ދުނިޔޭގެ ކަންކަން ދަސްކޮށް އިލްމު ފެތުރުމަށާއި ވިޔަފާރިއާއި ދުންޔަވީ އެހެނިހެން ބޭނުންތަކަށް ދަތުރުކުރި ސައްޔާހުންގެ ލިޔުންތަކުން މިކަން ސާބިތުކުރެވެއެވެ. ހިޖުރައިން 332 ގައި އުޅުއްވި، ސައްޔާހުންގެ ތެރެއިން އަރައިހުންނެވި މަޝްހޫރު ސައްޔާހު އަދި އަރަބީންގެ ބޮޑު ޢިލްމުވެރިޔާ އަލްމަސްޢޫދީގެ ތާރީޚީ ބަޔާނުގައި ލިޔުއްވާފައިވަނީ، އެޒަމާނުގައިވެސް ރާއްޖޭގައި އަމިއްލަ މުސްތަޤިއްލު ރަސްކަމެއްކުރާ ކަމަށެވެ. ރަސްކަލަކީ އަންހެނެއް ކަމުގައެވެ. މިތާގެ މީހުންގެ ފައިސާއަކީ ބޮލިކަމުގައެވެ. އަތުމަސައްކަތްތަކަށާއި ފޭރާން ވިއުމަށް ކުޅަދާނަ ބަޔަކު ކަމުގައެވެ. އެތަނަކީ ވަރަށް މާވަހަރު ލައްގާ ތަނެއް ކަމުގައެވެ. މިރާއްޖޭގައި މުސްތަޤިއްލު ވެރިކަމެއް ނެތް ޒަމާނެއް އެއްވެސް ސައްޔާހެއްގެ އަދި އެއްވެސް ގައުމެއްގެ ތާރީޚަކުން ފެންނާން އޮތްކަމަކަށް އެނގޭކަށް ނެތެވެ.
ދުނިޔޭގައި އިންސާނުން އާބާދުވެ ވަޒަންވެރިވެ ޙަޟާރަތްތައް އުފެދިގެން އަންނަނީ ނުވަތަ ޤައުމުތައް އުފެދި ހިންގުމުގެ ނިޒާމުތައް އުފަންވަނީ ބައިބަޔަށް ވަޒަންވެރިވާ ބައެއްގެ އާބާދިބޮޑުވެ އެމީހުންގެ ކަންކަން އިންތިޒާމުވުމުގެ ބޭނުންތެރިކަމުގެ ތެރެއިން ކަމާމެދަކު އެކަކުވެސް ދެބަހެއް ނުވާނެއެވެ. ރާއްޖޭގައިވެސް ކަންހިނގާނީ އެބީދައިންނެވެ. އެއީ ދުންޔަވީ ސުންނަތެވެ.
ރާއްޖޭގެ ވަކިވަކި ރަށްރަށަށް ކޮންމެވެސް ސަބަބަކާއި ހުރެ އައިބަޔަކު އެކިއެކި ބޭނުންތަކަށް ވަޒަންވެރިވެ ދަރިފަސްކޮޅު ބޮޑު ފެތުރި ޙަޟާރަތެއް މި ރަށްތަކުގައި އުފެދުނު ގޮތަކީ އެނގެން އޮތް ތާރީޚެއް ނޫނެވެ. އެނގެން އޮތީ މިއީ ދޮށީ ޤައުމެއްކަމެވެ. މިތާގައި އޮތީ ހަރުދަނާ ވެރިކަމެއްކަމެވެ. އެންމެ އެވޭލާ ޒަމާނުގައިވެސް މި ދީބުގައި އުޅުނީ ތަހުޒީބު ރައްޔިތުންކަމެވެ. އެމީހުންގެ ދާޚިލީ ކަންކަމާއި ޚާރިޖީ ކަންކަމަކީ ތަހުޒީބު ޙަޟާރަތްތަކުގައިވެސް ހުރި ފަދައިން ގާއިމުވެފައި ހުރިކަމެވެ. ވިޔަފާރީގެ ގުޅުންތަކާއި ސިޔާސީ ގުޅުންތައް އެކިއެކި ކަރަތަކާއެކު ހިންގި މުސްތަޤިއްލު ޤައުމެއްކަމެވެ.
މިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރާއްޖޭގެ އާދަކާދައާއި ރާއްޖޭގެ ގުދުރަތީ ނިޒާމުގެ މައްޗަށް އިންތިޒާމުކޮށް ބިނާކޮށްފައިވާ ވެރިކަމުގެ ނިޒާމެއްކަމުގައި ފެނެއެވެ. މި ދީބުގެ ރަށްތައް ހިންގަމުން އައީކީ އެއްވެސް އިރެއްގައި މަރުކަޒީ ނިޒާމަކުންކަމަކަށް އަހުރެން ނުދެކެމެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ތާރީޚު ލިޔެވެން ފެށީއްސުރެ އަބަދުމެ މިރާއްޖޭގައި ހިނގަމުން އައިސްފައިވަނީ ލާމަރުކަޒީ ވެރިކަމުގެ ނިޒާމެކެވެ. އެއީ މިރާއްޖެ އުފެދިފައިވާ ގޮތުންވެސް ހިންގެން އޮތީ ލާމަރުކަޒީކޮށް ކަމަށްވާތީ ކަމުގައި އަހުރެން ދެކެމެވެ. ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް މިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. މި ރަށްތައް އުފެދިފައިވަނީ ގުދުރަތީގޮތުން ބައިބަޔަށެވެ. އެއިން ކޮންމެ ބައެއް ފާހަގަކުރަން ދިވެހިން ކިޔައި އުޅެނީ އަތޮޅެވެ. ބައެއް އަތޮޅުތަކަކީ ވަރަށް ބޮޑެތި އަތޮޅުތަކެވެ.
