ޔޫރަޕް ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ ޕޮލިސް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާއާއެކު ކިޔާން އާދިލް މުހައްމަދުވެސް ވާދަކުރެއެވެ.
ޕޮލެންޑުގައި ކުރިއަށްދާ މުބާރާތުގައި ލައިބާ ވަނީ، މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އަދި ސިންގަލްސް އިވެންޓުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މުބާރާތުގެ ސިންގަލްސް އިވެންޓުގެ ގަދަ 16 ވަނަ ބުރުން ލައިބާ ޖާގަ ހޯދީ ގުރޫޕް ނުވައެއްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ތިން މެޗު ވެސް ލައިބާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ އުންމީދީ އެތުލީޓުންގެ ތެރޭގައި ހިމެނޭ، ލައިބާ މިދިޔަ އަހަރުން ފެށިގެން ޔޫރަޕް ޖޫނިއާ ކަލަންޑަރު މުބާރާތްތަކުގައި ބައިވެރިވާއިރު، މިއީ ކިޔާން ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.