ބްރެޒިލްގެ ކޯޗު ކަމަށް ގާޑިއޯލާ ހަމަ ޖައްސަން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ފެތުރުނުއިރު، އިންގްލަންޑްގެ ކޯޗު ކަމަށް ޕެޕް ގާޑިއޯލާ ގެންނަން އިގިރޭސި އެފްއޭއިން ބޭނުންވާ ކަމަށްވެސް ކުރިން ބައެއް ރިޕޯޓްތައް އާއްމުވިއެވެ. އެކަމަކު ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އިންގްލަންޑާ ހަވާލުވުމާއެކު އެ އަޑުތައް ކެނޑި މިހާރު އިވެމުން އަންނަނީ ގާޑިއޯލާއާ ބްރެޒިލްއާ ގުޅުވައިގެންނެވެ.
ގާޑިއޯލާ ހުރީ އަންނަ ސީޒަންގެ ނިޔަލަށް މެންޗެސްޓަ ސިޓީގެ ކޮންޓްރެކްޓެއްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގާޑިއޯލާއާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ބްރެޒިލްއަށް އޭނާ ގެންދިޔުމަށް އަންނަނީ ލޮބީ ކުރަމުންނެވެ. އެކަމަކު ބްރެޒިލްއިންވެސް އަދި ގާޑިއޯލާވެސް މިކަމުގައި ރަސްމީކޮށް އަދި އެއްވެސް ވާހަކަ އެއް ނުދައްކައެވެ.
ގާޑިއޯލާއާ ގާތް ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ގައުމީ ޓީމަކަށް ކޯޗު ކޮށްދިނުމަކީ ގާޑިއޯލާ ބޭނުންވާ ކަމެކެވެ. އަދި މީގެ ދެ އަހަރު ކުރިންފެށިގެން ބްރެޒިލްގެ އިސް ބައެއް ފަރާތްތަކާ އެކަމާ ގުޅޭ ގޮތުން ކޮންމެވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.