ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ.
މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމް ކުރެވި ފަރުވާ ތަންފީޒު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިަކަމަށް އެންޑީއޭއިން ބުނެއެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް އެންޑީއޭގެ އެކްޓިން ސީއީއޯ ވަނީ އެދިވަޑައިގެންފައެވެ.
މިކަމަކީވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ އެކްޓިން ސީއީއޯ ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފަ ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އެންގިފައިވާ މީހުން ކަމަށެވެ.
ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެންޑީއޭ އިން މަޝްވަރާކުރައްވާފަވާއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި ކަމަށް އެންޑިއޭ އިން ބުނެއެވެ. އެގޮތުން މި މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ހިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ހިދުމަތް ދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން ގއ. ދާންދޫ ސިއްހީ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ހިދުމަތް ފަށާފައިވާ ކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ހިދުމަތް މިއަހަރުގެ މާޗު މަހު ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.