އެމްއެމްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެވޯޑްތަކަށް ފަނޑިޔާރުކަން ކުރި ފަނޑިޔާރުން ނެރުނު ލިޔުމުއްގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާއި މެދު ހަގީގަތާއި ހިލާފު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާކަމަށެވެ. އެއްވެސް ދާއިރާއަކުން އެވޯޑް ދިނުމުގައި އިނާމު ދިނުމުގެ އުސޫލާއި ހިލާފަށް އެއްވެސް ކަމެއް އެ ކައުންސިލުން ކޮށްފައި ނުވާނެކަަމަށް އެމްއެމްސީގެ ބަޔާނުގައިވެއެވެ.
ފަނޑިޔާރުންގެ ވާހަަތައް ދޮގުކޮށް އެމްއެމްސީން ނެރުނު ބަޔާނުގައި 11 ކަމެއް ފާހަގަކޮށްފައިވެއެވެ.
އެމްއެމްސީ ބަޔާނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން
އެވޯޑް ދިން ޑޮކިއުމެންޓަރީ އާ ގުޅޭގޮތުން ކުރިން އެމްއެމްސީން ބަޔާނެއް ނެރެފައިވާކަމަށް ބުނެ ފަނޑިޔާރުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެ ކައުންސިލުން ބުނެެއެެވެ. އެ ކައުންސިލުން ބުނީ މިިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ނެރުނު އެ ބަޔާނަކީ ވަކި ނޫހަކުން އާއްމުކުރި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫންކަމަށެވެ. އަދި އެ ބަޔާނަކީ މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަޑުތަކާއި ހިލާފަށް ކޮންޓެންޓް ޝާއިކުރަމުންދާތީ ލިބެމުންދިޔަ ޝަކުވާތަކާއި ގުޅިގެން ހުރިހާ މީޑިއާތަކެއްގެ ސަމާލުކަމަށް އިރުޝާދުދީ ނެރުނު ބަޔާނެއްކަމަށެވެ.
ޝަރުތު ހަމަނުވާ ހުށައެޅުމެއްކަމަށް ކަނޑައެޅުމާއިި ޑިސްކޮލިފައިކުރުމުގެ ފުރިހަމަ ބާރު ލިބިދީފައިވަނީ ހަމައެކަނި ފަނޑިޔާރުންގެ ޕެނަލަށްކަމަށްވެސް އެމްއެމްސީން ނެރުނު ބަޔާނުގައިވެއެވެ. އެގޮތުން 11 ވަނަ ނޫސްވެރިކަމުގެ އިނާމުގައި އިޖުތިމާއި ދާއިރާ އަދި ޝަރުއީ އަދި ގާނޫނީ ދާއިރާއިން ހުށައަޅާފައިވާ ބައެއް ހުށައެޅުންތައް ޝަރުތު ހަމަނުވާތީ ފަނޑިޔާރުން ޕެނަލުން އެ ހުށައެޅުންތައް ޑިސްކޮލިފައިކޮށްފައިވާކަން ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޖީ ސްކީލާން ތަހުގީގީ ވީޑިއޯ އުފެއްދުމަށް އެވޯޑް ލިބިފައިވަނީ ފަނޑިޔާރުންނަށް ނޭގިކަމަށް އެ ފަނޑިޔާރުން ބުނި ވާހަކަތައްވެސް އެމްއެމްސީން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެ ޑޮކިމެންޓަރީއަށް އެވޯޑް ދީފައިވަނީ އެކަމާއި ގުޅޭ ޕެނަލްގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށައެޅި މާކްސް ޝީޓްތަކުން އެވޯޑް ލިބޭ މިންވަރަށް މާކްސް ދީފައިވާކަންވެސް އެމްއެމްސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ވީޑިއޯ އޯޑިއޯ ކެޓެގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ މާކިން ރުބްރިކުގައި ތަހުގީގީ ނަޒަރަކުން އެ އުފެއްދުމަށް އިންސާފު ކުރުން ހަނިކޮށްފައިވާ ކަމަށް ފަނޑިޔާރުން ތުހުމަތު ކުރި ނަމަވެސް އެފަދަ ކަންބޮޑުވުމެއް އެވޯޑުގެ ކުރިން ހިއްސާކޮށްފައި ނުވާކަމަށްވެސް ކައުންސިލުން ބުނެެއެވެ. އޭގެ ބަދަލުގައި ކުރިން ދިން ލަފާތައް އަޑުއަހާ ކައުންސިލުން ކަންކަން އިސްލާހުކުރިކަން ފާހަގަކޮށް ފަނޑިޔާރުން އެކަން ބަލައިގެންކަން އެމްއެމްސީން ބުނެއެވެ
ނޫސްވެރިކަމުގެ އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑު ދިނުމުގައި އޮޅުވާލިކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މޯލްޑިވްސް މީޑިއާ ކައުންސިލަށް އިއްޔެ ވަދެ ތަހުގީގެއް ވަނީ ފަށާފައެވެ. އޭސީސީގެ އޮފިސަރުން އެމްއެމްސީގެ އޮފީހަށް ވަދެ، އެވޯޑާ ގުޅުން ހުރި ލިޔެކިޔުންތައް އަންނީ ހޯދަމުންނެވެ.