މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ކުރިން ހައްލުކުރަމުން އައީ ވަގުތީ ގޮތުން ކަމަށެވެ. އެގޮތުން ތެލުގެ އަގު ބޮޑުވުމުން ތެޔޮ ބޯޓެއް ބާއްވައިގެން އަގުހެޔޮކޮށް ތެޔޮ ދިނުމާއި، މަސް ކިރުމުގެ ދަތިތައް ދިމާވުމުން ބޯޓެއް މެދުވެރިކޮށް މަސް ކިރުވުން ފަދަ ވަގުތީ ހައްލުތަކެއް ހޯދަމުން ދިޔަ އެވެ.
މިހާރު ރާއްޖޭގެ 20 ތަނެއްގައި އަށް މިލިއަން ރުފިޔާއާއި ނުވަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ އިންވެސްޓްކޮށްގެން ތެލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި މަސްވެރިކަމުގެ ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.