ސީއެޗްއެސްއީ މާލެ ރަސްމީކޮށް ހުުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކޮށް ކިޔަވާދޭން ފެށީ މިދިޔަ ސަރުކާރުންނެވެ. އޭރު ސީއެޗްއެސްސީ ހުޅުމާލެއަށްް ބަދަލުކުރީ ސީއެޗްއެސްސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްކޫލު މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
ސީއެޗްއެސްއީ މާލޭ އިމާރާތް ހުޅުވާ ކިޔަވާދޭން ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަދުވަހުއެވެ. އެ ސްކޫލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ދަރިވަރުން ވަނީ ފޯރަމެއް ހުށައަޅާދީފައެވެ. މި ފޯރަމްގައި އެކުދިން ވަނީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި މިހާރު ހުށައަޅާފައިވާ ބަޖެޓަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ސީއެޗްއެސްއީގެ ކިޔެވުން ފެށުން ފާހަގަކުރައްވާ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މާލޭ ސީއެޗްއެސްއީ ސްކޫލު ވެގެންދާނީ ފުރަމާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު ތަނަށް ކަމަށެވެ. އަދި އެތަން ވެގެންދާނީ ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސް ސްކޫލެއްކަމަށްވެސް ވަޒީރު ޝަފީއު ވިދާޅުވިއެވެ.