ރާއްޖެ ޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ކަރެޕްޝަން އަހްމަދު އަދީބު ހިންވެއިރު އެކަމުގެ ވަސްވެސް އެމަނިކުފާނަށް ދުވާފައި ނުވާކަމަށެވެ. އަދި އެ ވަރުގެ ކޮރަޕްޝަން ހިންގާކަން ކުޑަކޮށްވެސް ފުރަތަމަ އެނގުނީ 2015 ވަނަ އަހަރު ހައްޖަށް ފުރުމުގެ ކުރިން ބަޖެޓާއި ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓާރު ޖިހާދާއި ދެކެވުނު ވާހަކައެއްގެ ތެރެއިންކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ކޮރަޕްޝަން ހިންގާކަން އެގުނީ އޭރުގެ ފިނޭންސް މިނިސްޓަރު ޖިހާދު ބަޖެޓް ގެންނެވިއިރު ރަށްރަށް ވިއްކައިގެން ލިބޭ އިކިޒިޝަން ކޯސްޓްގެ ގޮތުގައި ވަރަށް ކުޑަކުޑަ އެއްޗެއް ޖަހާފައި އޮތުމުންކަމަށެވެ. އަދި އޭރު ވަރަށް ގިނަ ރަށްތަކާއި ފަޅުތައް ދޫކޮށްފައި ހުރުމުން އެކަމާއި ޖިހާދާއި ސުވާލުކުރެއްވުމުން ތަފްސީލެއް ނުދެއްވުނުކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އެކަމުގެ މައުލޫމާތު އެންމެ ފަހުން ހޯއްދެވީ މީރާއަށް ރަސްމީކޮށް ލިޔެގެން އެތަނުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
" އަދީބު އަޅުގަޑަށް ދެއްވި ޖަވާބަކީ. ރައީސްއޭ. ހޫރީ ޝޯޓްތާމް އިންވެސްޓްމަންޓްގެ އެއްޗިއްސޭ، އެ އެއްޗެހިތައް އެހެރީ ލޮޖް ކުރެވިފައިއޭ. ވަރަށް އަވަހަށް މި ރިލީޒްވާނެއޭ. ދެން އެހެން ހުރެފައި އަަޅުގަނޑު ހައްޖަށް ފުރައިގެންދިޔައީ." ޔާމީން އަދީބު ދެއްވި ޖަވާބު ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަައއިގެން އަދީބު ޓްއަރިޒަމް ނިނިސްޓަރުކަންވެސް ކުރައްވާތީ ހައްޖުން އައިސް ޓްއަރިޒަމް މީހަކު އައްޔަންކުރަން ނިންމި ވާހަކަ އަދީބު ކައިރީ ދެންނެވިކަމަށާއި އެ މަގާމަށް ނަމެއް ދިނުމަށް އެދުނުކަމަށްވެސް ރައީސް ނޔާމީން ވިދާޅުވިއެވެ. އަދި ނަމަކަށް އެދުމުން ޓްއަރިޒަމަށް އައްޔަންކުރަން އަދީބު ދެއްވީ އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދު ޒިޔަތުގެ ނަންކަންވެސް ޔާމީން ފާހަގަކުރެއްވިއެވެ.
އަދީބު ދިން ނަން ބަލައިނުގަތުމުން އެކަމުގައި އަދީބު ހިތްހަމަ ނުޖެހި އޭނާގެ ނުތަނަވަސްކަން އޮތްކަން ހައްޖަށް ފުރުމުގެ ކުރިން އެނގުނުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.