އަނެއްބައި އަތޮޅުތަކަކީ ވަރަށް ކުދި އަތޮޅުތަކެކެވެ. އަދި ގުދުރަތީގޮތުން އެންމެ ރަށެއްގެ މައްޗަށް އުފެދިފައިވާ އަތޮޅުތައްވެސް ހުރެއެވެ. އެހެންކަމުން އިދާރީގޮތުން ރާއްޖެ ހިންގުމަށް ގުދުރަތީ އަތޮޅުގެ ބަދަލުގައި އިދާރީ އަތޮޅުތަކެއް އުފަންކޮށްފައިވެއެވެ. އެއީ ދަތުރުފަތުރުގެ ކަންކަން ހުރިގޮތުން ބޮޑެތި އަތޮޅުތައް ހިންގައި ބެލެހެއްޓުމަކީ ވެރިކަމުގެ ފަރާތަށް ގޮންޖެހުން ބޮޑު ދަތިކަމަށްވާތީ ހިންގުމަށް އެކަށޭނަ މިންވަރަށް ބައިކޮށް އިދާރީގޮތުން ވަކި އަތޮޅުތަކެއް އުފަންކޮށްގެންނެވެ.
އަނެއްބައި އަތޮޅުތަކަކީ ގުދުރަތީ އަތޮޅަށް ބަލާއިރު ރަށްތައް މަދު އާބާދީވެސް ކުޑަ އަތޮޅުތަކަކަށްވެފައި އަދި ބައެއް ރަށްތަކަކީ އެންމެ ރަށެއްގެ މައްޗަށް އުފެދިފައިވާ އަތޮޅުތަކަށްވެފައި ޖެހިގެންއޮތް ގުދުރަތީ އަތޮޅާއި ކައިރިވުމުން އިދާރީގޮތުން އެ ރަށްރަށް ބެލެހެއްޓުމަށް ދަތިކަމަކަށް ނުވާ އަތޮޅުތަކެވެ. އެފަދަ އަތޮޅުތައް ހިންގަމުން އައިސްފައިވަނީ އިދާރީގޮތުން އެއްކޮށްލުމަށްފަހު އެއް އަތޮޅެއްގެ ގޮތުގައެވެ. ރާއްޖޭގައި ގުދުރަތީ 26 އަތޮޅު އޮވެއެވެ. އެންމެ އިހުގެ ލިޔުންތަކަށް ބަލާއިރު މި 26 އަތޮޅު ހިންގަމުން އައީ އިދާރީ 13 އަތޮޅެއްގެ ގޮތުގައެވެ. އެކި ޒަމާންތަކުގައި އިދާރީ އަތޮޅުތަކަށް ބަދަލުތައް ގެނވިފައިވެއެވެ. ވަކިން ޚާއްޞަކޮށް ފަހަކަށް އައިސް ބޮޑެތިބަދަލުތައް ގެނެވި މިއަދު އިދާރީ 20 އަތޮޅު ރާއްޖޭގައި އެބައޮތެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަލާއިރު 3 ޒަމާނެއް ރާއްޖެ ދެކެފައިވާ ކަމަށް އަހުރެންނަށް ފެނެއެވެ. އެހެންކަމުން އަހުރެން މި ރާއްޖޭގެ ވެރިކަމުގެ ނިޒާމު 3 ދައުރަކަށް ނުވަތަ 3 ޒަމާނަކަށް ބައިކުރަމެވެ. އެއީ ރާއްޖޭގެ ހިންގުމުގެ އަސާސްތަކަށް ބޮޑެތި ބަދަލުތައް ގެނެވުނު ކަމަށް އަހުރެއް ދެކޭ ތިން މޭލުގަލެވެ. އެއީ މި ރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ 1932 އާއި ހަމައަށް އެއީ ހިންގުމުގެ އެވޭލާ ޒަމާނެވެ.
ދެން އައީ ލިޔެވުނު ޤާނޫނުއަސާސީއެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ތަރުތީބުކޮށް ޤާނޫނީ ޙުކޫމަތަކަށް ވެރިކަން ބަދަލުކުރި ހިސާބުން އުފެދި ފައްކާވާން ފެށި ހިންމުގެ މެދު ޒަމާނެވެ. އަދި ޤާނޫނު އަސާސީން މި ރާއްޖެ ހިންގާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައަޅައި 2011 ގައި ލޯކަލް ކައުންސިލްތައް އިންތިޚާބުކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ލޯކަލް ކައުންސިލްތަކުން ހިންގަން ފެށި މި ޒަމާނެވެ.