އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލް ފެބްރުއަރީއަށް ފަސްކޮށްފި
ގުފްތަގް އަޖީރު
12 ނޮވެންބަރ 2024 - 10:52:27
އިޒްރޭލް ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިދިޔަ މޭ މަހު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ބިލެއް ކަމަށް ބުނެ، އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށް ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމިޓީގެ މެންބަރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މިއީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ސަރުކާރު ނިކަމެތިކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވަނީ މި ބިލް އޮތްގޮތަށް ފާސްކޮށްފި ނަމަ ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ އިޒްރޭލްގެ ޕާސްޕޯޓުގައި ފަލަސްތީނުގެ ވަރަށް ގިނަ ރައްޔިތުން ވެސް ދަތުރުކުރާތީ އެވެ.
ބިލާއި ގުޅޭ މުހިންމު ނުކުތާތައް:
- އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލް ހުށަހެޅީ މޭ 29 ގައި
- ބިލް ނިންމަން ކަނޑައެޅީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް
- ބިލަކީ ސިޔާސީ މަގްސަދެއްގައި ހުށަހެޅި ބިލެއް ކަމަށް ނާޒިމް ވިދާޅުވި
- ބިލް އޮތްގޮތަށް ފާސްކުރުމުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޭޖީ ބުނެފައިވޭ
- ބިލް ފާސްކުރުމުގެ ކުރިން އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭކަމަށް ކޮމިޓީން ނިންމި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް