވެ. މިނޫން އެހެން އެކަށްޗެއްވެސް އަހަރެންގެ ނަސީބުގައި ނެތެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ދެކޯތާފަތް ކިއާރާ ފޮހެލީ އަތުގެ ނުފުށުންނެވެ. 

އެނދުންތެދުވެ، ހަށިގަނޑު ސީދާކޮށްލަން މަސައްކަތްކުރަކުމުން ކިއާރާވަނީ ފާހާނާއަށެވެ. 

................

"ކިއާރާ.. އަހަންނަށް ވަރަށްބޮޑަށް މައާފްކުރޭ.. ކުރީ ރޭ ކިއާރާގެ ކޮޓަރިއަށް އަހަންނަށް ދެވުނީ ކިހިނެއް، ކީއްވެގެންކަމެއް ބުނެދޭކަށް ނޭގޭ... އަހަންނަށްވެސް އިގޭ އަހަރެން ކަންތައްކުރީ ރަގަޅަކަށް ނޫން.. އެއީ ހިނގައިގެން ނުވާނެ ކަންތައްތަކެއްކަން އަހަރެން ހިތުގެ އަޑިން ގަބޫލުކުރަން.." އަމިއްލަ ނަފުސު ކުއްވެރިކޮށްގެން އަހާން ހިތަށް އައިހައި އެއްޗެއް ކިޔަމުން ގެންދިޔަ އެވެ. ކިއާރާގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް އަހާން ކިބައިގައި ނެތެވެ. 

'ރަހުމުކުޑަ.. ހިތްހަރު އިންސާނާ..! ކުޑަވެސް އިންސާނިއްޔަތުކަމެއް އަހާންގެ ކިބައިގައި ނެތް..! އެކުގައި މި ހޭދަކުރެވުނު ހަ މަހުގެ ތެރޭގައި އަހާންއަށް ކުޑަކޮށްވެސް އަހަރެން ދަސްވެފައެއް ނެތް.. ތިއީ ރަހުމުކުޑަ، އެއްވެސް އޯގާތެރިކަމެއް ނެތް މީހެއް..' ކިއާރާގެ އަމިއްލަ ހިތުން އަހާންއާއި ދިމާއަށް ކިޔުނު ހުރިހައި އެއްޗެއް ކިޔަމުން ގެންދިޔަ އެވެ. އެކަމަކު އެންމެ ލަފްޒެއްވެސް ދުލާއިހަމައަށް ނަ އެވެ. 

"އައި އެމް ސޮރީ...! ޝިމާން އެބަ އާދޭ..! ކިއާރާ ގޮވައިގެން ބޭރަށްގޮސްލައި ބާޒާރުކޮށްލަން ޝިމާން ބޭނުންވާތީ އަހަރެން ބުނިން އެންމެ ރަގަޅޭ..!" ކިއާރާގެ ހާލަތަށް ފިކުރުކުރުމެއްނެތި އަހާން ބުނެލި އެވެ.

"ވަރަށް ބޮޑަށް މާފްކުރޭ އަހާން.. ޝިމާންއާއެކު ބޭރަށް ދެވޭކަށް ނެތް.." ކިއާރާގެ ނިންމުން ބުނެލި އެވެ. 

"ދެވޭކަށް ނެތް...؟ ކީއްވެ..؟ އާރ ޔޫ އޯކޭ..؟" ފިކުރުބޮޑުވެފައި ކުއްލިޔަކަށް އަހާން ސުވާލުތައް އަމުނާލި އެވެ. 

"މާނައަކީ ކޮބާ..؟ އަހަރެން ދާން ބޭނުންނުވާތީ، ދެވޭކަށް ނެތޭ މިބުނީ..! އަހަރެންގެ އަމިއްލަ ކަންކަން އެބަހުރި.. އެހެން ކަންކަމަށް ވަގުތެއް ނެތް.." ކިއާރާ ބުނަން ބޭނުންއެއްޗެއް ބުނީ އަހާންގެ ލޮލަށް ބަލަންހުރެ އެވެ. އަހާންގެ ބަހެއް އަޑުއެހުމެއްނެތި ކިއާރާ އެތަނުން ހިނގައްޖެ އެވެ. 

