ދިވެހި ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް އަހަރެއް ފަހުން، ރާއްޖޭގެ އެކުވެރިކަމުގެ ފުރަތަމަ ދެ މެޗު އޮތީ މި މަހު ބަންގްލަދޭޝްގައެވެ.
މި ދެ މެޗުވެސް ކުޅުމަށް ހަމަ ޖައްސާފައި އޮތީ ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އެރީނާގައެވެ.
މެޗުތައް ކުޅޭނީ މި މަހުގެ 13 އަދި 16 ގައެވެ. މި ދެ ތާރީހަކީވެސް ފީފާގެ ރަސްމީ ދެ ތާރީހު ކަމުން މެޗުތައް ރޭންކިންއަށް ގުނާނެއެވެ. މި ދެ މެޗަށް ދިވެހި ޓީމު ޕްރެކްޓިސް ކުރާތާ ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމުން ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ.