މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓް ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވަނީ ރޭ ކުޅުނު މުބާރާތުގެ އެންމެ ފޯރިގަދަވި އިވެންޓު ކަމަށްވާ ޓީމު އިވެންޓުގެ ފައިނަލުގައި ލޮރެންޒޯއާއި ވާދަކޮށެވެ.
މުބާރާތުގެ ވަނަވަނައަށް އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް އަހްމަދު ޒުބެއިރުގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.
މި އަހަރުގެ ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުތަކުގެ ތެރެއިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ދުންޔާޒެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހުސެއިން ފަޔާޒް ބަލިކޮށްގެންނެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ފާތީއެވެ. އެއީ، ފައިނަލުގައި ފަގީހާ އިބްރާހީމް ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒުރާގެ ޕެއާ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ދީނާ އަހްމަދާއި އައިޝަތު ޔަޝްފާގެ ޕެއާ ހޯދީ ފައިނަލުގައި އައިޝަތު އަލީ އާއި އާމިނަތު ފާތީ ބަލިކޮށްގެންނެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ޝަރީފް އާއި މުހައްމަދު ސަމީރުގެ ޕެއާ އެވެ. މި ޕެއާ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އިސްމާއީލް ސުވެއިދު އާއި މުހައްމަދު އަފީފްގެ ޕެއާ ބަލިކޮށްގެންނެވެ. ދެވަނަ ޑިވިޝަނުގެ ފިރިހެން ޗެމްޕިއަންކަން ހަސަން އުސްވަތުﷲ ހޯދާފައިވަނީ ފައިނަލުގައި އަބްދުﷲ އަފީފް ބަލިކޮށްގެންނެވެ.