ހަތަރު ދުވަސް ފަހުން.. ކައިވެނީގެ ހަފުލާގެ ވަގުތު

ކިއާރާ އިށީނދެލައިގެން އިނީ އޭނާގެ ކޮޓަރީގަ އެވެ. ހޫރަށްލީނެއްފަދަ ރީތިކަމެއް ކިއާރާއަށް ލިބިފައިވެ އެވެ. ފެންނަ ކޮންމެ މީހެއްގެ ތަލިން ކުޅުހިކި، ބަސްހުއްޓޭހައި ނަލަ އަގުބޮޑެތި ގަހަނާއިން ކިއާރާ ޖަރީކޮށްލާފައިވެ އެވެ. ލައިގެން އިން ހުދު ވެޑިންޑްރެސްއަކީ ޒުވާން ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނީ 'ވެޑިންޑްރެސް'އަށް ނުވެނުދާނެ އެވެ. ލުއިލުއި މެކަޕާއި އަގުބޮޑެތި ގަހަނާއާއި އެންމެ ޒަމާނީ ވެޑިންޑްރެސްގައި ތައްޔާރުކޮށްލާފައިވިޔަސް، ކިއާރާގެ ދެ ލޯވަނީ ރަތްވެފަ އެވެ. މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. 

'މިއަދުން ފެށިގެން އަހާންގެ ދިރިއުޅުމުން އަބަދަށްޓަކައި އަހަރެން ވަކިވާނަމެވެ. މިއީ އަހާން ބޭނުންވާގޮތެވެ. އުއްމީދުކުރަނީ އަހާން ބޭނުންވާ ހިތްހަމަޖެހުމާއި އުފާވެރިކަމާއި އަމިއްލަ މިނިވަންކަން އަހާންއަށް ލިބޭނެކަމަށެވެ.. އެކަމަކު މިނިންމުމުގެ ސަބަބުން އަހަރެންގެ މިހިތުގައި ވަރަށް ވޭން އަޅަ އެވެ. ކެއްނުކުރެވޭ ރިހުމަކުން މިހިތުގައި ވިންދު ޖަހަ އެވެ. ހަޔާތުގައި ލޯބިވެވުނީ ހަމައެންމެ އިންސާނަކު ދެކެ އެވެ. މުޅި ހިތާއި ފުރާނަ ފިހިގެން މިދަނީ ވެވުނު ލޯބީގެ ސަބަބުންނެވެ. ހަގީގީ ލޯތްބަކީ ހަޔާތުން އެންމެ ފަހަރަކު ވެވޭނެ އެއްޗެކެވެ. އަހަރެންގެ ނަސީބުގައި އެކަންވެސް މިވީ ދުވަހަކުވެސް ހަގީގަތަކަށްވުމެން ނެތް ހުވަފެނަކަށެވެ. ކައިވެންޏަކީ ލޯބިން ބަނދެވޭ ގޮށެކެވެ. އަހަރެންގެ ހަޔާތުގައި ކައިވެންޏާއި ލޯތްބަކީ ކުޅޭ ކުޅިވަރެކެވެ. އެކަކުއަތުން އަނެކަކު އަތުން ބަދަލުކުރަމުންދާ،، ރަނގަހުސްވެފައިވާ އަތްބައެކެވެ. ހުރިހައި ވޭނެއް ތަހަންމަލްކުރަންޖެހެނީ ހަމައެކަނި މި ހަށިގަނޑެވެ. އަހަރެންގެ ލޯބި އަހާން ގަބޫލުކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތެވެ.

މި ހަޔާތުގައި އަހަރެން ލޯބިވީމެވެ. ނިމިދާނީވެސް އެ ލޯބީގެ ހައްގުގަ އެވެ. ފަހު ނޭވާގައިވެސް އެހެން ނަމެއް މިހިތަކުން، މި ދުލަކުން ނުކިޔާނަމެވެ. ދެ ލޯމަރައިލާނީ އަހާންގެ ލޯތްބަށްޓަކަ އެވެ. މިއީ އަހަރެންގެ ނިންމުމެވެ.' ކިއާރާގެ އަމިއްލަ ނަފުސާއި ވާހަކަދައްކަމުންދިޔައީ އޭނާއަށް ތަސައްލީއެއް ލިބޭތޯއެއް ނޫނެވެ. ނަމަވެސް އަމިއްލަ ހިތައް އެއްޗެއް ވިސްނައިދެވޭތޯ އެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުހުޅުވި އަޑަށެވެ.

"ކިއާރާ.. ވަގުތު ޖެހިއްޖެ..! ހިނގާ ދާން..!" ދެކުދިންނާއި ދިމާއަށް ބަލައިނުލައި ކިއާރާ ދެ ލޯމަރައިލި އެވެ.

"އަހަރެން މި ނިކުންނަނީ.. ދޮރުން ބޭރުގައި މަޑުކޮށްލާ.." ކިއާރާގެ ޖުމުލައާއެކު އެކުދިން ދޮރުލެއްޕި އެވެ. ހަށިފުރާ ފުން ނޭވާއެއްލަމުން ކޮޅަށްތެދުވެ ޑްރެސިންޓޭބަލްގެ ވަތްގަނޑު ކިއާރާ ހުޅުވާލި އެވެ. (ނުނިމޭ) 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް