ads
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ވެރިން
ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން ގޮވާލައިފި
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މިހާރުން މިހާރަށް އަމަލުކުރުން މަޑުޖައްސާލައި ފަތުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކާ މަޝްވަރާ ކުރަން ދަ ޑިމޮކްރެޓްސްއިން މިއަދު ގޮވާލައިފި އެވެ.
Advertisement

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޓޫރިޒަމް ސިނާއަތުގެ ފައުންޑަރުން ކަމަށްވާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ މުހައްމަދު މޫސާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު އެޑްވައިޒަރު މުހައްމަދު ހަލީލުގެ އިތުރުން ދެންވެސް ކިތަންމެ އެތައް ޓޫރިޒަމް ވިޔަފާރިއަކުން ސަރުކާރާއި މަރުކަޒީ ބޭންކުން އެކަށައަޅާފައިވާ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރީގެ ހަގީގަތާއި މުޅިން ނުބައްދަލު ބޭރު ފައިސާއާ ބެހޭ ގަވާއިދު މިހާރު އޮތް ގޮތުން ވިޔަފާރިތަކަށް އެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނާ އަދަދަށް ބޭރު ފައިސާ މާރުކުރަން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ވަރަށް ތަފްސީލުކޮށް، ސަބަބުވެރި ސަބަބުތަކާއެކު ބަޔާންކޮށްދީފައިވާ ކަމަށެވެ.

އިތުރަށް ޑިމޮކްރެޓްސް އިން ބުނީ، އަލަށް މާކެޓަށް ނެރޭ ރަށްރަށަށް އިންވެސްޓުކުރާނެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުން ބޭނުންތެރިކަމަށް ދެކޭ ކަމަށެވެ.

ޓޫރިޒަމް ސިނާއަތަކީ މިހާރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ވަސީލަތް ކަމަށާއި އިގްތިސާދީ ހާލަތުން އަރައިގަތުމަށް އަނެއްކާވެސް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ބޮޑުކުރަން މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގައި މިހާރުވެސް އެތަކެއް ޑޮލަރެއް އިންވެސްޓްކޮށްގެން ތިބި އިންވެސްޓަރުންގެ އިތުބާރަށް އަސަރު ކުރާނެ އެއްވެސް ކަމެއް ވިޔަނުދީ އެ އިތުބާރު ހިފަހައްޓާ އަދި އަލަށް މާކެޓަށް ނެރޭ ރަށްރަށަށް ބޭނުންވާނެ އިންވެސްޓްމެންޓްތަކަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުން ބޭނުންތެރި ކަމަށްވެސް ބުނެފައިވެ އެވެ.

އެ ގަވައިދު މިހާރު އޮތް ގޮތުން، ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކުގެ ވިޔަފާރިތައް ހަލާކުވެ، ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން މިހާރުން މިހާރަށް ބޭރު ފައިސާއާ ބެހޭ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލަން ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފަ އެވެ.

"ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި މިހާރު އޮތްގޮތަށް، ޓޫރިޒަމް ވިޔަފާރި ހިނގާގޮތުގެ އާންމު ހަގީގަތަށް ރިއާޔަތްކުރުމެއް ނެތި އެއް އަދަދެއް ހުރިހާ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކުން މާރުކުރަން ޖައްސައިފިނަމަ، ބަޖެޓް އަދި މިޑްމާކެޓް ގިނަ ހޮޓާ، ރިޒޯޓް އަދި ގެސްޓްހައުސްތަކެއްގެ ވިޔަފާރި ހަލާކުވެ ބަންދުކުރަން ޖެހި، މި ސިނާއަތުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންތަކެއްގެ މުސާރަ އަށް ނޭދެވޭ އަސަރުތަކެއްކޮށް އަދި އެތައް ބައެއްގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައި އޮތް ވަޒީފާތަކެއް ގެއްލި ހިނގައިދާނެ ކަމުގެ ބިރު އެބައޮތް" ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ. 

މި މައްސަލަ ހައްލު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކާ ވީއެންމެ އަވަހަށް މަޝްވަރާ ކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ސަރުކާރަށް ގޮވައިލާފަ އެވެ.

އާ ގަވައިދުތަކާ އެއްގޮތަށް ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން ވަނީ ސަރުކާރުގައި އެދިފަ އެވެ.  

އަދި އާ ގަވައިދަށް އަމަލު ނުކުރާނެކަން، ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް، މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވާ ޕަލްސް ކުންފުންޏާއި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލްއިިން ވެސް ވަނީ އަންގައިފަ އެވެ.

ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ އާ ސިޔާސަތުގެ ދަށުން އެކުލަވާފައިވާ ގަވައިދު ހިމެނޭ ކެޓަގަރީ "އޭ" ގައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކު 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ކޮންމެވެސް ބޭންކަކަށް މާރުކުރަންޖެހެ އެވެ. އަދި ކެޓަގަރީ "ބީ"ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ރާއްޖޭެ ބޭންކަކަށް ޖަމާކުރަންޖެހެ އެވެ.

އެމްއެމްއޭގެ މި ނިންމުމަކީ ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ނިންމުމެކެވެ. ވަކިން ހާއްސަކޮށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ -- މަޓީގެ އިސް ބޭފުޅުން އެމްއެމްއޭގެ ނިންމުމާ ދެކޮޅެވެ. ނަމަވެސް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެމްއެމްއޭގެ ނިންމުން ރަނގަޅެވެ. ގިނަ ރައްޔިތުން ދެކޭ ގޮތުގައި މިއީ ގައުމުގެ އިގްތިސާދަށް ކޮންމެހެން ބޭނުންވާ ބަދަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް