ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ކުޑަކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ކުޑަ ކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ކުޑަކުދިންގެ ފޯނު ފަދަ ތަކެތި ބެލުމުގެ ހުއްދައެއް ފުލުހުންނަކަށް ނޯންނާނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

ހައިކޯޓުން މިގޮތަށް ކަނޑައެޅީ އުމުރުން 14 އަހަރުގެ ކުއްޖެއްގެ މައްޗާށް ކުރެވުނު ތުހުމަތަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފަހައްޓައި ބެލުމަށް ކޯޓު އަމުރެއް ހޯދުމަށް އެދުނު މައްސަލައިގައެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާގޮތުން 15 އަހަރުން ދަށުގެ ކުދިންނަކީ ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް ނޫނެވެ. އެހެން އެކަން އޮތް ނަމަވެސް ފުލުހުންވަނީ 14 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން އެ ކުއްޖާގެ ފޯނު ހިފެހެއްޓުމަށާއި ފޯނު ހުޅުވުމުގެ އަމުރެއް ހޯދުމަށް ޖުވެނައިލް ކޯޓުގައި އެދިފައެވެ.

އެ މައްސަލާގައި މިދިޔަ މަހު ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެއީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ ކުއްޖަކަށް ނުވާތީ އެ ކުއްޖާގެ މައްޗަށް އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ. އެ ނިންމުން ހިފައިގެން ދައުލަތުން ހައިކޯޓަށް ދިޔުމުން އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުދިންގެ މޮބައިލް ފޯނު ފަދަ ތަކެތި ބެލުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށް ހައި ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކުދިންނާ މެދު އެފަދަ ފިޔަވަޅެއް އެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މީހުންގެ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެ ހައްގު ހިފެހެއްޓޭ ގޮތަށް ކޯޓަކަށް އަމުރު ނެރެވޭނީ ގާނޫނަކުން ހުއްދަ ލިބިގެން އަދި ގާނޫނު ހުއްދަކުރާ މިންވަރަކަށް އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.

ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް